މުސާރަ ބޮޑުކޮށް ޗެލްސީގެ ކޯޗް ކޮންޓޭއަށް އެކުލަބުން އާ ކޮންޓްރެކްޓެށް ހުށަހަޅަން ނިންމައިފިއެވެ.
މިސީޒަނަށް ޖުމްލަ 3 އަހަރުގެ ކޮންޓްރެކްޓަކާ އެކު ޗެލްސީއާ ކޮންޓޭ ހަވާލުވެފައި ވާއިރު އަނެއްކާ ވެސް މުސާރަ އިތުރަށް ބޮޑުކޮށް ހަތަރު އަހަރުގެ ކޮންޓްރެކްޓެށް ކޮންޓޭއަށް ހުށަހެޅުމަށް ނިންމާފައި ވާކަމަށް ބޭރުގެ ބޮޑެތި ބައެއް ކުޅިވަރު ޚަބަރު ފަތުރާ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
ރިޕޯޓްތަށް ބުނާ ގޮތުން ޗެލްސީގެ ވެރިޔާ ރަޝިއާގެ ރޯމަން އަބްރަމޮވިޗް ވަނީ، އަހަރަކު 10 މިލިއަން ޔޫރޯ ލިބޭ ކޮންޓްރެކްޓެއް ކޮންޓޭއަށް ހުށަހެޅުމަށް ތައްޔާރުވެފައެވެ.
ޗެލްސީއިން ކޮންޓޭގެ ކޮންޓްރެކްޓް އިތުރު ކުރުމަށް ނިންމާފައިވާ މި ދަނޑިވަޅަކީ ޔޫރަޕްގެ ބޮޑެތި ކުލަބުތަކަކުން ކޮންޓޭ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އަޑު ފެތުރިފައިވާ ދުވަސް ކޮޅެކެވެ. އެގޮތުން ކޮންޓޭ ހޯދުމަށް އެންމެ ބޮޑަށް ތައްޔާރުވަމުން އަންނަ އެއް ކުލަބަކީ އިޓަލީގެ އިންޓަ މިލާނެވެ. މި ސީޒަން ނިމުމާއެކު އިންޓައިން ކޮންޓޭއަށް ކޮންޓްރެކްޓް ހުށަހަޅާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ސީޒަނަށް ޗެލްސީއާ ހަވާލުވެ ކޮންޓޭ ވަނީ ޓީމުގެ ކުޅުން ފާއިތުވި ސީޒަނާ ހިލާފަށް ރަނގަޅު ކޮށްފައެވެ. އެގޮތުން އިނގިރޭސި ޕްރެމިއާ ލީގު ކަށަވަރުވުމާ ގާތުގައި މިވަގުތު ޗެލްސީ އޮތް އިރު އެޓީމުން ވަނީ އެފްއޭ ކަޕްގެ ފައިނަލުން ވެސް ޖާގަ ހޯދާފައެވެ.
ލީގުގައި ހުކުރު ދުވަހުގެ ރޭ ރަށުން ބޭރުގައި ވެސްޓްބްރޮމްއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކޮށްފި ނަމަ ޗެލްސީއަށް ލީގު ކަށަވަރު ވާނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ސީޒަން ޗެލްސީއިން ކާމިޔާބުކަމާއެކު ނިންމާލައިފިނަމަ އަންނަ ސީޒަނަށް ޓީމް ވަރުގަދަ ކުރުމުގެ ގޮތުން 150 މިލިއަން ޕައުންޑް އެޓީމުން ހޭދަ ކުރުމަށް ވަނީ ތައްޔާރުވެފައެވެ.