ހދ.ނޭކުރެންދޫން 31 މީހަކު ބައްޔަށް ޕޮޒިޓިވްވެއްޖެއެވެ.
ނޭކުރެންދޫ ކައުންސިލުން ބުނީ މިމަހު 24 ވަނަ ދުވަހު ނެގި ރޭންޑަމް ސާމްޕަލްއެއް ޕޮޒިޓްވްވެ އެ ކޭހާއި ގުޅިގެން ނެގުނު 156 ސާމްޕަލްގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބުނު 130 ސާމްޕަލްގެ ތެރެއިން އިތުރު 17 ސާމްޕަލެއް ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
31 އެކްޓިވް ކޭސް ހިމެނޭއިރު، ނަތީޖާ ނުލިބޭ 26 ސާމްޕަލެއްވެއެވެ. މި ކޭސްތަކާއި ގުޅިގެން މިހާތަނަށް 56 ގެއެއް ވަނީ ކަރަންޓީނަށް ލެވިފައެވެ.
ނޭކުރެންދޫ ކައުންސިލްގެ ނާއިބްރައީސް އަދި އެރަށުގެ ޓާސްކްފޯސް ހިންގުމާއި ހަވާލުވެ ހުންނެވި އަލީ އާދަމް ވިދާޅުވީ 156 ސާމްޕަލްގެ ތެރޭގައި ކޮންޓްކެޓް ޓްރޭސިންގެ ތެރެއިން ފާހަގަވި މީހުންގެ އިތުރުން ރޭންޑަމްކޮށް ނެގުނު ސާމްޕަލްވެސް ހިމެނޭކަމަށެވެ. އަދި މިއަދުވެސް އިތުރު ސާމްޕަލް ނެގުމަށް ނިންމާފައިވާކަމަށާއި ވީހާވެސް ގިނަ ސާމްޕަލްނަގައި ރަށްއޮތް ހާލަތު އެއްކޮށްބަލަން ޓާސްކްފޯހުން ނިންމާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.