މި މަހު ފަށާ "ޔޫރޯ 2020" އަށް ރާއްޖެޓީވީން ގެނެސްދޭ "މައިލޯ ޔޫރޯ ފޯރި 2021" ގައި ޖުރިބާކާރު ކޯޗު އަދި މި ވަގުތު ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ހަވާލުވެހުރި މުޙައްމަދު ޝިޔާޒް (މޯހަން) ހަރަކާތްތެރިވާނެއެވެ. ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިންގ ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ނަގާފައިވާ މޯހަންއަކީ މީގެ ކުރިންވެސް ބޮޑެތި މުބާރާތްތަކުގައި އެނަލިސްޓުކަން ކޮށްފައިވާ، ފުންނާބުއުސް އެނަލިސްޓެކެވެ.
ޔޫރޯގެ އެނަލިސްޓެއްގެ ގޮތުގައި މޯހަން ހަރަކާތްތެރިވާއިރު، އޭނާ އިންސާފުކުރުމަށް ހަމަޖެހިފައިވަނީ ގްރޫޕް "ޑީ" އެވެ. އެ ގްރޫޕުގައި ހިމެނޭ ގައުމުތަކަކީ އިންގްލެންޑް، ޗެކް ރިޕަބްލިކް، ކްރޮއޭޝިއާ އަދި ސްކޮޓްލެންޑެވެ. އެ ގްރޫޕުގެ މެޗުތައް ކުޅޭނީ ސްކޮޓްލެންޑްގެ ގްލާސްގޯ އަދި އިންގްލެންޑުގެ ލަންޑަނެވެ.
ރާއްޖެޓީވީއަށް ދިން ހާއްސަ އިންޓަވިއުއެއްގައި މޯހަން ވިދާޅުވީ ޔޫރޯގައި އިންސާފުކުރަން ގްރޫޕް "ޑީ" ލިބުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި، ހާއްސަކޮށް އެ ގްރޫޕުގައި މުބާރާތުގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ ގައުމެއް އެބައޮތް ކަމަށެވެ. އެގޮތުން އެ ގްރޫޕުގައި ހިމެނޭ އިންގްލެންޑަކީ ދިވެހީންނަށް އައު ގައުމެއް ނޫން ކަމަށާއި، އިންގްލެންޑަކީ ދިވެހީންނާ ފަރިތަ ގައުމެއް ކަމަށެވެ. އެހެންކަމުން އެ ގައުމު އޮތް ގްރޫޕް އެނަލައިސްޓުކުރަން ލިބުމަކީ ފަޚުރެއް ކަމަށް މޯހަން ވިދާޅުވިއެވެ.
މޯހަން ވިދާޅުވީ އިނގިރޭސި ލީގަކީ ދިވެހީން އެ ލީގެއް ބަލާތާ ދުވަސްތަކެއް ވެފައިވާ ލީގެއް ކަމަށާއި، ގިނަ ދިވެހީންނަކީ އިނގިރޭސި ލީގުގެ ކުލަބުތަކަށް ސަޕޯޓުކުރާ މީހުން ކަމަށެވެ. އަދި އިންގްލެންޑަކީ މި މުބާރާތް ކާމިޔާބުކުރެވޭ ފެންވަރުގެ ގައުމެއް ކަމަށާއި، އުއްމީދަކީ ފުރަތަމަ ފަހަރަށް އިންގްލެންޑުން ޔޫރޯ ކާމިޔާބުކުރުން ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން މޯހަން ވިދާޅުވީ ރާއްޖެޓީވީން މިފަދަ ދަނޑިވަޅެއްގައި ޔޫރޯ ގެނެސްދޭތީ އެކަމަށް ޝުކުރުއަދާކުރައްވާ ކަމަށާއި، ރާއްޖޭގެ ކުދި ބޮޑު އެންމެންނަކީ ފުޓްބޯޅައަށް ސަޕޯޓުކުރާ މީހުން ކަމަށެވެ. އަދި މިއީ އެ މީހުންނަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށްވެސް ވިދާޅުވިއެވެ.
އަދި ވިދާޅުވީ ފުޓްބޯޅައާ ދިވެހީންނާ ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށާއި، އެގޮތުން ޔޫރޯއަކީ ދިވެހީންނަށް ފަރިތަ މުބާރާތެއް ކަމަށެވެ. އަދި މި މުބާރާތަކީ ފީފާ ވޯލްޑް ކަޕަށްވުރެ ދިވެހީންނަށް ފަރިތަ މުބާރާތެއް ކަމަށާއި، އެގޮތުން ޔޫރޯއާ ދިމާކޮށް ދިވެހީން ޒަމާނުއްސުރެ ފޯރި ނަގަމުން އަންނަ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.