ކ. މާލެ
|
29 މެއި 2021 | ހޮނިހިރު 06:46
ކޮވިޑް-19ގެ ތްރީޑީ މޮޑެލް އެއް
ކޮވިޑް-19ގެ ތްރީޑީ މޮޑެލް އެއް
ރޮއިޓަރސް
ކޮވިޑް-19 އަސްލު ދެނެގަތުމަށް ކުރެވޭ މަސައްކަތް
ކޮވިޑް-19ގެ އަސްލު ދެނެގަތުމުގެ މަސައްކަތަށް ސިޔާސީ ގޮތުން ހިޔަނި އެޅިފައި
އެމެރިކާއިން ވަނީ ކޮވިޑް-19ގެ އަސްލު ދެނެގަތުމުގެ ދެވަނަ ފޭސް ކުރިޔަށް ގެންދިޔުމަށް ޑަބްލިޔުއެޗްއޯއަށް ގޮވާލާފައި
ސިޔާސީ ކަމެއްގެ ގޮތުގައި ނުނަގާ ސައިންސްގެ ނަޒަރިއްޔާތަކުން މިކަން ނެގުން މުހިންމު
ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް މީގެކުރިން ވަނީ މަސައްކަތްތަކެއް ކޮށްފައި

ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް ސިޔާސީ ގޮތުން ވަރަށް ބޮޑަށް ހިޔަނި އެޅިފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ އެމަރޖެންސީ ކަންކަމުގެ މާހިރެއްކަމުގައިވާ މައިކް ރިޔާން ވިދާޅުވެއްޖެއެވެ.

މައިކް މިމޭރުމުން ވާހަކަދައްކަވާފައި މިވަނީ ކޮވިޑް-19ގެ އަސްލު ދެނަގަތުމުގެ މަސައްކަތް ފެށުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އަމުރުކުރައްވާފައި ވަނިކޮށެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރ މަހު ޗައިނާގެ ވުހާން އިން ކޮވިޑް-19 ފެނުނު ފަހުން ސައިންސްވެރިން އަންނަނީ މިވައިރަސްގެ އަސްލު ދެނެގަތުމުގެ މަސައްކަތްކުރަމުންނެވެ.

އަހަރުމެން ބޭނުން ވަރަށް ބޮޑަށް އެންމެންވެސް މިކަން ސިޔާސީ ކަމެއްގެ ގޮތުގައި ނުނަގާ ސައިންސްގެ ނަޒަރިއްޔާތަކުން މިކަން ނެގުމަށް. މިކަން ދެނެގަތުމަށް ކުރެވެމުންދާ ހުރިހާ ކަމަކަށްވެސް ވަނީ ސިޔާސީ ގޮތުން ހިޔަނި އެޅި މުޅި ޕްރޮސެސް ގަޑުބަޑުވެފައި
މައިކް ރިޔާން

ޑަބްލިޔުއެޗްއޯގެ ޓީމަކުން ޗައިނާގެ ވުހާންގައި ކުރިޔަށް ގެންދިޔަ ދިރާސާތަކަށްފަހު މަރޗް މަހު ހާމަކުރި ރިޕޯޓުގައި ބުނެފައިވަނީ ވައިރަސް އިންސާނުންނާ ހަމައަށް އައި ކަމަށް ބެލެވެނީ ވާލުގެ ފަރާތުން އެހެން ޖަނަވާރަކަށް ވައިރަސް ގޮސްގެންކަމަށެވެ. އަދި ކޮވިޑް-19 އަކީ ޗައިނާގެ ލެބޯޓްރީއެއްގައި އުފެއްދި އެއްޗެއްކަމަށް ދެކެވޭ ވާހަކަތަކަށް ރިޕޯޓްގައި ބުނެފައިވަނީ އެއީ ވުން ނާދިރުކަމެއްކަމަށެވެ.

ނަމަވެސް ޑަބްލިޔުއެޗްއޯގެ ޓީމުން އެކުލަވާލި މިރިޕޯޓާމެދު ގިނަ އަދަދެއްގެ ސިޔާސީ މީހުންގެ އިތުރުން ސައިންސްވެރިންވެސް ވަނީ ސުވާލުއުފައްދާފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ބުދަ ދުވަހު ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް އަމުރުކުރައްވާފައެވެ. އެމެރިކާގެ އިންޓަލިޖެންސް އިދާރާތަކުގައި މިއީ ޗައިނާގެ ލެބޯޓްރީއަކުން އުފައްދާފައިވާ ވައިރަސް އެއްކަން ދެނެގަނެވޭ ވަރުގެ މައުލޫމާތު ހުރިކަމަށްވެސް ބައިޑަން ވިދާޅުވިއެވެ.

އަދި ބުރާސްފަތި ދުވަހު އެމެރިކާއިން ވަނީ ކޮވިޑް-19ގެ އަސްލު ދެނެގަތުމުގެ ދެވަނަ ފޭސް ކުރިޔަށް ގެންދިޔުމަށް ޑަބްލިޔުއެޗްއޯއަށް ގޮވާލާފައެވެ.

އެކަމާއި ގުޅިގެން ވާހަކަދައްކަަވަމުން މައިކް ވިދާޅުވީ ވައިރަސްގެ އަސްލާއި ބެހޭ ގޮތުން ކޮންމެ ގައުމަކަށްވެސް އެބަޔަކަށް ފެންނަ ގޮތަކަށް ވާހަކަދެއްކުމުގެ ފުރުސަތު އެބައޮތްކަމަށެވެ. ނަމަވެސް ޑަބްލިޔުއެޗްއޯއިން މަސައްކަތްކުރާނީ މެމްބަރު ހުރިހާ ގައުމުތަކާއި ގުޅިގެން ހުރިހާ އެންމެންނަށް އެއްބަސްވެވޭ ގޮތަކަށް މިކަަމަށް ޖަވާބު ހޯދުމަށްކަމަށް މައިކް ވިދާޅުވިއެވެ.

އަދި މިކަމަކީ ވަރަށް ގިނަ ވަގުތާއި ގިނަ ޓީމުތަކެއް ބޭނުންވާނެ ކަމެއްކަމަށްވެސް ޑަބްލިޔުއެޗްއޯގެ ޓެކްނިކަލް ޓީމުން ބުނެއެވެ.

- ކޮމެންޓް