ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހޭނަކަމަށް ލަފާކޮށް ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހުކުރު ދުވަހުގެ ރޭ ފަތިހު 4ން ފެށިގެން ހޮނިހިރު ދުވަހުގެ ހެނދުނު 10 ޖެހުމާ ހަމައަށް އެސަރަހައްދަށް ވައިޓް އެލަރޓް ނެރޭކަމަށެވެ. އަދި މިވަގުތުތަކުގައި އެސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ބެލެވޭކަމަށެވެ. މީގެއިތުރުން ކަނޑުތައް ގަދަވާނެކަމަށާއި އުދަ އަރާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ ހޮނިހިރު ދުވަހުގެ ރޭ 8 ޖެހުމާ ހަމައަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި ބަައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ.
އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެެންވާކަމަށް މެޓް އޮފީހުން ބުނެއެވެ.
ރާއްޖޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނެކަމަށް ބެލެވެނީ 4 ފޫޓާއި 8 ފޫޓާ ދެމެދުގައި ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ.
ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.