ދަރިވަރުންނަށް ދިމާވެފައިވާ ޑޭޓާގެ މައްސަލަ ހައްލުކުރުމަށް ލޯކަލް ޕްލެޓްފޯމެއް ގާއިމު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށް އެޑިއުކޭޝަން މިނިސްޓަރު, ޑރ.އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 ބަލިމަޑުކަން ރާއްޖޭގައި ފެތުރެމުން ދިޔުމާއި އެކު, ގިނަ ސްކޫލްތަކެއްގައި މިހާރު ކިޔަވައިދެމުން ގެންދަނީ އޮންލައިންކޮށެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި މިނިސްޓަރު ވިދާޅުވީ, އޮންލައިންކޮށް ކިޔަވައި ދޭއިރު ދަރިވަރުންނަށް އެންމެ ބޭނުންވަނީ ޑޭޓާ ކަމަށެވެ. އެހެންކަމުން ޑޭޓާގެ ކަންކަން ހަމަޖެއްސުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ދިރާގާއި އުރީދޫއިން ދަރިވަރުންނަށް އަގު ހެޔޮ ޑޭޓާ ޕެކޭޖްތަކެއް ލިބޭނެ ގޮތް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
ޑޭޓާގެ މައްސަލައަށް ރަނގަޅު ހައްލެއް ހޯދައި ދިނުމުގެ ގޮތުން ލޯކަލް ޕްލެޓްފޯމެއް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި، މިހަފްތާތެރޭ އެ ޕްލެޓްފޯމް ޓެސްޓްކޮށްފައި ވާކަމަށާއި، އަދި މިއަހަރުގެ އޯގަސްޓު މަހުގެ ތެރޭ އެ ޕްލެޓްފޯމް ބޭނުން ކުރެވޭވަރު ވާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ޑޭޓާ މައްސަލައަށް ރަނގަޅު ސޮލިއުޝަންއެއް ހޯދުމަށްޓަކައި ލޯކަލް ޕްލެޓްފޯމެއް ހެދުމުގެ މަސައްކަތް ވެސް އެބަ ކުރިއަށްގެންދޭ. މި ހަފްތާތެރޭ މި ޕްލެޓްފޯމް ވަނީ ޓެސްޓް ކުރެވިފަ. އަދި ހަމަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އަންނަ އޯގަސްޓްމަހު މި ޕްލެޓްފޯމް ހުރިހާ ސްކޫލްތަކެއްގައި ހެން ބޭނުން ކުރެވެން ފެށޭނެ.އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ
ފެށޭ ހަފްތާތެރޭ ބައެއް ސްކޫލްތަކުގައި ލޯކަލް ޕްލެޓްފޯމް ޓެސްޓް ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށާއި، އަދި އަލަށް ގާއިމު ކުރާ މި ލޯކަލް ޕްލެޓްފޯމުގެ ސަބަބުން ދަރިވަރުންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަށް އެދެވޭ ހައްލެއް ލިބިގެން ދާނެ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.