ކ. މާލެ
|
30 މެއި 2021 | އާދީއްތަ 07:21
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް
ރާއްޖޭގައި ކުރިޔަށްދާ ވެކްސިނޭޝަން ޕްރޮގްރާމް
ދެވަނަ ޑޯޒް ފުރިހަމަކުރީ 37 އިންސައްތަ މީހުން، ސްޓޮކްގައި 68،000 ވަރަކަށް ޑޯޒް
 
މެއި މަހުގެ 2 ވަނަ ދުވަހުން ފެށިގެން މާލޭގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ވަނީ މެދުކަނޑާލާފައި
 
ސިނޯފަރމް ވެކްސިންގެ 66،035 ޑޯޒް ސެންޓްރަލް ސްޓޮކްގައި އެބަހުރި
 
ފުރަތަމަ ޑޯޒް އާބާދީގެ 70 އިންސައްތަ މީހުން ޖަހާފައިވޭ

ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ރާއްޖޭގައި ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ފަށާފައިވާއިރު ވެކްސިން ޖަހަންޖެހޭ އާބާދީގެ 37 އިންސައްތަ މީހުން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފިއެވެ.

އެޗްއީއޯސީން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވަނީ ރާއްޖޭގައި ކުރިޔަށްދާ ވެކްސިނޭޝަން ޕްރޮގްރާމްގެ ތަފްސީލު ދެއްވާފައެވެ. އެގޮތުން ފުރަތަމަ ޑޯޒް އާބާދީގެ 70 އިންސައްތަ މީހުން ޖަހާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު ޖަހަމުން އަންނަނީ އިންޑިޔާގެ ސެރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނާއި ޗައިނާގެ ސިނޯފަރމް ވެކްސިން އަދި ފައިޒަރ ވެކްސިނެވެ. މިވެކްސިންތަކުގެ ތެރެއިން މިވަގުތު ސްޓޮކްގައި ހުރި އަދަދުތައްވެސް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ކޮވިޝީލްޑް ވެކްސިންގެ 400 ޑޯޒް ސްޓޮކްގައި ހުރިއިރު ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ރަޖިސްޓްރީކޮށް ޖަހަމުން އަންނަ ފައިޒަރ ވެކްސިންގެ 1925 ޑޯޒް ސްޓޮކްގައި ހުރިކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެއިތުރުން ޗައިނާގެ ސިނޯފަރމް ވެކްސިންގެ 66،035 ޑޯޒް ސެންޓްރަލް ސްޓޮކްގައި ހުރިކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޖަހަންފެށީ ކޮވިޝީލްޑް ވެކްސިނެވެ. ވެކްސިން ޖަހަން ފެށިއިރު ރާއްޖެއަށް ލިބިފައިވަނީ ކޮވިޝީލްޑް ވެކްސިންގެ 1 ލައްކަ ޑޯޒެވެ. ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ވެކްސިނޭޝަން ޕްރޮގްރާމް ފެށިއިރު އިންޑިޔާއިން ކޮވިޝީލްޑް ވެކްސިންގެ އިތުރު 1 ލައްކަ ޑޯޒް ހަދިޔާކުރީ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. އަދި މަރޗް މަހުގެ 15 ވަނަ ދުވަހާ ހަމައަށް މާލޭގައި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދޭނަކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވިއެވެ. އެއީ މަރޗް މަހުގެ 8 ވަނަ ދުވަހުއެވެ. އޭރު ވެކްސިން ޖަހާފައިވަނީ 150,000ށް ވުރެ ގިނަ މީހުންނެވެ. އޭގެތެރެއިން 89،000 މީހުން ވެކްސިން ޖަހާފައިވަނީ މާލޭގައެވެ.

މަރޗް މަހުގެ 15 ވަނަ ދުވަހު މާލެ ސަރަހައްދުގައި ވެކްސިން ޖެހުން މެދުކަނޑާލުމަށްފަހު ދެން ވެކްސިން ޖަހަން ފެށީ މަރޗް މަހުގެ 23 ވަނަ ދުވަހުއެވެ. އެއީ ސިނޯފަރމް ވެކްސިނެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ތިބި މީހުންނަށް ސިނޯފަރމް ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލިއިރު ސިނޮފާމްގެ 18،000 ޑޯޒްގެ ވެކްސިން ރާއްޖެއަށް ވަނީ އޭރު ލިބިފައެވެ. އަދި މަރޗް މަހުގެ 24 ވަނަ ދުވަހުގެ ރޭ ޗައިނާގެ ސިނޮފަރމް ވެކްސިންގެ ފުރަތަމަ ބެޗް ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެއްގައި ރާއްޖެ ގެނައެވެ. އެއީ ޗައިނާއިން ހަދިޔާކުރި ސިނޯފަރމް ވެކްސިންގެ 2 ލައްކަ ޑޯޒްގެ ތެރެއިން 1 ލައްކަ ޑޯޒެވެ. އަނެއް 1 ލައްކަ ޑޯޒް ރާއްޖެ ގެނައީ މަރޗް މަހުގެ 30 ގައެވެ.

