ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ހުކުރު ދުވަހުގެރޭ ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުން ސްޕެއިނާއި ޕޯޗުގަލް އެއްވަރުވިއިރު، ޗެކް ރިޕަބްލިކް އަތުން އިޓަލީ ފަަސޭހަ މޮޅެއް ހޯދައިފިއެވެ.
ސްޕެއިނާއި ޔޫރަޕުގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ބައްދަލުކުރި މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
ސްޕެއިނުގައި ކުޅުނު މެޗުގައި އެ ގައުމުން ވަނީ ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުމުގެ ފުރުސަތު ނުލިބުމުން، ސްޕެއިނުގެ ގައުމީ ޓީމަށް ކުޅެން ނިންމި މެންޗެސްޓާ ސިޓީގެ ޑިފެންޑަރު އައިމެރިކް ލަޕޯޓަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފައެވެ. މި މެޗުގައި ދެ ގައުމަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައިރު، މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ސްޕެއިނުގެ އަލްވާރޯ މޮރާޓާއަށް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
އަދި އޭގެ ފަހުން ޕޯޗުގަލުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް ދިޔައިރު، މެޗުގެ އިތުރު ވަގުތުގައި ސްޕެއިނުގެ މޮރާޓާ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.
މި މަހުގެ 11 ވަނަ ދުވަހު ފަށާ ޔޫރޯއަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުން ސްޕެއިނާއި ޕޯޗުގަލް އެއްވަރުވިއިރު، މި ފަހަރުގެ ޔޫރޯގައި ސްޕެއިން ހިމެނެނީ ގްރޫޕް އީ ގައެވެ. އެ ގްރޫޕުގައި ދެން ހިމެނޭ ގައުމުތަކަކީ ޕޮލެންޑް، ސްލޮވާކިއާ އަދި ސްވިޑެންއެވެ. އަދި މަރުގެ ގްރޫޕް ކަމަށްވާ ގްރޫޕް އެފް ގައި ޕޯޗުގަލް ހިމެނޭއިރު، އެ ގްރޫޕުގައި ދެން ހިމެނެނީ ފްރާންސް، ޖަރުމަން އަދި ހަންގޭރީއެވެ.
މީގެ އިތުރުން ހުކުރު ދުވަހުގެރޭ އަމިއްލަ ގައުމުގައި ކުޅުނު މެޗުން އިޓަލީ މޮޅުވީ ޗެކް ރިޕަބްލިކް އަތުން 4-0 ގެ ނަތީޖާއަކުންނެވެ.
އިޓަަލީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 23 ވަނަ މިނެޓުގައި އެ ގައުމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އިޓަލީއަށް ކާމިޔާބުކޮށްދިނީ ޗީރޯ އިމޮބިލޭއެވެ. އަދި ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ނިކޯލޯ ބަރެއްލާ ވަނީ އިޓަލީގެ ލީޑު ފުޅާކޮށްދީފައެވެ.
މެޗުގެ ދެވަނަ ހާފުގައިވެސް އިޓަލީން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 66 ވަނަ މިނެޓުގައި ލޮރެންޒޯ އިންސީނިއޭ ވަނީ އެ ގައުމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ދެން މި މެޗުގައި އިޓަލީން ކާމިޔާބުކުރި އަނެއް ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި ޖަހައިދިނީ ޑޮމެނިކޯ ބެރާޑީއެވެ.
ހުކުރު ދުވަހުގެރޭ ކުޅުނު އެކުވެރިކަމުގެ މެޗުން އިޓަލީ މޮޅުވިއިރު، މި ފަހަރުގެ ޔޫރޯގައި އެ ގައުމު ހިމެނެނީ ގްރޫޕް އޭ ގައެވެ. އެ ގުރޫޕުގައި ދެން ހިމެނެނީ ސްވިޓްޒަލެންޑް، ތުރުކީ އަދި ވޭލްސްއެވެ.