ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތްތައް ހުޅުމާލޭގައި އިތުރުށް ފުޅާކުރާނެކަމަށް އެބޭންކުން ހާމަކޮށްފިއެވެ.
އެގޮތުން މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ޓްރީޓޮޕް ހޮސްޕިޓަލްގައި އިތުރު ސެލްފް ސާވިސް ބޭންކިން އޭޓީއެމްއެއް ބަހައްޓާ، އޭގެ އިތުރުން މިއަހަރު ނިމުމުގެ ކުރިން އާ ބިޒްނަސް ސެންޓަރަކާއި އިތުރު ދެ އޭޓީއެމް ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްލޭންތައް ހާމަކޮށްފައިވަނީ ޓްރީޓޮޕް އިންވެސްޓްމަންޓްސްގެ ޑިރެކްޓަރ އަހުމަދު ސަލީމްގެ ދައުވަތަކަށް އެ ހޮސްޕިޓަލްގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ބޭންކްގެ އިސްވެރިން ހުޅުމާލެއަށް ކުރެއްވި ޒިޔާރަތަށް ފަހުގައެވެ.
މިކަމާބެހޭ ގޮތުން ވާހަކަދައްކަވަމުން ބޭންކްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ ހުޅުމާލޭގެ އާންމުންނަށާއި ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ޓްރީޓޮޕް ހޮސްޕިޓަލްގައި އޭޓީއެމްއެއް ގާއިމްކުރެވޭ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އަދި ޚާއްސަކޮށް މިފަދަ ރަގަޅު ހޮސްޕިޓަލެއް ގާއިމްކުރުމަށް މާލީ ގޮތުން ބީއެމްއެލް އަދާކޮށްފައިވާ ދައުރުގެ ސަބަބުން މިކަން އިތުރަށް ޚާއްސަ ވެގެންދާ ކަމަށާއި މިއަހަރު ފަށާފައިވާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ތެރެއިން ހުޅުމާލޭގައި ގާއިމްކޮށްފައިވާ އޭޓީއެމްތަކުގެ އަދަދު ދެގުނައަށް އިތުރުކޮށް ހަ އެޓީއެމްއެއް މިއަހަރު ނިމުމުގެ ކުރިން ހުޅުމާލޭގައި ހުންނާނެ ކަމަށް ހީލީ ވިދާޅުވި އެވެ.
" މިރަށުގައި އިތުރުވަމުންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ބިޒްނަސް ސެންޓަރ އެއް ގާއިމްކުރުމަށްވެސް ވަނީ ހަމަޖެހިފައި." ހީލީ ވިދާޅުވި އެވެ.