ކ. މާލެ
|
3 ޖޫން 2021 | ބުރާސްފަތި 18:10
ތިނަދޫ ކޮވިޑް ފެސިލިޓީ
ތިނަދޫ ކޮވިޑް ފެސިލިޓީ
އެމްޓީސީސީ
ކޮވިޑް-19
ގދ. ތިނަދޫ ކޮވިޑް ފެސިލިޓީގައި އޮތް މީހަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުމުރުން 88 އަހަރުގެ ދިވެހި ފިރިހެނެއް

ގދ. ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ ބަލި މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ އޭނާ ނިޔާވެފައިވަނީ ބުރާސްފަތި ދުވަހުގެ ފަތިހު 5:30 ހާއިރު ކަމަށެވެ. މިއީ ތިނަދޫ ކޮވިޑް ފެސިލިޓީގައި މި ބަލީގައި ނިޔާވި ފުރަތަމަ މީހާއެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 173އަށް އަރާފައެވެ. މިއީ ބުރާސްފަތި ރާއްޖެއިން ނިޔާވި ތިންވަނަ މީހާއެވެ.

ކޮވިޑް-19ގެ 4 ވަނަ ރާޅަށްފަހު ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. އަދި މަރުވާ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ.

އެގޮތުން ފާއިތުވެދިޔަ މެއި މަހަކީ، ރާއްޖޭގައި މި ބަލި ފެތުރެންފެށި ފަހުން އެންމެ ގިނަ މީހުން ނިޔާވި މަހެވެ. ޖޫން މަސް ފެށުނު ފަހުން ވެސް ނިޔާވާ މީހުންގެ އަދަދު ދަށްވެފައެއް ނުވެއެވެ.

ކޮވިޑް-19 ހަލުވި މިނެއްގައި ފެތުރެމުންދާތީ ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ކާފިއު ވަގުތު ވަނީ ހަވީރު 4:00އިން ފެށިގެން ހެނދުނު 8.00އާ ހަމައަށް އިތުރުކޮށްފައެވެ. އަދި ކާފިއު ނޫން ވަގުތުތަކުގައި ވެސް ޚާއްސަ ހުއްދައަކާއިލައިގެން ނޫނީ ބޭރަށް ނުކުތުމަކީ މަނާކަމެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން ކެފޭ, ރެސްޓޯރެންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން, ޓެކްއަވޭއާއި ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެން ޚިދުމަތްތައް ހުއްޓާލުމަށް ވަނީ އަންގާފައެވެ. އެތަންތަނުން ޑެލިވަރީގެ ޚިދުމަށް ހެނދުނު 6.00އިން ރޭގަނޑު 12:00އަށް ދެވޭއިރު, ޓޭކްއަވޭގެ ޚިދުމަތް ދެވޭނީ ހެނދުނު 8:00އިން ފެށިގެން ހަވީރު 4:00އަށެވެ. ކާފިއު ވަގުތު ކެފޭ އަދި ރެސްޓޯރެންޓްތަކުން ޓޭކްއަވޭ ހަދާކަމަށް ފާހަގަ ވެއްޖެނަމަ އެންމެ މަދުވެގެން 5000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ނިންމާފައެވެ


Advertisement
- ކޮމެންޓް