ކޮވިޑް ބަލީގައި ނިޔާވި 10 އަހަރުގެ ކުއްޖާގެ މަރާއެކު، ހެލްތު މިނިސްޓަރު އަހުމަދު ނަސީމްގެ އިސްތިއުފާއަށް އެކި ފަރާތަކުން ގޮވަން ފަށައިފިއެވެ.
ސޯޝަލް މިޑިއާގައި ޝުއޫރު ފާޅުކޮށްފައިވާ ފަރާތްތަކުން ބުނެފައިވަނީ، މިކަމުގެ ޒިންމާ ނަންގަވަން ޖެހޭނީ ހެލްތު މިނިސްޓަރު ކަމަށެވެ. ސަބަބެއް ކަމަށް އެމީހުން ބުނަނީ، އާއިލާއިން އާދޭސް ކުރަމުން ދިޔައިރު ސަރުކާރުގެ ހޮސްޕިޓަލުން އެމްބިއުލާންސް ފޮނުވަން ދެކޮޅު ހެދުމަކީ ބަލައިގަނެވޭނެ ކަމަކަށް ނުވާތީ ކަމަށެވެ.
ކޮންމެ އިހުމާލަކީ އަނިޔާއެއް ކަމަށާއި މާފަށް އެދިވަޑައިގެންނެވި ނަަމަވެސް އެކަން ނުނިމޭނެ ކަމަށެވެ. ފެއިލް ނުވާކަމަށް ތަކުރާރުކޮށް ވިދާޅުވި ނަމަވެސް ފެއިލްވެއްޖެ ކަމަށާއި، ދެން އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ އިސްތިއުފާ ދެއްވާފައި ގޭގައި މަޑު ކުރެއްވުން ކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ.
2ގަޑިއިރާ 20 މިނެޓް ވަންދެން މިޝްކާ ގޭގައި އޮންނަން ޖެހުނީ އެމްބިއުލާން އައުން ލަސް ވުމުންނެވެ. ހޮސްޕިޓަލަށް ގެންދިޔައިރު އޭނާ އޮތީ އަނގަޔާއި ނޭފަތުން ލޭ އައިސް ހުއްޓުން އަރާފައެވެ. ހޮސްޕިޓަލަށް ނުގެންދެވި ލަސްވި ކޮންމެ މިނެޓަކީ މިޝްކާގެ ހާލު ދެރަވަމުން ދިޔަ މިނެޓެކެވެ.
މިނިސްޓަރުގެ އިސްތިއުފާއަށް އިދިކޮޅު ކޯލިޝަނުންވެސް މިވަނީ ގޮވާލާފައެވެ. ކޯލިޝަނުން ނެރުނު ބަޔާނުގައި ވަނީ މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން އޮންނަ މުއައްސަސާތަކުގެ އިހުމާލުން އެތައް ފުރާނައެއް ވަކިވެގެން ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ފުރާނައެއް ވަކިވެގެން ދިއުމުން މައާފަށް އެދި ނިންމާލުމަކީވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަކުރަމުން އިދިކޮޅުން ބުނެފައިވަނީ، އެފަދަ މައްސަލަތައް އިންސާފުވެރިކަމާއެކު ވީ އެންމެ އަވަހަށް ތަހްގީގުކޮށް އެކަމުގައި އިހުމާލުވާ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ހަރުއަޑުން ގޮވާލާކަމަށެވެ.