މި އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތް ބާއްވާއިރު، މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ޕޯޗުގަލެވެ. އެ ޓީމުން 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި މުބާރާތް ބޭއްވި ގައުމު ކަމަށްވާ ފްރާންސް 1-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.
އަމިއްލަ ގައުމުގައި 2004 ވަނަ އަހަރު ބޭއްވި ޔޫރޯގެ ފައިނަލުން ގްރީސް އަތުން ބަލިވިތާ 12 އަހަރު ފަހުން ޕޯޗުގަލުން ޗެމްޕިއަންކަން ހޯދިއިރު، މިއީ އެ ގައުމަށް ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ލިބުނު ފުރަތަމަ ތައްޓެވެ.
އެ ފަހަރުގެ މުބާރާތުގެ ދެވަނަ ބުރުން ޕޯޗުގަލް ޖާގަ ހޯދާފައިވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުވެސް އެއްވަރުވެ، ތިންވަނަ ހޯދި ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. އަދި އެ މުބާރާތުގައި ޕޯޗުގަލަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، މުޅި މުބާރާތުގައިވެސް 90 މިނެޓުގެ ތެރޭގައި ޕޯޗުގަލް މޮޅުވީ އެންމެ މެޗަކުންނެވެ. އެގޮތުން ފައިނަލް މެޗުންވެސް ޕޯޗުގަލް މޮޅުވެފައިވަނީ އިތުރު ވަގުތުގައެވެ.
2016 ވަނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް ހިމެނުނީ ގްރޫޕް އެފްގައެވެ. އެ ގްރޫޕުގައި ދެން ހިމެނުނީ ހަންގޭރީ، އައިސްލެންޑް އަދި އޮސްޓްރިއާއެވެ. ގްރޫޕް ސްޓޭޖުގައި ޕޯޗުގަލުން ކުޅުނު ތިން މެޗުވެސް އެއްވަރުވިއިރު، ދެވަނަ ބުރުގައި ކްރޮއޭޝިއާ އަތުން އިތުރު ވަގުތުގައި ޕޯޗުގަލް ވަނީ 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ކުއާޓާ ފައިނަލުގައި ޕޮލެންޑް އަތުން ޕޯޗުގަލް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުންނެވެ. އެކަމަކު ސެމީ ފައިނަލުގައި ޕޯޗުގަލުން މޮޅު ކުޅުމެއް ދެއްކިއިރު، ސެމީގައި ވޭލްސް އަތުން އެ ގައުމު ވަނީ 2-0 ގެ ނަތީޖައަކުން މޮޅުވެފައެވެ.
އެ ފަހަރުގެ ފައިނަލް މެޗުގެ 20 ވަނަ މިނެޓުގައި ޕޯޗުގަލުގެ ކެޕްޓަން ރޮނާލްޑޯގެ ކަކުލަށް އަނިޔާވެ އޭނާ ބަދަލުކުރަން ޖެހުނުއިރު، ފައިނަލް މެޗުން ޕޯޗުގަލް މޮޅުވީ މެޗުގެ 109 ވަނަ މިނެޓުގައި މިހާރު އުމުރުން 33 އަހަރުގެ އެޑާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އެއާއެކު މި ފަހަރުގެ ޔޫރޯއާ އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގައި ޕޯޗުގަލް ކުރިމަތިލާއިރު، އެ ގައުމު ހިމެނެނީ މަރުގެ ގްރޫޕެއްގައެވެ. އެގޮތުން އެ ގްރޫޕުގައި ހިމެނެނީ ޕޯޗުގަލުގެ އިތުރުން ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ޖަރުމަން އަދި ހަންގޭރީއެވެ.