ބޮޮން ގޮއްވި ވަގުތު ކައިރީގައި ތިބި ހަށިފާރަވެރިންނަށް ބަސް ނުބުނެވޭ ގޮތަށް ކަންކަން ނިންމުމަކީ ބޮޑު ބޭއިންސާފެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މެއި 6 ވަނަ ދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބަޔާން ދޭން ޖެހޭ ފަރާތްތަކަށް ޖަވާބުދާރީ ވާނީ މުއައްސަސާއިން ކަމަށް ބުނެ އެމްއެންޑީއެފުން ނެރެފައިވާ ބަޔާނަށް ރައްދުދެއްވައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، އެއީ ބޮޑު ބޭ އިންސާފެއް ކަމަަށާއި، އާންމު ސޯލްޖަރުން މަސައްކަތްކުރި ފުރިހަމަގޮތް ގެއްލުވާލުމަށް މުއައްސަސާގެ މަތީފަންތީގައި ތިއްބެވި އެއްވެސް ބޭފުޅަކު ނިންމައިގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްއެންޑީއެފުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި ޖަވާބުދާރީވާނީ މުއައްސަސާއިން ކަމަށެވެ. މަޖިލީހުން ނުވަތަ މަޖިލީހުގެ ކޮމިޓީއަކުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސިފައިންގެ ވަކި މީހަކު މަސްއޫލިއްޔަތު އަދާކުރާ ގޮތާ ގުޅޭ ގޮތުން މައުލޫމާތު ހޯދަން ބޭނުވެއްޖެ ހާލަތެއްގައި އެ މައުލޫމާތު ވެސް ފޯރުކޮށްދޭނީ މުއައްސަސާއިން ކަމަށެވެ. ސިފައިންނަކީ އަމިއްލަ ހައިސިއްޔަތުން އެކިއެކި ފަރާތްތަކާ މުއާމަލާތް ކުރުމުގެ އިޚްތިޔާރު ލިބެގެންވާ ބައެއް ނޫން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241) ން ކުރިއަށްގެންދާ އިންކުއަރީއާ ގުޅޭގޮތުން ނެރުނު ބަޔާނުގައި އެމްއެންޑީއެފުން ބުނީ އެ އިންކުއަރީއަށް އެމްއެންޑީއެފް އިން ފުރިހަމަ އެއްބާރުލުން ދޭނެކަމަށެވެ. މި އިންކުއަރީއަށް ވަކިވަކި ސިފައިންނަށާއި ފުލުހުންނަށް ވެސް މައުލޫމާތު ދެވޭ ގޮތަށް ހުޅުވާލާފައިވާއިރު، އެމްއެންޑީއެފްއިން ބުނީ ކޮމިޓީގެ އިންކުއަރީއަށް ވަކިވަކި ފަރުދުންގެ ފަރާތުން މައުލޫމާތު ހޯދޭ ގޮތަށް ގާނޫނީ ހައިސިއްޔަތު އޮތް ނަމަވެސް އެކަމަކީ އެމްއެންޑީއެފްގެ ޗެއިން އޮފް ކޮމާންޑްއާ މުޅިން ހިލާފު ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ސިފައިންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އެމްއެންޑީއެފުން ބުނީ ސިފައިންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ލިބޭ އެއްވެސް މައުލޫމާތެއް ސިފައިންގެ ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ފަރާތްތައް ނޫން އެހެން އެއްވެސް ފަރާތަކާ ހިއްސާކުރުމަކީ މަނާ ކަމެއް ކަމަށެވެ. އަދި ސިފައިންނަކީ 24 ގަޑި އިރުގެ ޚިދުމަތެއްދޭ ބަޔަކަށް ވާއިރު އެފަދަ އެއްވެސް މައުލޫމާތެއް ކޮމާންޑަރެއްގެ ހުއްދަ ނެތި ބަޔަކާ ހިއްސާކުރުމަކީ ވެސް މަނާކަމެއް ކަމުގައި ބުނެފައިވެއެވެ. އެގޮތުން ސިފައިންގެ މައްސޫލިއްޔަތުގެ ތެރެއިން ލިބޭ މައުލޫމާތުތަކާ ގުޅިގެން ޖަވާބުދާރީވާން ޖެހޭނީ ޗީފް އޮފް ޑިފެންސް ފޯސް ކަމަށާއި، އެ މަގާމުގައި ހުންނަވާ ބޭފުޅަކު އަދާކުރާ މަސްއޫލިއްޔަތުތަކާ ގުޅިގެން މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނީ ޑިފެންސް މިނިސްޓަރ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ބަޔާނުގައި ބުނީ އެ އުސޫލު ނޫން އެހެން ގޮތަކަށް އަމަލުކުރުމަށް ޝަރުއީ ކޯޓެއްގެ އެއްވެސް ހުކުމެއް ނެތް ކަމަށާއި އެހެންވެ އެ އުސޫލުގެ ތެރެއިން ކޮމިޓީގެ އިންކުއަރީއަށް ބޭނުންވާ މައުލޫމާތުތައް ފޯރުކޮށްދޭނެ ކަމަށެވެ.