މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ޔޫރޯ 2020" ގެ ރާއްޖޭގެ އެކްސްކްލޫސިވް މީޑިއާ ޕާޓްނަރުކަން ރާއްޖެޓީވީން ނަގާފައިވާއިރު، ރާއްޖެޓީވީން ގެނެސްދޭ ކަވަރޭޖުގައި ތަޖުރިބާކާރު އެނަލިސްޓުން ހަރަކާތްތެރިވާނެއެވެ.
އޭގެ ތެރެއިން އެއް ބޭފުޅަކީ ތަޖުރިބާކާރު ކޯޗު އަދި މި ވަގުތު ޓީސީ ސްޕޯޓްސް ކުލަބަށް އިރުޝާދުދެމުން އަންނަ މުޙައްމަދު ނިޒާމް (ނިޒާމްބެ) އެވެ. ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ދުވަސްތަކެއްވަންދެން ފުޓްބޯޅަ ކުޅުނު ނިޒާމްބެއަކީ ކާމިޔާބު ކޯޗެއްވެސް މެއެވެ. އެގޮތުން ޓީސީ ސްޕޯޓްސް ކްލަބާއެކު ބައިނަލްއަގްވާމީ މުބާރާތެއް ކާމިޔާބުކޮށް، ނިޒާމްބެ ވަނީ ތާރީޚުންވެސް ޖާގަ ހޯދާފައެވެ. އަދި ނިޒާމްބެ ވަނީ މީގެ ކުރިންވެސް ފުޓްބޯޅައިގެ ބޮޑެތި މުބާރާތްތަކުގައި އެނަލިސްޓެއްގެ ގޮތުގައި މަސައްކަތްކޮށް، ބެލުންތެރިންގެ އިތުބާރު ހޯދާފައެވެ.
މި ފަހަރު ރާއްޖެޓީވީން ގެނެސްދޭ "މައިލޯ ޔޫރޯ ފޯރި 2021" ގައި ނިޒާމްބެ ހަރަކާތްތެރިވާއިރު، އޭނާ އިންސާފުކުރުމަށް ހަމަޖެހިފައިވަނީ ގްރޫޕް "ބީ" އެވެ. އެ ގްރޫޕުގައި ހިމެނޭ ގައުމުތަކަކީ ބެލްޖިއަމް، ޑެންމާކް، ފިންލެންޑް އަދި ރަޝިއާއެވެ. އެ ގްރޫޕުގެ މެޗުތައް ކުޅޭނީ ރަޝިއާގެ ސެއިންޓް ޕީޓަސްބާގާއި ޑެންމާކުގެ ކޯޕަންހޭގަންގައެވެ.
ރާއްޖެޓީވީއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ނިޒާމްބެ ވިދާޅުވީ މި ފަހަރުގެ މުބާރާތުގެ ގްރޫޕް އޮފް ޑެތަކީ ގްރޫޕް "އެފް" ކަމަށާއި، އެކަމަކު ގްރޫޕް "ބީ" އަކީވެސް އެ ގްރޫޕަށް ދޫނުކުރާނެ ވަރުގެ ގްރޫޕެ ނޫން ކަމަށެވެ. އެގޮތުން ގްރޫޕް "ބީ" އަކީ ވަރަށް ހަމަހަމަ ގައުމުތަކެއް އޮތް ގްރޫޕެއް ކަމަށް ވިދާޅުވިއެވެ.
ނިޒާމްބެ ވިދާޅުވީ އެ ގްރޫޕުގެ ފެވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރަނީ ބެލްޖިއަމް ކަމަށާއި، އެއީ ބެލްޖިއަމުގައި ތިބި ކުޅުންތެރިންނާއި، ސްކޮޑަށް ބަލާފައި ކަމަށެވެ. އެކަމަކު ބެލްޖިއަމުގެ އިތުރުން ދެން ހުރި ގައުމުތަކަކީވެސް ވަރުގަދަ ގައުމުތަކެއް ކަމަށާއި، އަދި އެ ގްރޫޕުގައި ހިމެނޭ ގައުމުތަކުގައި ތިބި ކުޅުންތެރިންނަކީ ޔޫރަޕުގެ ބޮޑެތި ލީގުތަކުގެ ތަޖުރިބާ ހުރި ކުޅުންތެރިން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ނިޒާމްބެ ވިދާޅުވީ މިއީ ފުޓްބޯޅައިގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށާއި، އެހެންކަމުން ރާއްޖެޓީވީގެ މެނޭޖުމަންޓަށް ޝުކުރުއަދާކުރައްވާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ގޭގައި ތިބިގެން މީހުން ހިތްހަމަ ޖައްސާލުމަށް ލިބުނު މި ފުރުސަތަކީ ރަނގަޅު ފުރުސަތެއް ކަމަށްވެސް ނިޒާމްބެ ވަނީ ވިދާޅުވެފައެވެ.