އިޓަލީގެ ވެރިރަށް ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމަކީ މިފަހަރުގެ ޔޫރޯ ފެށިގެންދާނެ ސްޓޭޑިއަމެވެ. މުބާރާތް ހުޅުވުމުގެ ގޮތުން އިޓަލީ އާއި ތުރުކީ ބައްދަލުކުރާ މެޗު ޖޫން އެގާރަ ވަނަ ދުވަހު ކުޅެވޭނީ ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމުގައެވެ.
ޖުމްލަ 70 ހާސް މީހުންނަށް ވަދެވޭ މި ސްޓޭޑިއަމަކީ އޮލިމްޕިކް ސްޓޭޑިއަމޭ ކިޔަކަސް އާއްމު ގޮތެއްގައި ފުޓްބޯޅައިގެ މަންޒިލެކެވެ. އިޓަލީގެ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުގެ ތެރެއިން ރޯމާއާއި ލާޒިއޯގެ ހޯމް ސްޓޭޑިއަމަކީވެސް މިއީއެވެ. މިއީ 1990 ވަނަ އަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުވެސް ކުޅެވުނު ސްޓޭޑިއަމެވެ. ކިތަންމެ ފަހަރަކު ޔޫރަޕިއަން ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ފައިނަލްވެސް މި ތަނުގައި ކުޅެފައިވެއެވެ.
ޔޫރޯ ހުޅުވާ މެޗުގެ އިތުރަށް ގްރޫޕް އޭގައި އިޓަލީ ކުޅޭ އިތުރު ދެ މެޗަކާއި ކުއާޓަރ ފައިނަލްގެ މެޗެއްވެސް ރޯމްގައި ކުޅޭނެއެވެ. މި މެޗުތަކަށް ސްޓޭޑިއަމްގެ ޖުމްލަ ކެޕޭސިޓީގެ ތެރެއިން މަދުވެގެން ވިހި އިންސައްތަ މީހުން ވެއްދުމަށް އިޓަލީގެ ފުޓްބޯޅަ އެސޯސިއޭޝަނުން އުއްމީދު ކުރެއެވެ.
ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމަކީ އިޓަލީގެ އެންމެ ދުވަސްވީ އެއް ސްޓޭޑިއަމެވެ. އެންމެފަހުން މިތަން އައުކޮށް ބޮޑުކުރީ 1990 ވަނަ އަހަރުގެ ވޯލްޑްކަޕް ބޭއްވުމަށެވެ. ފުޓްބޯޅައިގެ އިތުރުން ރަގަބީ މެޗުތަކާއި އެތުލެޓިކްސްގެ އީވެންޓުތައްވެސް ދޭތެރެޔަކުން ބާއްވަައެވެ. އަދި ބޮޑެތި މިއުޒިކް ކޮންސަޓްތައްވެސް ބާއްވައެވެ. ދާދިފަހަކުން އެއްލައްކަ މީހުން ވައްދައިގެންވެސް މިޒާތުގެ ބޮޑު ކޮންސަޓެއް ބާއްވާފައިވެއެވެ.