ބުދަ ދުވަހު ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވަނީ 704 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބު ތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި، އަންގާރަ ދުވަހުގެ އިރު އޮއްސި 6:00އިން ފެށިގެން ބުދަ ދުވަހުގެ އިރު އޮއްސި 6:00އާ ދެމެދު ނެގި 5،181 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ 704 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވީ 407 މީހުންނާއި، އަތޮޅުތެރެއިން ޕޮޒިޓިވްވީ 271 މީހުންގެ އިތުރުން، ރިސޯޓުތަކުން ޕޮޒިޓިވްވީ 18 މީހުންނެވެ. އަދި ލައިވްއެބޯޑް ތަކުން ވެސް 8 ކޭސްއެއް ރިޕޯޓުކޮށްފައި ވެއެވެ.
މިއަދު ޕޮޒިޓިވްވީ މީހުންނާއެކު، މި ބައްޔަށް ޕޮޒިޓިވް މީހުންގެ އަދަދު މިވަނީ 23،909އަށް އަރާފައެވެ.
އަންގާރަ ދުވަހު އެކްޓިވް ކޭސްތައް ހުރީ 24،035ގައެވެ. ކޭސްތަކުގެ އަދަދުތައް އިތުރުވާ ވަރަކަށް ކޮންމެ ދުވަހަކު ބަލިން ރަނގަޅުވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.
ކޮވިޑް-19އަށް ރާއްޖެއިން މިހާތަނަށް 65،868 މީހަކު ޕޮޒިޓިވްވެފައިވާއިރު މިހާރު 41،779 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ބުދަ ދުވަހު އެކަނި ވެސް 828 މީހަކު ރަނގަޅުވެފައިވެއެވެ.
ކޮވިޑް-19ގެ ތިން ވަނަ ރާޅާއެކު ކޭސްތަކުގެ އަދަދުތައް މިވަރަށް އިތުރުވެފައި މިވަނީ މިދިޔަ މަހުއެވެ. އެގޮތުން މިދިޔަ މަހުގެ 9ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުހެން، މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ 1000 އަށްވުރެ މަތިން ރިޕޯޓުކުރަމުންނެވެ. އޭގެ ފަހުން ކޭސްތައް މަދުވާން ފަށާފައި ވަނީ މެއި މަހުގެ ފަހުކޮޅުގަ އެވެ.
އެގޮތުން މެއި މަހުގެ 28 ވަނަ ދުވަހު ރިޕޯޓުކޮށްފައި ވަނީ 901 މީހުންނެވެ. މެއި މަހުގެ 30 ވަނަ ދުވަހު 780 މީހުން ރިޕޯޓުކޮށްފައި ވާއިރު، 31 ވަނަ ދުވަހު ރިޕޯޓުކޮށްފައި ވަނީ 710 މީހުންނެވެ. މެއި މަހުގެ ތަފާސް ހިސާބަށް ބަލާއިރު މެއި މަހުގެ ތެރޭގައި ޕޮޒިޓިވް ވެފައިވަނީ 34،159 މީހުންނެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވަމުން ދިއުމާއެކު، މެއި މަހުގެ 26 ވަނަ ދުވަހުން ފެށިގެން، ކާފިއު ގަޑި ހަވީރު 4އިން ހެނދުނު 8އަށް އިތުރުކޮށް، އަދި އެނޫން ގަޑިތަކުގައި ބޭރަށް ނިކުންނަނަމަ ވެސް ހުއްދަ ނަގައިގެން ބޭރަށް ނިކުތުމަށް ނިންމައި، ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ.