ކ. މާލެ
|
29 މެއި 2021 | ހޮނިހިރު 08:02
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭނުގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭނުގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް
ކޮވިޑް-19 އާއި ވެކްސިން
މާލެ ސަރަހައްދުގައި އުމުރުން 20 އަހަރާއި 29 އަހަރާ ދެމެދުގެ %39 މީހުން ވެކްސިން ނުޖަހާ
 
އުމުރުން 21 އަހަރާއި 30 އަހަރާ ދެމެދުގެ 13،846 މީހަކަށް ވަނީ ކޮވިޑް ޖެހިފައި
 
ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން 50 އިންސައްތަ މީހުންނަކީ އުުމުރުން 18 އަހަރާއި 49 އަހަރާ ދެމެދުގެ މީހުން
 
އާންމު ތަންތަނުގައި މާސްކު ނާޅާކަމަށް ފާހަގަކުރެވިފައިވާ މީހުންގެ 48 އިންސައްތަ މީހުންނަކީވެސް މިއުުމުރުފުރައިގެ މީހުން

މިއަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި އުމުރުން 20 އަހަރާއި 29 އަހަރާ ދެމެދުގެ މީހުންގެ 39 އިންސައްތަ ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައިނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ އާންމު ތަންތަނުގައި މާސްކު ނާޅާކަމަށް ފާހަގަކުރެވިފައިވާ މީހުންގެ 48 އިންސައްތަ މީހުންނަކީވެސް މިއުުމުރުފުރައިގެ މީހުންކަމަށެވެ. މިއުމުރުފުރާއަކީ އެންމެ ބޮޑަށް އެއް ތަނުން އަނެއްތަނަށް ގޮސް މީހުންނާ ބައްދަލުވެ އުޅޭ އުމުރުފުރާއަށް ވާއިރު އެއީ ވައިރަސް އަށް ހުށަހެޅުމާއި އެމީހުންގެ ފުށުން އެހެން މީހުންނަށް ވައިރަސް ފެތުރުމުގެ ފުރުސަތުވެސް ބޮޑު ބައެއްކަމަށް އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

މީގެކުރިން އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން 50 އިންސައްތަ މީހުންނަކީ އުުމުރުން 18 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނެވެ. އަދި މިއުމުރުފުރައިގެ 40 އިންސައްތަ މީހުން ވެކްސިން ޖަހާފައިނުވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭގެ ޑޭޝްބޯޑުން އެންމެ ފަހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އުމުރުން 21 އަހަރާއި 30 އަހަރާ ދެމެދުގެ 13،846 މީހަކަށް ވަނީ މިހާތަނަށް ކޮވިޑް ޖެހިފައެވެ. އަދި އުމުރުން 31 އަހަރާއި 40 އަހަރާ ދެމެދުގެ 14،150 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. ރާއްޖޭގައި އެންމެ ގިނަ އަދަދެއްގެ މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓްކުރަމުން އަންނަނީ މި އުމުރުފުރައިގެ މީހުންގެ ތެރެއިންނެވެ. އުމުރުފުރާ ދެނެގަނެވިފައިނުވާ 4020 ކޭހެއްވާކަމަށްވެސް އެޗްޕީއޭގެ ޑޭޝްބޯޑުގައި ބުނެފައިވެއެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު ހުރީ 61،844 ގައެވެ. މީގެތެރެއިން މިހާތަނަށް ހާމަކޮށްފައިވާ އަދަދުތަކަށް ބަލާއިރު އުމުރުން 21 އަހަރާއި 40 އަހަރުގެ 27،996 މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. މާނައަކީ ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ދެބައިކުޅަ އެއް ބައި ހިއްސާކުރަނީ އުމުރުން 21 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނެވެ.

މީގެއިތުރުން މެއި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ސިނޯފަރމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ 72،662 މީހުންގެ ތެރެއިން ދެވަނަ ޑޯޒް ޖަހަންޖެހޭ މާލެ ސަރަހައްދުގެ 70 އިންސައްތަ މީހުން ވެކްސިންގެ ދެވަނަ ޑޯޒް ނުޖަހާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ ކޮވިޝީލްޑް ވެކްސިނާއި ސިނޯފަރމް އަދި ފައިޒަރ ވެކްސިނެވެ. ވެކްސިން ޖަހާފައިވާ ގޮތުގެ ތަފާސްހިސާބުތަކަށް ބަލާއިރު ވެކްސިންގެ ފުރަތަމަ ޑޯޒް 308،905 މީހުން ޖަހާފައިވެއެވެ. އަދި ދެވަނަ ޑޯޒް 163،789 މީހުން ވަނީ ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
100%
0%
0%
ކޮމެންޓް