ޓެކްސްގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީ ނުލިބުމުގެ ސަބަބުން އެބައި ފޫބެއްދުމަށްޓަކައި މައި ސަރުކާރުން 22 ބިލިއަން ޑޮލަރު މާކެޓުން ނަގާނެކަމަށް އެގައުމުގެ ފިނޭންސް މިނިސްޓަރ ނިރްމަލާ ސިތްރަމަން ވިދާޅުވެއްޖެއެވެ.
ހިނގަމުންދާ އަހަރު ޓެކްސްގެ ގޮތުގައި އާމްދަނީ ލިބުން ދަތިވެފައިވީ ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ބޭހާއި، ކޮވިޑް-19ގެ ބަލި މީހުންނަށް ފަރުވާދިނުމަށް ބޭނުންކުރާ ސިއްހީ ސާމާނުން ޓެކްސް ކަނޑާނެ މިންވަރެއް އަދިވެސް ނުނިންމައެވެ.
އިތުރު ފައިސާ ނެގުމަށް އިންޑިޔާގެ މައި ސަރުކާރުން ނިންމާފައިވާއިރު މިއަހަރު އިތުރު 166 ބިލިއަން ޑޮލަރު ނެގުމަށް މީގެކުރިން ވަނީ ނިންމާފައެވެ.
ކޮވިޑް-19ގެ ނުރައްކާތެރި ބިޔަ ދެ ވަނަ ރާޅެއް އިންޑިޔާއަށް އަރާފައިވާއިރު ފާއިތުވި ދެ މަސްދުވަސްތެރޭގައި އެގައުމުގައި ކޮވިޑްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެކަމުގެ ސަބަބުން އެތައް ބަޔެއްގެ ފުރާނަ ވަނީ ގޮސްފައެެވެ. އަދި ކޮވިޑް ގެ ނޭދެވޭ އަސަރު މިވަނީ އިންޑިޔާގެ އިގްތިޞާދަށް ކުރަން ފަށާފައެވެ.
އެގައުމުގެ އިގްތިޞާދަށް މިކަމުން ކުރަމުންދާ ނޭދެވޭ އަސަރުތައް މަޑުމަޑުން ފެންމަތިވަމުން އަންނައިރު ޓެކްސް ގެ ގޮތުގައި ލިބޭ ފައިސާ ލިބުން ވަނީ މަދުވެފައެވެ. އަދި އާންމު ބޭނުންތަކުގައި ބޭނުންކުރާ ގިނަ ތަކެތީގެ އަގުތައް ވަނީ ކުއްލިއަކަށް ތިރިވެފައެވެ.
އިންޑިޔާގައި ޖީއެސްޓީ ނެގެމުންދާ އުސޫލަށް 2017 ވަނަ އަހަރު ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިބަދަލާއެކު އިންޑިޔާގެ މައި ސަރުކާރާއި ސްޓޭޓްތަކުގެ ސަރުކާރުތަކުން އަދާކުރަންޖެހޭ ޒިންމާތައް ހުންނަނީ އެކަތި އަނެކައްޗާ ގުޅިފައެވެ. މިބަދަލާއެކު ސްޓޭޓްތަކުގެ ސަރުކާރުތަކުން އެއްބަސްވެފައިވަނީ ފަސް އަހަރު ވަންދެން ލަކްޒަރީ ތަކެތީގެ ގޮތުގައި ބެލެވޭ ތަކެތިން ނަގާ ޓެކްސް އިތުރުކުރުމަށެވެ. އެއީ ޖީއެސްޓީގެ ގޮތުގައި ލިބޭ އާމްދަނީ 14 އިންސައްތަ ކުރިއެރުމެއްގައި ބެހެއްޓޭކަން ޔަގީންކުރުމަށެވެ.
އިންޑިޔާގެ ގުޑްސް އެންޑް ސަރވިސަސް ޓެކްސް ކައުންސިލާއެކު ބޭއްވި ބައްދަލުވުމަށްފަހު މައި ސަރުކާރުގެ ފިނޭންސް މިނިސްޓަރ ނިރްމަލާ ސިތްރަމަން ވަނީ ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަދައްކަވާފައެވެ. މިކައުންސިލް ޗެއަރ ކުރައްވަނީ ނިރްމަލާއެވެ. މިކައުންސިލްގައި އިންޑިޔާގެ ހުރިހާ ސްޓޭޓްތަކެއްގެ ފިނޭންސް މިނިސްޓަރުން ތިއްބަވައެވެ.
ބައްދަލުވުމަށްފަހު ކައުންސިލްގައި ހިމެނޭ ބައެއް މެމްބަރުންނާއި މާހިރުން ވަނީ ކޮވިޑް-19 އާ ގުޅުންހުރި ސިއްހީ ސާމާނާއި ބޭހުން ޓެކްސް އުނިކުރުމުގެ ކަންތައް ލަސްކުރުމަށް ނިންމުމުން އެކަމުގެ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން ޕެންޑަމިކްގެ ސަބަބުން އާންމު މީހާ އަށާއި ސިއްހީ ދާއިރާއަށް ދިމާވާ މައިގަނޑު މައްސަލައަށް ހައްލު ހޯދުމަށް ކައުންސިލު ފެއިލްވެފައިވާ ކަމަށް އެފަރާތްތަކުން ގަބޫލުކުރެއެވެ.
ނިރްމަލާ ވިދާޅުވީ ސިއްހީ އެކި ސާމާނާއި ބޭހުން ޓެކްސް ކަނޑާލެވޭނެ މިންވަރު ކަނޑައެޅުމަށްޓަކައި ކޮމިޓީއެއް އެކުލަވާލާނެކަމަށެވެ. އަދި ކޮމިޓީގެ ރިޕޯޓް ކުރިޔަށް އޮތް 10 ދުވަސްތެރޭގައި ކައުންސިލަށް ގެންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.