އިންޑިއާގައި 5 ޖީ ނެޓްވޯކެއް ގާއިމު ކުރުމާ ދެކޮޅަށް ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ޖޫހީ ޗާވްލާ ދިއްލީގެ ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ގިނަ ބަހުސްތަކެއް އެއާ މެދު ކުރެވިފައިވާ 5ޖީ ނެޓްވޯކް ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިނުމަށް ވަނީ ނިންމާފައެވެ. ޓެކްނޮލޮޖީގެ މި ކުރިއެރުމުގެ ސަބަބުން ކޮށްފާނެ ނޭދެވޭ އަސަރުތަކާ ގުޅިގެން ބައެއް ފަރާތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެއާއެކު ތިމާވެށި ހިމާޔަތް ކުރަން މަސައްކަތްކުރާ ޖޫހީ ވެސް މިވަނީ 5ޖީ ދިނުމާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.
ޖޫހީ ބުނީ އޭނާ އަކީ ޓެކްނޮލޮޖީގެ ކުރިއެރުންތަކާ ދެކޮޅު މީހެއް ނޫން ކަމަށެވެ. އެކަމަކު ރޭޑިއޭޝަން އަކީ އިންސާނުންގެ ސިއްޙަތުގެ ރައްކާތެރިކަމަށް ހުރި ނުރައްކަލެއްކަމަށް ގަބޫލު ކުރެވޭނެ އެކަށީގެންވާ ސަބަބުތަކެއް އެބަހުރި ކަމަށް ޖޫހީ ބުނެއެވެ.
ޖޫހީ ބުނީ, 5ޖީ ދޫކުރުމަށް ޓެލެކޮމިއުނިކޭޝަން އިންޑަސްޓްރީން ނިންމާފައިވާ ނިންމުން ތަންފީޒު ކުރެވިއްޖެ ނަމަ, ރޭޑިއޯ ފްރިކުއެންސީ ރޭޑިއޭޝަން މަތިވާ މިންވަރުން ދުނިޔޭގެ އެކަކަށް ވެސް ރައްކާތެރި ނުވެވޭނެ ކަމަށެވެ. އަދި 5ޖީ ޕްލޭންއަކީ އިންސާނުންނާއި ދުނިޔޭގެ ގުދުރަތީ ނިޒާމަށް ފޫނުބެއްދޭނެ އަދި އަނބުރާ އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިގެން ދާނެ ކަމެއް ކަމަށް ޖޫހީ ބުންޏެވެ.
ޖޫހީގެ ގާނޫނީ ވަކީލް ދީޕަކް ކޯސްލާ މިކަމާ ގުޅޭ ގޮތުން ބުނީ ރޭޑިއޭޝަންއަކީ އިންސާނުންގެ ހަށިގަނޑަށް ނުރައްކާތެރި އެއްޗެއްކަމަށް ދިރާސާތަކުން ދައްކާފައި ވާކަމަށެވެ. އަދި 2015 އާއި 2018 ގައި ސަރުކާރުން ދިރާސާތަކެއް ކުރުމަށް އަންގާފައި ވާއިރު އޭގެ ނަތީޖާތަށް ލިބެންދެން, 5ޖީ ދޫކުރުން މަޑުޖައްސާލަން ޖެހޭ ކަމަށެވެ. ހަމައެހެންމެ 5ޖީ ދޫކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރަށް ބުރަވެވޭނެ އެއްވެސް އަސާސެއް ނެތްކަން ވަކީލު ފާހަގަކުރިއެވެ.
ދީޕަކް ކޯސްލާ ބުނީ, އެމީހުން ހުށަހެޅި މައްސަލައިގެ މަގުސަދަކީ, އިތުރު ދިރާސާތައް ހެދި އޭގެ ނަތީޖާ ލިބެންދެން 5ޖީ ދޫކުރުން މަޑުޖައްސާލަން ހައި ކޯޓުގެ އަމުރެއް ހޯދުން ކަމަށެވެ. އޭނާ އިތުރަށް ބުނީ މި ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ ދިރާސާއަކީ އެއްވެސް ބުރަދަނެއް ދެވޭނެ އެއްޗެއް ނޫން ކަމަށާއި އެ ދިރާސާއަކީ މުވާސަލާތީ ކުންފުނިތަކުން ފަންޑުކޮށްގެން ހަދާފައިވާ ދިރާސާއެއް ކަމަށެވެ.