ކޮވިޑް-19ގައި ނިޔާވި އުމުރުން 10 އަހަރުގެ މިޝްކާ ނިޔާވުމުގައި ހެލްތު ސިސްޓަމްގެ އިހުމާލު އެބައޮތް ކަމަށާއި އެކަން ތަހުގީގުކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިޝްކާގެ ހާލު ދެރަވެ އެމްބިއުލާންސް އަށް ގުޅާތާ ދެ ގަޑި އިރަށް ވުރެ ގިނަ އިރުވީ އިރު ވެސް އެޗްޕީއޭ އަދި އައިޖީއެމްއެޗުން ވެސް އެއްވެސް ސިއްހީ އެހީތެރިކަމެއް ނުލިބި ތިން ގަޑި އިރަށް ގާތްވެފައި ވަނިކޮށް ކުއްޖާ ބަލާ އައި އިރު ހާޓްއެޓޭކެއް ޖެހި ސިކުންޑިވެސް މަރުވެ އެންމެ ފަހުން އެ ކުއްޖާ ނިޔާވި މައްސަލައިގައި ސިއްހީ ދާިއރާގެ ވަރަށް ބޮޑު ފެއިލިއަރއެއްވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު މިނިސްޓަރ ނަސީމް ވިދާޅުވީ، އެ ވަގުތު ކޯލްތަކަށް ޖަވާބުދިން ފަރާތްތަކުގެ އިހުމާލު އެބައޮތް ކަމަށެވެ. އަދި އެ ތަހުގީގު ކުރިއަށްދާ ކަމަށާއި ބުދަ ދުވަހުގެ ރޭގެ ނިޔަލަށް ތަހުގީގު ނިމޭނެ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެ މައްސަލާގައި ފިޔަވަޅު އަޅާނެ ކަމަށާއި އަޅާ ފިޔަވަޅު އާންމު ވެސް ކުރާނެ ކަމަށެވެ.
މިޝްކާ ނިޔާވި މައްސަލާގައި އާއިލާއިން ބުނީ މިޝްކާގެ ނޭވާއަށް އުނދަގޫ ވާން ފެށީ މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭ އިރު އޮއްސުނު ފަހުން ކަމަށެވެ. އެއީ ކޮވިޑް-19ށް ޕޮޒިޓިވްވެ އައިސޮލޭޝަން އަށް ލިތާ 7 ވަނަ އަށް ވީ ދުވަހެވެ. އާއިލާއިން ބުނި ގޮތުގައި, އެމީހުން އެންމެ ފުރަތަމަ އެމްބިއުލާންސް އަށް ގުޅިީ އެރޭ 9:00 ގައެވެ. ގިނަ އިރުވެ އެމްބިއުލާންސް ނައުމުން އައިޖީއެމްއެޗް އަށް ވެސް ގުޅި ކަމަށާއި އެކަމަކު މިޝްކާ ކޮވިޑަށް ޕޮޒިޓިވް ވެފައި ހުރުމުން އައިޖީއެމްއެޗްގެ އެމްބިއުލާންސްގައި މިޝްކާ ހޮސްޕިޓަލަށް ގެންދިޔުމަށް އިންކާރު ކުރި ކަމަށް އާއިލާއިން ބުނެއެވެ.
ގޮތް ހުސްވެ ހާސްވެފައި ތިބި މިޝްކާގެ މައިންބަފައިން ގެންދިޔައީ މެދު ނުކެނޑި އެޗްޕީއޭގެ އިމަޖެންސީ ނަންބަރަށް ގުޅަމުން ކަމަށް ވެސް ބުންޏެވެ. އެކަމަކު ގުޅާލާ ކޮންމެ ފަހަރަކު ވެސް އެމީހުންނަށް ލިބެނީ އެއް ޖަވާބެއް ކަމަށާއި ކޮންމެ ފަހަރަކު ވެސް އެޗްޕީއޭއިން ބުނަނީ މެޑިކަލް ޓީމަށް މައުލޫމާތު ހިއްސާ ކުރެވިއްޖެ ކަމަށާއި, މެޑިކަލް ޓީމުން ދާނެ ކަމަށެވެ.
އާއިލާއިން ބުނީ ދެ ގަޑިއިރާއި 30 މިނިޓް ފަހުން އެމްބިއުލާންސް އައިއިރު މިޝްކާ އޮތީ ހުއްޓިފައި ކަމަށެވެ. ހޮސްޕިޓަލަށް ގެންދެވުނު އިރު މިޝްކާއަށް ހާޓް އެޓޭކެއް ޖެހިފައި ވާކަމަށާއި, އިންޓާނަލް ބްލީޑިން އަކަށް ގޮސްފައި ވާކަމަށެވެ. އަދި މިޝްކާގެ ވިންދު އައީ އައިޖީއެމްއެޗް ގެ އިމަޖެންސީގައި, ސީޕީއާރް ދޭތާ 20 މިނިޓް ފަހުންނެވެ. އެކަމަކު އޭރު ރެސްޕޮންޑްނުކޮށް ގިނަ އިރު ވުމުގެ ސަބަބުން މިޝްކާގެ ސިކުނޑި ވަނީ މަރުވެފައި ކަމަށް ވެސް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުންޏެވެ.
ހެލްތު މިނިސްޓަރ ނަސީމް ވިދާޅުވީ މިޝްކާ ނިޔާވުމުގެ ކުރިން އެ މައްސަލަ އެ ބޭފުޅުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އޭރުން ފެށިގެން އެކަން ބަލަމުން އަންނަ ކަމަށާއި، ޚުދު މިނިސްޓަރ އަމިއްލަފުޅަށް ވެސް އާއިލާއާ ކޮންޓެކްޓްކުރެއްވި ކަމަށެވެ. އެގޮތުން އާއިލާއަށް ގުޅުއްވާ މާފަށް އެދިވަޑައިގެން ކަން ހިނގައިދިޔަ ގޮތް ތަފްސީލްކޮށްދެއްވާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރަށް ރައީސސިލްޖމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް އާއިލާއަށް ގުޅުއްވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެކަން ޔަގީން ކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އެކަންކަން ވަރަށް ރަނގަޅަށް ބަލައި އުސޫލުތައް ވެސް އިސްލާހުކޮށްފައިވާ ކަން ފާހަގަކުރެއްވިއެވެ.
ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި އެންމެ ފުރަތަމަ ފެންމަތިވެ އެންމެ ފުރަތަމަ މަރުގައި ވެސް ހަމަ އެމްބިއުލާންސް ލަސްވި މައްސަލަ ދިމާވެ އެ ކަންބޮޑުވުން އައިސްފައިވާއިރު، އޭރު ވެސް އެކަން ރަނގަޅުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އެކަމަކު ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި މިހިސާބަށް އައި އިރު ވެސް ކޮވިޑް-19 ރެސްޕޮންސްގައި އޮތީ އެންމެ 5 އެމްބިއުލާންސް ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.