ކ. މާލެ
|
1 ޖޫން 2021 | އަންގާރަ 12:51
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް
ކޮވިޑް-19 ވެކްސިން
ސްޓޮކްގައި މިހާރު ހުރީ ފަސްދޮޅަސް ހާހެއްހާ ޑޯޒް
 
ރަޝިއާގެ ސްޕަޓްނިކްވީ ވެކްސިންގެ 200،000 ޑޯޒް ގަތުމަށް ވަނީ ހަމަޖެހިފައި
 
ސިނޯފަރމް ވެކްސިންގެ 59،687 ޑޯޒް އަދި ފައިޒަރ ވެކްސިންގެ 1848 ޑޯޒް ސްޓޮކްގައި އެބަހުރި
 
ކޮވިޝީލްޑް ވެކްސިންގެ 310 ޑޯޒް ސްޓޮކްގައި އެބަހުރި

ރާއްޖޭގައި މިވަގުތު ޖަހަމުން އަންނަ ވެކްސިންތަކުގެ ތެރެއިން މިހާރު ސެންޓްރަލް ސްޓޮކްގައި ހުރީ 60،000 ހާ ޑޯޒްކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފިއެވެ.

ހޯމަ ދުވަހު އެސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެކްސިންގެ ސްޓޮކްގެ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ކޮވިޝީލްޑް ވެކްސިންގެ 310 ޑޯޒް ސްޓޮކްގައި އެބަހުރި ކަަމަށެވެ. ސިނޯފަރމް ވެކްސިންގެ 59،687 ޑޯޒް އަދި ފައިޒަރ ވެކްސިންގެ 1848 ޑޯޒް ސްޓޮކްގައި އެބަހުރިކަމަށެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ފަށާފައިވަނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ޖަހަން ފެށީ ކޮވިޝީލްޑް ވެކްސިނެވެ. އެ ވެކްސިންގެ ތިންލައްކަ ޑޯޒް ވަނީ ލިބިފައެވެ. އޭގެފަހުން ސިނޯފަރމް ވެކްސިން ޖަހަން ފެށިއިރު އެވެކްސިންގެ 218،000 ޑޯޒް ލިބިފައިވެއެވެ. އަދި ކޮވެކްސް ފެސިލިޓީގެ ދަށުން ފައިޒަރ ވެކްސިންގެ 5500 ޑޯޒް ލިބިފައިވެއެވެ.

ރާއްޖެއަށް ވެކްސިން ގެނައުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކަށް ބަލާލާއިރު އެސްޓްރާޒެނެކާ ކުންފުންޏާއެކު 2020 ވަނަ އަހަރުގެ ޑިސެންބަރު މަހު ހަދާފައިވާ އެއްބަސްވުމުގެ ދަށުން "އެސްޓްރާޒެނެކާ" ވެކްސިންގެ 700,000 ޑޯޒްއަށް ފައިސާ ދެއްކި، ޖޫން މަހުގެ ފަހު ހަފްތާ ހިސާބުގައި ވެކްސިން ލިބޭނެކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވަނީ ވިދާޅުވެފައެވެ. އެ ވެކްސިން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވަނީ ޖޫން މަހުގެ ފުރަތަމަ ހަފްތާގައެވެ. ނަމަވެސް ޝިޕްކުރުމުގައި ދިމާވެފައިވާ ދަތިތަކުގެ ސަބަބުން މިހާރު އެ ވެކްސިން ލިބޭނީ ޖޫން މަހުގެ ފަހުކޮޅު ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރަޝިއާގެ ސްޕަޓްނިކްވީ ވެކްސިން ހޯދުމަށް އެގްރީމެންޓްގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ރާއްޖެއިން ރަޝިއާގެ ސްޕަޓްނިކްވީ ވެކްސިންގެ 200،000 ގަތުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން ސަރުކާރުން ބުނެފައިވަނީ އެއްބަސްވެފައިވާގޮތުން އެގްރިމެންޓްގައި ސޮއި ކުރާތާ 4 ހަފްތާގެ ތެރޭގައި އެވެކްސިން ލިބޭނެއެވެ.

ރާއްޖޭގައި މިވަގުތު ތިން ލައްކައަށްވުރެ ގިނަ މީހުން ފުރަތަމަ ޑޯޒް ޖަހާފައިވާއިރު ދެވަނަ ޑޯޒް ޖަހާފައިވަނީ އެއްލައްކަ ފަސްދޮޅަސް ހަހާސް މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް