ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިސަރަހައްދަށް ވައިޓް އެލަރޓް ނެރެފައިވަނީ ހުކުރު ދުވަހުގެ ރޭ ދަންވަރު 2ން ފެށިގެން ހޮނިހިރު ދުވަހުގެ ހެނދުނު 8 ޖެހުމާ ހަމައަށެވެ. މެޓް އޮފީހުން ބުނީ މިގަޑިތަކުގައި މިސަރަހައްދަށް ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށާއި އުދައަރާނެ ކަމަށް ބެލެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.
މީގެއިތުރުން މެޓް އޮފީހުން ބުނީ ހޮނިހިރު ދުވަހުގެ ރޭ 8 ޖެހުމާ ހަމައަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި ބަައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ.
އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެެންވާކަމަށް މެޓް އޮފީހުން ބުނެއެވެ.
ރާއްޖޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނެކަމަށް ބެލެވެނީ 4 ފޫޓާއި 8 ފޫޓާ ދެމެދުގައި ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ.
ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.