މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކުޅުންތެރިން ތައްޔާރުވަމުން އަންނައިރު، މިއީ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއްގެ ފަހު ޔޫރޯއަށް ކަމަށް ވެދާނެއެވެ. މި މުބާރާތުން ޒުވާން ގިނަ ކުޅުންތެރިންތަކެއް ވިދާލާނެ ކަމަށް ބެލެވިފައިވާއިރު، މި މުބާރާތް ވެގެންދާނީ ޒުވާން ކުޅުންތެރިންނަށް ފުޓްބޯޅަ ހަދިޔާ ކުރުމަށްފަހު، މަޝްހޫރު ގިނަ ކުޅުންތެރިންތަކެއްގެ ލެގަސީ ތާރީޚުގެ ތެރެއަށް ދޫކޮށްލާނެ މުބާރާތަކަށެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ - ޕޯޗުގަލް
މި އަހަރުގެ މުބާރާތަށްފަހު ޔޫރޯއާ އަލްވަދާއު ކިޔާނެ އެންމެ މުހިންމު ކުޅުންތެރިޔަކީ އުމުރުން 36 އަހަރުގެ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ޕޯޗުގަލާއެކު 2004 ވަނަ އަހަރު ޔޫރޯއަށް ނުކުތް ރޮނާލްޑޯއަކީ މި މުބާރާތުގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާއޭވެސް ބުނެވިދާނެއެވެ. 2004 ވަނަ އަހަރުގެ ފައިނަލުގައި ގްރީސް އަތުންވި ބަލި ރޮނާލްޑޯ ހަނދާނުން ފިލުވާލީ އެންމެ ފަހުގެ ޔޫރޯގެ ޗެމްޕިއަންކަން އޭނާގެ ކެޕްޓަންކަމުގެ ދަށުން ޕޯޗުގަލް ހޯދުމާއެކުގައެވެ.
މިހާރު ރޮނާލްޑޯއަކީ މި މުބާރާތުގައި އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން ރޮނާލްޑޯ ވަނީ މިހާތަނަށް ޔޫރޯގައި 21 މެޗު ކުޅެފައެވެ. ދެވަނައަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ޖަރުމަނުގެ ކުރީގެ މިޑްފީލްޑަރު ބަސްޓިއަން ޝްވައިންސްޓައިގާ ކުޅެދީފައިވަނީ 18 މެޗެވެ.
މީގެ އިތުރުން ޔޫރޯގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑު ހެދުމުގެ ފުރުސަތު މި ފަހަރުގެ މުބާރާތުގައި ރޮނާލްޑޯއަށް އެބައޮތެވެ. އެ ލިސްޓުގެ އެއްވަނައިގައި އޮތް ކުރީގެ ލެޖެންޑް ފްރާންސްގެ މިޝޭލް ޕްލެޓިނީ އާއި ރޮނާލްޑޯ ވަނީ މިހާތަނަށް ޔޫރޯގައި ނުވަ ލަނޑު ޖަހާފައެވެ.
ލޫކާ މޮޑްރިޗް - ކްރޮއޭޝިއާ
ކްރޮއޭޝިއާގެ ކެޕްޓަން އުމުރުން 35 އަހަރުގެ ލޫކާ މޮޑްރިޗަކީ ރޮނާލްޑޯ އަދި ލިއޮނަލް މެސީގެ ވާދަވެރިކަމުގެ ތެރޭގައި ބަލޮންޑޯ އެވޯޑް ހޯދި ފުރަތަމަ ކުޅުންތެރިޔާއެވެ. އެގޮތުން 2018 ވަނަ އަހަރު މޮޑްރިޗް ވަނީ ފޯފާ ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، ޔޫރަޕުގެ މޮޅު ކުޅުންތެރިޔާއާގެ މަގާމާއި، ފީފާއިން ހޮވާ ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް އަދި ބަލޮންޑޯ އެވޯޑުވެސް ހޯދާފައެވެ. އެއާއެކު މޮޑްރިޗް ވެފައިވަނީ އެއް އަހަރު ތެރޭ މި އެވޯޑުތައް ހާސިލުކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
ކްރޮއޭޝިއާ ޓީމުގެ އިންޖީނަކީވެސް މޮޑްރިޗެވެ. އެކަމަކު މިއަހަރުގެ ޔޫރޯއަށްފަހު މޮޑްރިޗްވެސް މި މުބާރާތާ އަލްވަދާއު ކިޔާނެ ކަމަށް ބެލެވެއެވެ. މި އަހަރުގެ މުބާރާތަށް ކްރޮއޭޝިއާ ނުކުންނައިރު، އެގައުމުގެ ސަޕޯޓަރުންގެ އުއްމީދުވެސް ގުޅިފައިވާ ކުޅުންތެރިޔަކީ މޮޑްރިޗެވެ. އެގޮތުން ވޯލްޑް ކަޕުގައި މޮޑްރިޗް ދެއްކި ކުޅުން ދައްކައިފިނަމަ، ޝަރަފުވެރިކަމާއެކު ޔޫރޯއާ އަލްވަދާއު ކިޔާނެ އެއް ކުޅުންތެރިޔަކީ މޮޑްރިޗެވެ.
ކަރީމް ބެންޒެމާ - ފްރާންސް
އުމުރުން މިހާރު 33 އަހަރުގެ ބެންޒެމާ ވަނީ ދަ ފަހަރެއްގެ މަތިން ޔޫރޯގައި ކުޅެފައެވެ. އެއީ 2008 އަދި 2012 ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތްތަކެވެ. އެކަމަކު 2015 ވަނަ އަހަރުގެ ފަހުން ބެންޒެމާއަށް ފްރާންސްގެ ސްކޮޑުން ޖާގަ ދީފައި ނުވުމުން، 2016 ވަނަ އަހަރު ބޭއްވި ޔޫރޯ އޭނާއަށް ގެއްލުނެވެ. އެކަމަކު ބޮޑު މެދުކެނޑުމަކަށްފަހު ފްރާންސްއިން ވަނީ ކުރިއަށް އޮތް ޔޫރޯށް އެކުލަވާލި ސްކޮޑުގައި ބެންޒެމާ ހިމަނާފައެވެ.
އަހަރުތަކަކަށްފަހު ފްރާންސްގެ ސްކޮޑުން ޖާގަ ހޯދި ބެންޒެމާއަކީ ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިއެކެވެ. އެގޮތުން މީގެ ކުރިން އޭނާ ވަނީ ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމަށް 81 މެޗު ކުޅެދީ 27 ލަނޑު ޖަހާފައެވެ. މިހާތަނަށް ފްރާންސާއެކު ބެންޒެމާއަށް ކާމިޔާބީއެއް ހޯދިފައި ނުވި ނަމަވެސް، ޔޫރޯގެ ކުރިން ދިން އިންޓަވިއުއެއްގައި ބެންޒެމާ ވަނީ ކެރިއަރު ނިންމާލުމުގެ ކުރިން ފްރާންސްގެ ގައުމީ ޓީމާއެކު ކާމިޔާބީއެއް ހޯދަން ބޭނުންވާ ކަމަށް ބުނެފައެވެ.