ކ. މާލެ
|
31 މެއި 2021 | ހޯމަ 11:50
އައްޑޫ ސީޓީއަށް ނިސްބަތްވާ 7 މެމްބަރުންގެ ތެރެއިން 6 މެމްބަަރުން މިކަމަށް ތާއީދުކޮށް ވާހަކަދައްކަވާފައިވޭ
އައްޑޫ ސީޓީއަށް ނިސްބަތްވާ 7 މެމްބަރުންގެ ތެރެއިން 6 މެމްބަަރުން މިކަމަށް ތާއީދުކޮށް ވާހަކަދައްކަވާފައިވޭ
ރާއްޖެއެމްވީ
އައްޑޫ ސިޓީގައި ކޮންސިއުލޭޓެއް ގާއިމުކުރުން
''އިންޑިއާ ކޮންސިއުލޭޓްގެ މަސައްކަތް ކުރުމަށް މަންދޫބުން ތިއްބެވީ ކެތްމަދުވެފައި''
 
ތަރައްގީއާއި ކުރިއެރުން ލިބިގެންދާނެ
 
ވިޔަފާރީގެ ގިނަ ފުރުސަތުތައް ލިބޭނެ
 
ކޮންސިއުލޭޓްގެ ފައިދާ ކުރާނީ ހަމައެކަނި އައްޑޫ ރައްޔިތުންނަކަށް ނޫން

''މުޅި ދެކުނަށް އެކަމުގެ ފައިދާއާ މަންފާ ކުރާނެ'' މިއީ އައްޑޫއަށް ނިސްބަތްވާ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރުމާއި ބެހޭ ގޮތުން ވިދާޅުވި އުންމީދީ ޖުމްލައެކެވެ.

އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރުމުގެ މަޝްވަރާތައް ކުރަމުންދާ އަންނަކަން ހާމަކުރުމާއެކު ރައްޔިތުން ހާސްކުރުވާ ބީދައިން ހަގީގަތާއި ޚިލާފު އެތައް ވާހަކަތަކެއް ބައެއް ފަރާތްތަކުން އަންނަނީ ދައްކަމުންނެވެ. މުޅި ސޯޝަލް މީޑިއާގެ އިތުރުން ދެމީހަކު އެއްތަން ވިޔަސް ކުރަމުންދާ ބަހުސަކީ މިއީއެވެ.

މިބަހުސް ވައިގައި ހިފާފައިވާއިރު ބައެއް މީހުން ދައްކާ ވާހަކަތަކުން އިންޑިއާއިން އުޅެނީ އައްޑޫ ސިޓީ އަތުވެތިކުރަންހެން ހީވާ ކަހަލައެވެ. ރައްޔިތުންނަށް އެބޭނުންވާ ގޮތަކަށް ވަކި ވިސްނުމަކުން ވިސްނަދޭން އުޅުނު ކަމުގައި ވިޔަސް މިއަދު ޒަމާން އޮތީ ބަދަލުވެފައެވެ. އައްޑޫ ސިޓީ ތަމްސީލުކުރާ ރައްޔިތުންގެ މަންދޫބުން ވެސް ތިއްބެވީ ތަރައްގީގެ ވިސްނުމުގައެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރުމަށް މެމްބަރު ރޮޒެއިނާ ތާއީދުކުރައްވައެވެ. މެމްބަރު ރޮޒެއިނާ ވިދާޅުވީ ކޮންސިއުލޭޓްގެ ފައިދާ ކުރާނީ އައްޑޫ ރައްޔިތުންނަށް އެކަނި ނޫން ކަމަށެވެ. އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގައިމް ކުރުމަކީ އައްޑޫ ރައްޔިތުންގެ އިތުރުން ފުވައްމުލައް އަދި މުޅި ދެކުނަށް ވެސް ބޭނުންތެރި އެކަމުގެ މަންފާ ކުރާނެ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އައްޑޫއާއި އިންޑިއާއާ ދޭތެރޭ ޑައިރެކްޓް ފްލައިޓްތައް އޮޕަރޭޓް ކުރެވޭނެ މަގުފަހިވެ ދެކުނުގެ ރައްޔިތުންނަށް އެތައް ފައިސާއެއް ސަލާމަތް ކުރެވޭނެ ކަމަށެވެ.

ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު - ރައްޔިތުންގެ މަޖިލިސް

ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު

މެމްބަރު ނިހާދު ވިދާޅުވީ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމްކުރުމަށް ފޭދޫ ރައްޔިތުން ބޭނުންވާ ކަމަށާއި އެކަމުގެ ސަބަބުން ދެކުނަށް ކުރާ މަންފާ ރައްޔިތުންނަށް އެނގޭ ކަމަށެވެ. ކޮންސިއުލޭޓެއް ގާއިމްކުރެވިއްޖެނަމަ އައްޑޫ އާއި އިންޑިއާ ދެމެދު އިތުރަށް ގުޅުން ބަދަހިވެގެންދާނެކަން ފާހަގަކުރައްވައި މެމްބަރު ނިހާދު ވިދާޅުވީ ފެރީގެ ޚިދުމަތް އިތުރަށް ފުޅާކުރެވި، ކާރގޯ ސަޕްލައި އިތުވެގެންދާނެ ކަމަށެވެ. ސަރުކާރާއި ދެކޮޅު ފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަށް އަމާޒުކުރައްވާ މެމްބަރު ވިދާޅުވީ ބައެއް ބޭފުޅުންނަކީ އައްޑޫއަށް ތަރައްގީ ލިބެން ބޭނުންނުވާ ބޭފުޅުން ކަމަށާއި، އެބޭފުޅުން އަބަދުވެސް މަސައްކަތް ކުރަމުން އައީ އައްޑޫ ރައްޔިތުން މާލެސިޓީއަށް ބަރޯސާކުރުވަން ކަމަށެވެ. ނަމަވެސް އެބޭފުޅުންގެ ސަރުކާރެއްގައި ޗައިނާއިން ކުރާ ކަމެއްނަމަ އެކަމަށް އެއްބަސްވާނެ ކަމަށް މެމްބަރު ނިހާދު ވިދާޅުވިއެވެ.

މީގެ އިތުރުން މެމްބަރު ނިހާދު ވިދާޅުވީ ހަގީގަތާއި ޚިލާފު ގިނަ ވާހަކަތަކެއް ދައްކަމުންދާ ކަމަށާއި، އައްޑޫ ސިޓީގައި އިންޑިއާއިން މިލިޓަރީ ބޭހެއް އަޅަން ނޫޅޭ ކަމަށެވެ. އަދި އެގޮތަށް ހަގީގަތެއް ނެތް ވާހަކަތަކެއް ފެތުރި ނަމަވެސް އައްޑޫ ރައްޔިތުން ހާސްވެގެން ނޫޅޭ ކަމަށެވެ.

އިލްޔާސް ލަބީބް - ރައްޔިތުންގެ މަޖިލިސް

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމްކުރުމަށް ތާއީދުކޮށް މެމްބަރު އިލްޔާސް ވަނީ މި ކޮންސިއުލޭޓް ގާއިމް ކުރުމަށް ދޭން ޖެހޭ ހުއްދަތައް އަވަހަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށާއި، ފޮރިން މިނިސްޓަރު ޝާހިދަށް ގޮވާލައްވާފައެވެ.

މެމްބަރު އިލްޔާސް ވިދާޅުވީ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވުމަކީ ދެކުނުގެ ރައްޔިތުންނަށް ވިސާ ހޯދުމުގައި ލުއި ފަސޭހަތައް ލިބޭނެ ކަމެއް ކަަމަށެވެ. އަދި މިހާރުވެސް އިންޑިއާގެ އެހީއާއެކު އައްޑޫގައި ތަރައްގީގެ ގިނަ ޕްރޮޖެކްޓްތައް ހިންގަމުންދާކަން މެމްބަރު ފާހަގަކުރެއްވިއެވެ. އެގޮތުން އައްޑޫގެ މަގުހެދުމާއި، އެއާޕޯޓް މަރާމާތު ކުރުމާއި 8 ހައި އިމްޕެކްޓް ގްރާންޓް ޕްރޮޖެކްޓަށް 200 މިލިއަން ޑޮލަރުދީފައިވާ ކަމަށް މެމްބަރު އިލްޔާސް ވިދާޅުވިއެވެ.

