މެލޭޝިއާގެ ބޮޑުވަޒީރު މުހިއްޔުއްދީން ޔާސީން އާއި ކެބިނެޓު މިނިސްޓަރުން މި މަހުން ފެށިގެން ތިން މަސް ވަންދެން މުސާރަ ނުނަންގަވާނެކަން އިއުލާންކޮށްފިއެވެ.
މެލޭޝިއާގެ ބޮޑުވަޒީރު މުހިއްޔުއްދީން މިކަން އިއުލާނުކުރެއްވީ އެ ޤައުމުގައި ކޮވިޑްގެ ޙާލަތު ކޮންޓްރޯލުކުރުމަށް އަޅާ އައު ފިޔަވަޅުތައް ހާމަކުރައްވައި ޓީވީ މެދުވެރިކޮށް ޤައުމާ މުޚާތަބުކުރައްވަމުންންނެވެ. ބޮޑުވަޒީރު މުހިއްޔުއްދީން ވިދާޅުވި ގޮތުގައި އެމަނިކުފާނާއި ކެބިނެޓު މިނިސްޓަރުންގެ މުސާރަ ކުރިއަށް އޮތް 3 މަސްދުވަހު ނުނަންގަވާނެއެވެ. ބޮޑު ވަޒީރާއި ކެބިނެޓްގެ މުސާރަ އެބޭފުޅުން ބޭނުން ކުރެއްވުމުގެ ބަދަލުގައި އެ ފައިސާ ދޭނީ ކޮވިޑް-19އާ ގުޅުން ހުރި ޚަރަދުތަކަށް ހޭދަކުރުމަށް ނެޝަނަލް ޑިޒާސްޓާ ރިލީފް ޓްރަސްޓް ފަންޑަށްކަމަށް މެލޭޝިއާގެ ބޮޑުވަޒީރު މުހިއްޔުއްދީން ހާމަކުރެއްވިއެވެ. މި ނިންމުން ނިންމެވީ މި ބަލި ކޮންޓްރޯލްކުރުމުގައި ބޮޑެތި ޤުރުބާނީތަކެއް ވަމުން އަންނަ އެންމެ ކުރީ ސަފުގައި ފްރޮންޓްލައިން ވޯކަރުންނާއި ގައުމުގެ ރައްޔިތުންނާ އެކު ސަރުކާރު އޮތްކަން ސާބިތުކޮށް ދިނުމަށްކަމަށެވެ.
މިއީ މެލެޝިއާގައި މިފަދަ ނިންމުމެއް ނިންމި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރުވެސް މެލޭޝިއާގެ ބޮޑުވަޒީރާއި މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ވަނީ ދެ މަހުގެ މުސާރަ ކޮވިޑް-19 ފަންޑަށް ހަދިޔާ ކުރައްވައިފައެވެ.
މެލޭޝިއާގެ ބޮޑުވަޒީރު މުހިއްޔުއްދީންއަށް މުސާރައިގެ ގޮތުގައި މަހަކަށް 93،841.65 ރިންގިޓް ނުވަތަ 22,752.26 ޑޮލަރު ލިބޭކަމަށް ޚަބަރުތައް ބުނެއެވެ. މެލޭޝިއާގައި ކޮވިޑްގެ ކޭސްތައް ރެކޯޑު އަދަދަކަށް އެރުމާ ގުޅިގެން އެގައުމުގެ ފުރަބަންދުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރާނެކަން ވެސް ބޮޑުވަޒީރު މުހިއްޔުއްދީން ވަނީ އިއުލާނުކުރައްވާފައެވެ. އެގޮތުން މި މަހުގެ 14އާ ޖެހެންދެން ޒަރޫރީ ޚިދުމަތްތައް ފިޔަވައި ހުރިހާ އިޖުތިމާއީ އަދި އިގުތިސާދީ ހަރަކާތްތައް ކުރިއަށް ގެންދިޔުން ވަނީ މަނާކޮށްފައެވެ.
ބޮޑުވަޒީރު މުހިއްޔުއްދީން ވަނީ އިގުތިސާދީ ގޮތުން ގެއްލުން ލިބޭ ފަރާތްތަކަށް އެހީވުމަށް 40 ބިލިއަން ރިންގިޓް ނުވަތަ 9 ބިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖެއް އިއުލާން ކުރައްވާފައެވެ. މީގެ އިތުރުން ހެލްތް ކެއަރ ސިސްޓަމް ހަރުދަނާކުރުމަށް 1 ބިލިއަން ރިންގިޓް ޚަރަދުކުރާނެކަން ވެސް ވަނީ ހާމަކޮށްފައެވެ. މީގެ ތެރެއިން 450 މިލިއަން އަކީ އައިސީޔޫ އެނދު އިތުރުކުރުމަށް ޚަރަދުކުރާނެ މިންވަރެވެ. އަދި އިތުރު 200 މިލިއަން އިތުރު ޚަރަދުތައް ކުރުމަށް ވަނީ ނިންމާފައެވެ.