އިންޑިއާގެ ސިރަމް އިންސިޓިޓިއުޓްއިން ކޮވިޝީލްޑް ވެކްސިންގެ 300،000 ލައްކަ ޑޯޒް ގަތުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ވެކްސިންގެ 100،000 ޑޯޒު ރާއްޖެ ގެނައީ މަރޗް މަހުގެ 29 ވަނަ ދުވަހުއެވެ.

އެއަށްފަހު އޭޕްރީލް މަހުގެ 3 ވަނަ ދުވަހު ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒް ޖަހަންފެށިއެވެ. އެއީ ކޮވިޝީލްޑް ވެކްސިން ޖަހާފައިވާ ފަރާތްތަކަށެވެ. އެވެކްސިންގެ ދެވަނަ ޑޯޒް ޖަހަމުންދިޔައީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން 8 ހަފްތާ ހަމަވުމުންނެވެ.

އޭޕްރީލް މަހުގެ 10 ވަނަ ދުވަހު މާލޭގައި ފައިޒަރ ވެކްސިން ޖަހަން ފެށިއެވެ. ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ލިބިފައިވަނީ ފައިޒަރ ވެކްސިންގެ 5500 ޑޯޒެވެ. އަދި ވެކްސިން ޖަހަނީ މާލެ ސަރަހައްދުގައި ބޮޑެތި ބަލިތައް ހުރި މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ރަޖިސްޓްރީ ކޮށްގެންކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ސިނޯފަރމް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފެށިއެވެ. އެހެންނަމަވެސް މެއި މަހުގެ 2 ވަނަ ދުވަހުން ފެށިގެން މާލޭގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ވަގުތީ ގޮތުން މެދުކަނޑާލިއެވެ. އަދި ކޮވިޝީލްޑް ވެކްސިންގެ އިތުރު ޝިޕްމަންޓެއް ގެނައުމުގެ މަސައްކަތްކުރަމުންދާކަމަށް އެޗްޕީއޭއިން ހާމަކުރިއެވެ. ކޮވިޝީލްޑް ވެކްސިންގެ ތިން ލައްކަ ޑޯޒް ގަތުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން އޭޕްރީލް މަހު އިތުރު ޝިޕްމަންޓެއް ގެނައުމަށް މަސައްކަތްކުރިކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

ރާއްޖެއަށް ވެކްސިން ގެނައުމުގައި މިހާރު ކުރަމުންދާ މަސައްކަތްތަކަށް ބަލާލާއިރު އެސްޓްރާޒެނެކާ ކުންފުންޏާއެކު 2020 ވަނަ އަހަރުގެ ޑިސެންބަރު މަހު ހަދާފައިވާ އެއްބަސްވުމުގެ ދަށުން "އެސްޓްރާޒެނެކާ" ވެކްސިންގެ 700,000 ޑޯޒްއަށް ފައިސާ ދެއްކި، ކުރިއަށް އޮތް ޖޫން މަހުގެ ފަހު ހަފްތާ ހިސާބުގައި ވެކްސިން ލިބޭނެކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވަނީ ވިދާޅުވެފައެވެ. އެވެކްސިން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވަނީ ޖޫން މަހުގެ ފުރަތަމަ ހަފްތާގައެވެ. ނަމަވެސް ޝިޕްކުރުމުގައި ދިމާވެފައިވާ ދަތިތަކުގެ ސަބަބުން މިހާރު އެވެކްސިން ލިބޭނީ ޖޫން މަހުގެ ފަހުކޮޅު ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރަޝިއާގެ ސްޕަޓްނިކްވީ ވެކްސިން ހޯދުމަށް އެގްރީމެންޓްގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ރާއްޖެއިން ރަޝިއާގެ ސްޕަޓްނިކް ވެކްސިންގެ 200،000 ގަތުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެކަމާއި ގުޅިގެން ސަރުކާރުން ބުނެފައިވަނީ އެއްބަސްވެފައިވާގޮތުން އެގްރިމެންޓްގައި ސޮއި ކުރާތާ 4 ހަފްތާ ތެރޭގައި އެވެކްސިން ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
75%
0%
25%
ކޮމެންޓް