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް - މަޖިލިސް

ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް

މެންބަރު އަސްލަމް ވިދާޅުވީ އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމްކުރުމަކީ ވިޔަފާރީގެ ގޮތުން ވަރަށް ބޮޑަށް ކުރިއެރުންތައް ލިބޭނެ ކަމެއް ކަމަށެވެ. އެގޮތުން އިންވެސްޓްމަންޓްގެ ފުރުސަތުތައް އިތުރުވާނެކަން މެމްބަރު އަސްލަމް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އައްޑޫ ރައްޔިތުންނަށް ވިސާ ލިބުމުގައި ވެސް ލުއި ފަސޭހަ ވެގެންދާނެ ކަމަށެވެ. ހުރިހާ ގޮތަކުން ފައިދާހުރިކަމެއްކަން ފާހަގަކޮށް މެމްބަރު އަސްލަމް ވިދާޅުވީ ކޮންސިއުލޭޓް ގާއިމް ކުރުމުގައި ދޭން ޖެހޭ ހުއްދަތައް ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ހިތަދޫ މެދުދާއިރާގެ މެންބަރު އަހުމަދު ރަޝީދު- މަޖިލިސް

ހިތަދޫ މެދުދާއިރާގެ މެންބަރު އަހުމަދު ރަޝީދު

މެންބަރު އަހުމަދު ރަޝީދު ވިދާޅުވީ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރުމުގައި ސަރުކާރުން އަމަލުކުރާނީ ރަނގަޅަށް ކަމަށާއި، ރައްޔިތުންނާއި ގައުމަށް ގެއްލުންވާ ގޮތަކަށް ސަރުކާރުން އެއްވެސް ކަމެއް ނުނިންމާނެ ކަމަށެވެ. އެގޮތުން އައްޑޫ ސިޓީގެ ރައްޔިތުންނާއި ގައުމަށް ފައިދާއާއި މަންފާ ލިބޭ ކޮންމެ ކަމަކަށް ތާއީދުކުރާނެ ކަަމަށް މެމްބަރު ވިދާޅުވިއެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް- މަޖިލިސް

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް

މެންބަރު ޝަރީފް ވިދާޅުވީ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރި ނަމަވެސް އެކަން ކުރާނީ އެއޮންނަ އުސޫލުތަކާއި ގަވާއިދުގެ ދަށުން ކަމަށެވެ. އިންޑިއާ އާއި ރާއްޖެއަކީ ޒަމާނުއްސުރެ ގާތް ދެގައުމުކަން ފާހަގަކުރައްވައި މެމްބަރު ވިދާޅުވީ މިކަމުގެ ސަބަބުން އިތުރަށް ގުޅުން ބަދަހިވެ ޑިޕްލޮމެޓިކް ގިނަ މަސައްކަތްތަކެއް ފަސޭހަކަމާއެކު ކުރެވޭނެ ކަމަށެވެ. މެމްބަރު ވިދާޅުވީ މިހާރު ވެސް އައްޑޫގެ ތަރައްގީއަށް އިންޑިއާއިން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާއިރު، މިކަމުގެ ސަބަބުން ނުސީދާ ގޮތުން ވެސް ތަރައްގީ އިތުރަށް ގެނައުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މީގެ އިތުރުން ދުނިޔޭގެ އެކިއެކި ގައުމުތަކުން، ރައްޓެހި ގައުމުތަކުގައި އެމްބަސީތަކާއި ކޮންސިއުލޭޓްތައް ގާއިމް ކުރާކަން މެމްބަރު ޝަރީފް ފާހަގަކުރެއްވިއެވެ.

އައްޑޫ ސިޓީގެ މޭޔަރު އަދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު

މިއީ އައްޑޫ ސިޓީ ތަމްސީލް ކުރައްވަމުން ގެންދަވާ 7 މެމްބަރުންގެ ތެރެއިން 6 މެމްބަރުން މިކަމުގައި ދެކެވަޑައިގަންނަވާ ގޮތެވެ. މިމެމްބަރުންނަކީ ރައްޔިތުންގެ މަބްދޫބުން ކަމަށްވާއިރު، ރައްޔިތުންނަށް ދެރައެއް ނުވަތަ އެކަމުގެ ގެއްލުން ގައުމަށް ކުރާނެ ކަމެއް އެމެމްބަރުން ނުކުރާނެއެވެ. މިމެމްބަރުންގެ އިތުރުން ވެސް އައްޑޫ ސިޓީގެ މޭޔަރު އަދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވެސް ވަނީ މިކަމަށް ތާއީދުކޮށް ވާހަކަދައްކަވާފައެވެ.

މޭޔަރު ނިޒާރު ވިދާޅުވީ އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރުމަކީ އައްޑޫގެ ތަރައްގީއާ ގުޅިފައިވާ ކަމެއް ކަމަށެވެ.

އައްޑޫސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރުމާއި ބެހޭ ގޮތުން އެސިޓީގެ ރައްޔިތުންގެ ބަސް މަންދޫބުން އެވަނީ އިއްވަދީފައެވެ. ހަގީގަތް އޮޅުލުމަށް ބަޔަކު މީހުންތަކެއް މަސައްކަތް ކުރި ނަމަވެސް އެމަގުސަދު ހާސިލް ނުވާނެއެވެ. މިމަސައްކަތް ކުރުމުގެ ހުއްދަ އަވަސްކޮށް ދިނުމަށް ބައެއް މަންދޫބުން ގޮވާލާފައިވާއިރު، ހުއްދަދޭނެ އިރަކަށް ބައެއް ރައްޔިތުން ތިބީ އިންތިޒާރުގައެވެ. މަސައްކަތް އަވަސް ކޮށްދިނުމަށް އެދެމުންދާއިރު، އައްޑޫ ސިޓީގެ ރައްޔިތުން އެދޭފަދަ ތަރައްގީއަށް ވަސީލްވުމަށް ކެތްމަދުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
40%
40%
0%
20%
0%
0%
ކޮމެންޓް
1 ޖޫން 2021 | އަންގާރަ 07:53
އައްޑޫމީހާ
އައްޑޫގެ މެމްބަރުން އަދި އައްޑޫގެ މޭޔަރަށް އައްޑޫ ރައްޔިތު މީހާކޮށްްލަން ބޭނުންވާ ސުވާލަކީ ކޮވިޑް މިހާލަތުގައި އިންޑިއާ ސަރުކާރަށް މިމަސައްކަތް މާ މުހިއްމުކަމަކަށް ވީ ކީއްވއްގެންތޯ؟؟ މިއަހަރު ނިމުމުގެ ކުރިން ދިވެހިރާއްޖެ އަދި އިންޑިއާގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދޭން ނުވަތަ ކޮވިޑް އިން އަރައިގަންނާނެ ގޮތެއް ހޯދުމަށް ޔޫނިއަން ކެބިނެޓުން ނިންމުން މާއައުލާކަން ބޮޑުނޫންތޯ؟؟ ދިވެހިސަރުކާރުގެ ބަހެއްނެތި 7 މަސް ދުވަހުގެ ތެރޭގައި މިމަސައްކަތް ކޮށް ނިންމަން އަވަސް އަރުވާލައިގެން އުޅެނީ ހަމަ އިންޑިއާ ސަރުކާރުގެ ހެޔޮފުޅު ކަމުންތޯ؟ އިންޑިއާ ސަރުކާރު އެހާ ހެޔޮފުޅުވިއްޔާ ދިވެހިންނަށް އޮންއެރައިވަލް ވިސާ ނޫނީ އީވިސާ ދޫކުރުން ކިހިނެއްވާނެތޯ؟ ދުނިޔެ ތަރައްޤީ ވަމުންދާއިރު އިންޑިއާ ކަންތައްހުންނަ ގޮތުން ހީވަނީ ތަރައްޤީގެ ރޭހުގައި ފަހަތަށްދާހެން؟؟ ނޫސްވެރިޔާ މިސުވާލުތަކަށް އައްޑޫ މެމްބަރުންގެ ފަރާތުން ޖަވާބު ހޯދަދެއްވާ!!
31 މެއި 2021 | ހޯމަ 16:21
ސައިދް
އިންޑިއާ ކޮންސިއުލޭޓުން ދިވެހިންނައް ފާއިދާ ކުރާނެވާހަކަ ފެތުރުމަކީ ނުބައެއް! ފުރަތަމަ އިންޑިއާމީހުން ގާތު އަހާބަލަ އެމްބަސީ އަޅަން ނުފަށާ އިތުރު ކޮން ކޮންސިއުލޭޓެއްގެ ވާހަކައެއްންހޭ! ދާޚިލީ ސިޔާސަތުގެތެރެއަށް އިންޑިއާ އަދި ޗައިނާ ވައްދައިގެން ދިވެހި ގައުމައް ދިގުމަސްތަގުބަލުގައި ވާނެ ގެއްލުން ދިރާސާ ކުރައްވާ! އަމިއްލަ ފާއިދާ އައް ތި ޕާރޓީތަކުން މިގައުމު ގައުމިއްޔަތު ނަގާލައިފި! އެއްބަޔަކު ފާފު ވުއްކާލަން ދިމާކުރިއިރު އަނެއްބަޔަކު އެބައިމީހުންގެ މަކަރުވެރި ރޭވުމުގެ ތެރެއިން އައްޑޫ ޚަރާބު ކޮއްލަން ކުރާ މަސައްކަތް ހުއްޓާލާ!