ކޮވިޑް-19 ރެސްޕޮންސްގައި ފަސް އެމްބިއުލާންސް އެބައޮތް ކަމަށާއި، އެއީ އެ ޚިދުމަތް ދިނުމަށް އެކަށީގެންވާ އަދަދެއް ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 ބަލީގައި އެމްބިއުލާންސް ދިއުން ލަސްވެ ފަރުވާ ނުދެވި ނިޔާވި މިޝްކާގެ މައްސަލާގައި ޖަވާބުދާރީވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ ނަސީމް ވިދާޅުވީ މިވަގުތު ކޮވިޑް-19 ރެސްޕޮންސްގައި ފަސް އެމްބިއުލާންސް ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެއީ އީއެމްސީ، އާރްއާރްޓީ އަދި ހުޅުމާލެ ހޮސްޕިޓަލްގެ އިތުރަށް އައިޖީއެމްއެޗްގެ އެމްބިއުލާންސްތައް ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މި ފަސް އެމްބިއުލާންސް އަކީ ބަލި މީހުން އުފުލުމާއި، ނިޔާވާ މީހުން އުފުލުމާއި މީގެ އިތުރަށް ސާމްޕަލްތައް ނަގަން ދަތުރުކުރުމަށް ވެސް ވެސް އޮންނަ ފަހެތި ކަމަށެވެ. އަދި އެއީ ތަޖުރިބާއިން އެނގޭ ގޮތުގައި ފުދޭ ވަރެއް ކަމަށް ވެސް ވިދާޅުވިއެވެ. އެކަމަކު މިކަމުގައި ހުރި ދަތިތައް ދެނެގަނެ އެކަންކަން އިސްލާހުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ފަސް އެމްބިއުލާންސްއިން ފުދޭނެ ކަމަށް މިނިސްޓަރ ވިދާޅުވި އިރު ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނި ބަލި މީހުން އުފުލި އިރު ވެސް އެމްބިއުލާންސްގެ މައްސަލަ ވަރަށް ބޮޑަށް ފެންމަތިވިއެވެ. އޭރު ވެސް ފަސް އެމްބިއުލާންސް އޮވެ ކޮންމެ ޓްރާންސްފަރ އަކަށް ފަހު ސާފު ކުރުމަށް ފަހު އެމްބިއުލާންސްތައް ބޭނުންކުރަމުން އައި އިރު ބަލި މީހުން އުފުލުމުގައި ބޮޑެތި ދަތިތަކާއި ލަސްވުން ދިމާވާ ކަމުގެ ޝަކުވާ އިންތިހާއަށް އޮތެވެ.
ކޭސްތައް މަދު އިރުގައި ވެސް އެ ޝަކުވާ އޮތް އިރު މިހާރު ރާއްޖެއިން ފެންނަ ކޮވިޑް ކޭސްތައް އިންތިހާއަށް އިތުރުވެފައިވާ އިރު ވެސް ފަސް އެމްބިއުލާންސްއިން ފުދޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި އެމްބިއުލާންސްތަކުން ދުވާލަކަށް އެވަރެޖްކޮށް 40 އާއި 50އާ ދެމެދުގެ ދަތުރުތައް ކުރާ ކަމަށް ވެސް ވިދާޅުވިއެވެ.