ކ. މާލެ
|
30 މެއި 2021 | އާދީއްތަ 00:35
އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރޭތޯ ބެލުމަށް ފުލުހުންނާއި ސިފައިން ހަރަކާތްތެރި ވަނީ
އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރޭތޯ ބެލުމަށް ފުލުހުންނާއި ސިފައިން ހަރަކާތްތެރި ވަނީ
ރާއްޖެއެމްވީ
ފިޔަވަޅުތަކާ ޚިލާފުވާ މީހުން ޖޫރިމަނާކުރުން
މާސްކު ނާޅާ އުޅުނު 175 މީހުން ޖޫރިމަނާކޮށްފި
 ކާފިއު ގަޑިތަކުގައި ބޭރުގައި އުޅުނު 507 މީހަކު ޖޫރިމަނާ ކޮށްފައިވޭ
ގަވާއިދާ ޚިލާފަށް ކެފޭ, ސެލޫން އަދި ޖިމްތައް ހުޅުވި 60 ފަރާތެއް ޖޫރިމަނާކޮށްފައިވޭ

މާސްކް ނާޅައި މަގުމަތީގައި އުޅުނު 175 މީހަކު، ފާއިތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޖޫރިމަނާ ކޮށްފައިވާ ކަމަށް ހެލްތް އިމާޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބުނެފިއެވެ.

ހޮނިހިރު ދުވަހު އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ، މާސްކް ނާޅައި މަގުމަތީގައި އުޅެގެން, ބުރާސްފަތި ދުވަހުގެ އިރުއޮއްސި ހަޔަކުން ފެށިގެން ހުކުރު ދުވަހުގެ އިރުއޮއްސި ހަޔަކަށް 175 މީހުން ޖޫރިމަނާކޮށްފައި ވާކަމަށެވެ. އަދި ކާފިއު ގަޑިތަކުގައި، ހުއްދަނެތި ބޭރުގައި އުޅުނު 507 މީހުން ޖޫރިމަނާ ކޮށްފައިވާއިރު, ގަވާއިދާ ޚިލާފަށް ކެފޭ, ސެލޫން އަދި ޖިމްތައް ހުޅުވި 60 ފަރާތެއް ޖޫރިމަނާކޮށްފައި ވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ޚިލާފުވެއްޖެނަމަ ކުރާ ޖޫރިމަނާ ބޮޑު ކޮށްފައެވެ.

މި އުސޫލުގައި ބުނެފައިވަނީ; އާންމު ފަރުދެއްނަމަ އެންގުމާ ޚިލާފުވާ ފުރަތަމަ ފަހަރު 1،000 ރުފިޔާއިން، ދެވަނަ ފަހަރު 3،500 ރުފިޔާއިން، ތިންވަނަ ފަހަރު 7،500 ރުފިޔާއިން، އަދި ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

ގާނޫނީ ޝަޚުސެއްނަމަ އެންގުމާ ޚިލާފުވާ ފުރަތަމަ ފަހަރު 5،000 ރުފިޔާއިން، ދެވަނަ ފަހަރު 25،000 ރުފިޔާއިން، ތިންވަނަ ފަހަރު 50،000 ރުފިޔާއިން އަދި ހަތަރުވަނަ ފަހަރު 75،000 ރުފިޔާއިން، ފަސްވަނަ ފަހަރުން ފެށިގެން ދެން އިތުރުވާ ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އުސޫލުގައި ވެއެވެ.

ކޮވިޑް-19 ހަލުވި މިނެއްގައި ފެތުރެމުންދާތީ ސަރުކާރުން މިހާރު ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ކާފިއު ވަގުތު ވަނީ ހަވީރު 4:00އިން ފެށިގެން ހެނދުނު 8.00އާ ހަމައަށް އިތުރުކޮށްފައެވެ. އަދި ކާފިއު ނޫން ވަގުތުތަކުގައި ވެސް ޚާއްސަ ހުއްދައަކާއިލައިގެން ނޫނީ ބޭރަށް ނުކުތުމަކީ މަނާކަމެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން ކެފޭ, ރެސްޓޯރެންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން, ޓެކްއަވޭއާއި ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެން ޚިދުމަތްތައް ހުއްޓާލުމަށް ނިންމާފައިވެއެވެ. އެތަންތަނުން ޑެލިވަރީގެ ޚިދުމަށް ހެނދުނު 6.00އިން ރޭގަނޑު 12:00އަށް ދެވޭއިރު, ޓޭކްއަވޭގެ ޚިދުމަތް ދެވެނީ ހެނދުނު 8:00ން ފެށިގެން ހަވީރު 4:00އަށެވެ. ކާފިއު ވަގުތު ކެފޭ ރެސްޓޯރެންޓްތަކުން ޓޭކްއަވޭ ހަދާކަމަށް ފާހަގަ ވެއްޖެނަމަ އެންމެ މަދުވެގެން 5000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

- ކޮމެންޓް