ކ. މާލެ
|
31 މެއި 2021 | ހޯމަ 23:44
ފުލުހުން ބަޔަކު ބަލައިފާސްކުރަނީ
ފުލުހުން ބަޔަކު ބަލައިފާސްކުރަނީ
ރާއްޖެއެމްވީ
ކޮވިޑް-19- ގަވާއިދާ ޚިލާފުވާ މީހުން ޖޫރިމަނާކުރުން
ގަވާއިދާ ހިލާފުވާ މީހުންގެ އަދަދުތައް ދުވަހެއް ދުވަހަކަށް އިތުރުވަނީ!
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނި ވެސް 913 މީހުން ޖޫރިމަނާކޮށްފައިވޭ
ކާފިއު ވަގުތު ބޭރުގައި އުޅުނު 631 މީހަކު ވަނީ ޖޫރިމަނާ ކޮށްފައި
ގަވާއިދާ ޚިލާފަށް ޚިދުމަތް ދިން 74 ތަނެއް ޖޫރިމަނާކޮށްފައިވޭ

މާލެ ސަރަހައްގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ޚިލާފުވި 913 މީހަކު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނި ވެސް ޖޫރިމަނާކޮށްފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބުނެފިއެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ހޮނިހިރު ދުވަހުގެ އިރު އޮއްސި 6:00އިން އާދިއްތަ ދުވަހުގެ އިރު އޮއްސި 6:00އާ ދެމެދު، މާސްކު ނާޅައި އުޅުނު 208 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށާއި، އަދި ކާފިއު ވަގުތު ބޭރުގައި އުޅުނު 631 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. މީގެ އިތުރަށް، ގަވާއިދާ ޚިލާފަށް ޚިދުމަތް 74 ތަނެއް ޖޫރިމަނާ ކޮށްފައިވާއިރު، އޭގެ ތެރޭގައި އެތަންތަނުން ޚިދުމަތް ހޯދި މީހުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރަށް، ކާފިއު ނޫން ގަޑިތަކުގައި އެޗްޕީއޭއިން ކުރިއަށްގެންދާ މާސް އިންސްޕެކްޝަންގެ ތެރެއިން، އާދިއްތަ ދުވަހު 142 ތަނެއް އިންސްޕެކްޓް ކޮށްފައިވާއިރު، އޭގެ ތެރެއިން 137 ތަނަކުން އެއްވެސް މައްސަލައެެއް ފެނިފައި ނުވާ ކަމަށާއި، ނަމަވެސް ފަސް ތަނެއް އަލުން އިވެލުއޭޓްކުރަން ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފުވާ މީހުންގެ އަދަދުތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން ފާހަގަކުރައްވަމުން މަބްރޫކް ވިދާޅުވީ، އެއް ބަޔަކު ކުރާ ކަމެއްގެ ސަބަބުން އޭގެ އަސަރު އެންމެނަށް ކުރާނެ ކަމަށެވެ. އެގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެންމެންގެ ދިރިއުޅުމަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސް، ދަތިތަކަކާ ކުރިމަތިވަމުން އަންނައިރު، ގަވާއިދާ ޚިލާފުވުން އިތުރުވާ ނަމަ މި ހާލަތުގައި ތިބެން ޖެހޭ ދުވަސްތައް އިތުރުވެދާނެ ކަމަށެވެ.

ކޮވިޑް-19 ހަލުވި މިނެއްގައި ފެތުރެމުންދާތީ ސަރުކާރުން މިހާރު ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ކާފިއު ވަގުތު ވަނީ ހަވީރު 4:00އިން ފެށިގެން ހެނދުނު 8.00އާ ހަމައަށް އިތުރުކޮށްފައެވެ. އަދި ކާފިއު ނޫން ވަގުތުތަކުގައި ވެސް ޚާއްސަ ހުއްދައަކާއިލައިގެން ނޫނީ ބޭރަށް ނުކުތުމަކީ މަނާކަމެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.

މި އުސޫލުތަކާ ޚިލާފުވާ ފަރާތަކީ އާންމު ފަރުދެއްނަމަ، އެންގުމާ ޚިލާފުވާ ފުރަތަމަ ފަހަރު 1،000 ރުފިޔާއިން، ދެވަނަ ފަހަރު 3،500 ރުފިޔާއިން، ތިންވަނަ ފަހަރު 7،500 ރުފިޔާއިން، އަދި ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

ގާނޫނީ ޝަޚުސެއްނަމަ އެންގުމާ ޚިލާފުވާ ފުރަތަމަ ފަހަރު 5،000 ރުފިޔާއިން، ދެވަނަ ފަހަރު 25،000 ރުފިޔާއިން، ތިންވަނަ ފަހަރު 50،000 ރުފިޔާއިން އަދި ހަތަރުވަނަ ފަހަރު 75،000 ރުފިޔާއިން، ފަސްވަނަ ފަހަރުން ފެށިގެން ދެން އިތުރުވާ ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އުސޫލުގައި ވެއެވެ.

ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން ކެފޭ, ރެސްޓޯރެންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން, ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެން ޚިދުމަތްތައް ހުއްޓާލުމަށް އަންގާފައި ވެއެވެ. އަދި ޑެލިވަރީ ކުރުމުގެ ހުއްދަ ހެނދުނު 6.00އިން ރޭގަނޑު 12:00އަށް ދީފައިވާއިރު, ޓޭކްއަވޭގެ ޚިދުމަތް ދެވޭނީ ހެނދުނު 8:00ން ފެށިގެން ހަވީރު 4:00އަށެވެ. ކާފިއު ވަގުތުގައި ކެފޭ ރެސްޓޯރެންޓްތަކުން ޓޭކްއަވޭ ޚިދުމަތްދޭކަން ފާހަގަ ވެއްޖެނަމަ، އެންމެ މަދުވެގެން 5000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ނިންމާފައެވެ.


Advertisement
- ކޮމެންޓް