ފުވައްމުލައް ސިޓީގައި ކޮވިޑް ކޭހުގެ އަދަދު 457ށް އަރައިފިއެވެ.
ހޯމަ ދުވަހު އެ ސިޓީގެ ހޮސްޕިޓަލުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ހުކުރުދުވަހު 30 މީހުން ވަނީ ބަލިޖެހިގެން ރިޕޯޓު ކޮށްފައެވެ. ނަތީޖާ ނުލިބޭ 80 ސާމްޕަލް އެބައޮތް ކަމަށްވެސް ބުނެއެވެ.
މި ކޭސްތަކާއެކު ފުވައްމުލަކުގައި 258 އެކްޓިވް ކޭސް އެބައޮތް ކަމަށާއި އަދި 200 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. ފެސިލިޓީގައި މިވަގުތު އެއްވެސް މީހަކަށް ފަރުވާދެމުން ނުދެއެވެ.
މޮނިޓަރިންގައި 400ށްވުރެ ގިނަ ގެއެއް މިވަގުތު އެބަހުރި ކަމަށާއި، މިގެތަކުގައި ހައި ރިސްކް ކެޓެގަރީގެ 174 މީހަކު އެބަތި ކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.
ފުވައްމުލަކުގެ ހާލަތު ގޯސްވަމުން އަންނާތިީ ކައުންސިލުން ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ވިޔަފާރި ކުރަން ފިހާރަތަކަށް ނުގޮސް އެ ސިޓީގައި ވަނީ ޑެލިވަރީގެ ޚިދުމަތް ފަށާފައެވެ. ޑެލިވަރީ ކުރުމަށް ފާސް ދޫކުރަމުން އަންނަނީ ރެސްޓޯރެންޓް ތަކަށާއި، ފިހާރަ ތަކަށެވެ. އެއީ ހަވީރު 4:00ން ފެށިގެން 6:00ށް ދޫކުރާ ފާހެކެވެ. ޒަރޫރީ އެހެން ބޭނުންތަކަށް ގެއިން ބޭރަށް ނުކުންނަށް ބޭނުންވާ ފަރާތްތަކަށް ޕޮލިސް ޕޯޓަލް މެދުވެރިކޮށް ފާސް ލިބޭނެ ކަމަށް ކައުންސިލުން ބުނެއެވެ. އަދި އެ ސިޓީގެ ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ވަނީ ފަށާފައެވެ. އަދި ހަވީރު 4:00 ފެށިގެން ފަތިހު 6:00ށް އަންނަނީ ކާފިއު ވެސް ހިންގަމުންނެވެ.
ކަައުންސިލުން ބުނީ ރަށުގެ ހޮސްޕިޓަލުގައި މިހާލަތަށް ބޭނުން ކުރެވޭ ވަރަށް ސާމާނު އެބަހުރި ކަމަށާއި، ވަރަށް އަވަހަށް ފުވައްމުލައް ސިޓީގައި ޕީސީއާރް ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.
ފުވައްމުލައް ސިޓީގައި ބަލިޖެހޭ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސިން ހިމެނޭތީ، މިވަގުތު ގޭގޭގެ މަަސައްކަތްތައް ކުރުމަށް އެ މީހުން ގެއަށް ގެނައުން ހުއްޓާލުމަށް ކައުންސިލްގެ ޑިރެކްޓަރ އަލީ މަސީހު އިލްތިމާސް ކުރެއްވިއެވެ. ރަށުގެ ހުރިހާ އަވަށެއްގައި ވެސް ޕޮޒިޓިވް ކޭސްތައް ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ.
ފުވައްމުލައް ސިޓީގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވަނީ ތިން ހާސް އަށްޑިހަ (3،080) މީހުންނެވެ. އަދި ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވަނީ ފަސް ހާސް އަށް ސަތޭކަ އެކެއް (5،801) މީހުންނެވެ.