ޔޫއެފާއިން އެކުލަވާލާފައިވާ ޕެނަލްޓީ ޖެހުމުގެ އާ ގަވާއިދު ފުރަތަމަ ފަހަރަށް ވާދަވެރި މެޗެއްގައި ބޭނުން ކޮށްފިއެވެ.
ޔޫއެފާއިން މި ގަވާއިދު ބޭނުން ކޮށްފައިވަނީ ވިމެންސް ޔޫރަޕިއަން އަންޑާ-17 މުބާރާތުގެ ސެމީ ފައިނަލުގައި ޖަރުމަނާއި ނޯވޭ ބައްދަލުކުރި ސެމީ ފައިނަލުގެ މެޗުގަ އެވެ.
މިހާރު ބޭނުން ކުރަމުންދާ ABAB ފޯމެޓާއި އަލަށް ބޭނުން ކޮށްފައިވާ ABBA ފޯމެޓާއި ދެމެދު ކުޑަ ތަފާތެއް ހިމެނެއެވެ. މިހާރު ބޭނުންކުރާ ގަވާއިދުގައި ފަހަރަކު ޓީމެށް ފެނަލްޓީ ޖަހާއިރު އަލަށް ބޭނުން ކޮށްފައިވާ ގަވާއިދުގައި ކޮންމެ ޓީމަކުން ފަހަރަކު 2 ޕެނަލްޓީ ޖަހާނެ އެވެ.
މިސާލަކަށް ABAB ފޯމެޓުގައި A ޓީމު ޕެނަލްޓީ ޖެހުމުން ދެން ޕެނަލްޓީ ޖަހަނީ B ޓީމެވެ. ނަމަވެސް ABBA ފޯމެޓުގައި ކޮންމެ ޓީމަކު ވެސް ފަހަރަކު 2 ޕެނަލްޓި ޖަހާނެ އެވެ. ނަމަވެސް މި ދެ ފޯމެޓުގައިވެސް ފުރަތަމަ ޕެނަލްޓީ ޖަހާ ޓީމު ކަނޑައަޅަނީ ގުރުއަތުލައިގެންނެވެ.
އަލަށް އުފެއްދި ފޯމެޓު ބޭނުން ކުރަން ފެންނަ މައިގަނޑު ސަބަބެއް ގޮތުގައި ޔޫއެފާއިން ފާހަގަ ކުރާ ސަބަބަކީ، ޕެނަލްޓީއަކީ 50-50 އެއްޗަކަށް ވެފައި، މިހާރު ބޭނުން ކުރާ ފޯމެޓުން، ފުރަތަމަ ޕެނަލްޓީ ޖަހާ ޓީމަށް ފުރުސަތު ބޯޑުވާތީއެވެ. އެގޮތުން ޔޫއެފާއިން ބުނާ ގޮތުން ގުރު ދިމާވެގެން ފުރަތަމަ ޕެނަލްޓި ޖަހާ ޓީމަށް ޕެނަލްޓި ޝޫޓްއައުޓް ކާމިޔާބުކުރުމަށް 60% ފުރުސަތު ބޮޑެވެ.
އަލަށް އުފެއްދި ފޯމެޓު ރަސްމީގޮތުން ބޭނުން ކުރަން ފަށާނީ މި މުބާރާތްތަކުގައި މި ފޯމެޓް ބޭނުން ކުރުމަށް ފަހު ލިބޭ ނަތީޖާއަށް ބެލުމަށް ފަހުއެވެ.