އެސްޓަރޒެނިކާ ވެކްސިން ގެނައުމަށް ސިންގަޕޫރުގެ އެސްޓްރަޒެނިކާގެ އެކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ހިނގަމުންމިދާ ޖޫން މަހުގެ ފަހުކޮޅު ދެ ލައްކަ ޑޯޒް ލިބޭނެކަަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެކްސިން ގެނައުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައުލޫމާތުދެއްވަމުން މިނިސްޓަރ ވިދާޅުވީ އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ޖޫން މަހުގެ ފުރަތަމަ ހަފްތާގައި ވެކްސިން ނުލިބުނުކަމުގައިވިޔަސް އެވެކްސިން ގެނައުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ޖޫން މަހުގެ ފަހުކޮޅު ދެ ލައްކަ ޑޯޒް ލިބޭނެކަމަށް މިހާރު ބެލެވޭ ކަމަށާއި އިތުރު ދެ ލައްކަ ޑޯޒް ޖުލައި މަހު އަދި ތިން ލައްކަ ޑޯޒް އޮގަސްޓް މަހު ލިބޭނެކަމަށެވެ.
އެވެކްސިން ލިބުމާއެކު މިހާރު ވެކްސިން ނުލިބިގެން ދިމާވެފައިވާ ދަތިތަކަށް ރަނގަޅަށް ހައްލެއް ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިހާރު އެޕްރޮޑަކްޝަން ތައިލެންޑްގައި ފަަށައިފި. ފަށައިގެން މިދޭތެރެއިން ކުޑަތަންކޮޅެއް ލަސްވީ. އަޅުގަނޑުމެން އުންމީދުކޮށްގެން ތިބީ ޖޫން މަހުގެ ކުރީކޮޅު ލިބޭނެކަމަށް. އެހެންނަމަވެސް ފޮރިން މިނިސްޓްރީން މިހާރު ވިދާޅުވަނީ އެޕްރޮޑަކްޝަން ފައްޓައިގެން ކުރިޔަށް ގެންދާކަމަށް. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންނަށް މިކަންތައް ސޯސްކުރުމާއި ބޭރުގައުމުތަކާ ގުޅުން މިގެންދަވަނީ ފޮރިން މިނިސްޓްރީން. އަދި ފޮރިން މިނިސްޓްރީން މިކަމާއި ވަރަށް އުޅުއްވައިގެން މިކަންމިވަނީ.އަހުމަދު ނަސީމް/ ހެލްތު މިނިސްޓަރ
ރާއްޖެއަށް ވެކްސިން ގެނައުމަށްޓަކައި އެސްޓްރާޒެނެކާ ކުންފުންޏާއެކު 2020 ވަނަ އަހަރުގެ ޑިސެންބަރު މަހު ހަދާފައިވާ އެއްބަސްވުމުގެ ދަށުން "އެސްޓްރާޒެނެކާ" ވެކްސިންގެ 700,000 ޑޯޒްއަށްވަނީ ފައިސާ ދައްކާފައެވެ.
ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ ކޮވިޝީލްޑް ވެކްސިނާއި ސިނޯފަރމް ވެކްސިން އަދި ފައިޒަރ ވެކްސިނެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ފަށާފައިވަނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ޖަހަން ފެށީ ކޮވިޝީލްޑް ވެކްސިނެވެ. އެ ވެކްސިންގެ ތިންލައްކަ ޑޯޒް ވަނީ ލިބިފައެވެ. އޭގެފަހުން ސިނޯފަރމް ވެކްސިން ޖަހަން ފެށިއިރު އެވެކްސިންގެ 218،000 ޑޯޒް ލިބިފައިވެއެވެ. އަދި ކޮވެކްސް ފެސިލިޓީގެ ދަށުން ފައިޒަރ ވެކްސިންގެ 5500 ޑޯޒް ލިބިފައިވެއެވެ.
އެންމެ ފަހުން އެޗްއީއޯސީން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ސްޓޮކްގައި ހުރީ ފަސްދޮޅަސް ހާހެއްހާ ވެކްސިނެވެ. އޭގެތެރެއިން ގިނައިން ހުރީ ސިނޯފަރމް ވެކްސިނެވެ. ރާއްޖޭގައި މިވަގުތު ތިން ލައްކައަށްވުރެ ގިނަ މީހުން ފުރަތަމަ ޑޯޒް ޖަހާފައިވާއިރު ދެވަނަ ޑޯޒް ޖަހާފައިވަނީ އެއްލައްކަ ފަސްދޮޅަސް އަށްހާސް މީހުންނެވެ.