ކ. މާލެ
|
28 މެއި 2021 | ހުކުރު 22:51
241  ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން
241 ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާ
ހަމަލާއާ ގުޅޭ މައުލޫމާތު ހިއްސާކުރާ ފުލުހުންނާއި ސިފައިންގެ މައުލޫމާތު ސިއްރުކުރާނެ
ގާނޫނާއި ގަވައިދުތައް ތަންދޭ އެންމެ ފުޅާދާއިރާއެއްގައި އެ ތަހުގީގު ކުރިއަށް ގެންދިޔުމަށް ކޮމިޓީން ވަނީ ނިންމާފައި
ކޮމިޓީ އަށް މައުލޫމާތު ހުށަހަޅަން އެދޭ ސިފައިންނާއި ފުލުހުންނަށް އެ މައުލޫމާތު އީމެއިލް މެދުވެރިކޮށް ނުވަތަ ގުޅައިގެން ހިއްސާކުރެވޭނެ

ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީން ހިންގާ އިންކުއަރީއަށް މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު ފުލުހުންނާއި ސިފައިންނަށް ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ 241 ކޮމެޓީން ހިންގާ އިންކުއަރީ އަށް މައުލޫމާތު ހިއްސާކުރުމަށް ފުލުހުންނާއި ސިފައިންނަށް ހުޅުވާލާފައި ވާކަމަށެވެ. އެގޮތުން ކޮމިޓީ އަށް މައުލޫމާތު ހުށަހަޅަން އެދޭ ސިފައިންނާއި ފުލުހުން އެ މައުލޫމާތު ކޮމެޓީގެ އީމެއިލް މެދުވެރިކޮށް ނުވަތަ ގުޅައިގެން ހިއްސާ ކުރުމަށް އެދިފައިވެއެވެ.

މަޖިލީހުން ބުނީ ކޮމެޓީއަށް ހަމަލާއާ ގުޅުން ހުރި މައުލޫމާތު ހިއްސާކުރާ ފަރާތްތަކުގެ މައުލޫމާތު ސިއްރު ކުރަން ބޭނުންވާނަމަ، އެކަން ފާހަގަކުރުމުން، އެ ފަރާތްތަކުގެ މައުލޫމާތު ސިއްރުކޮށްދޭނެ ކަމަށެވެ.

ރައީސް ނަޝީދުގެ ސެކިޔުރިޓީ ބްރީޗްވި ގޮތުގެ ތަހުގީގަށް މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު, ގާނޫނާއި ގަވައިދުތައް ތަންދޭ އެންމެ ފުޅާދާއިރާއެއްގައި އެ ތަހުގީގު ކުރިއަށް ގެންދިޔުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބޮޑެތި ޒަޚަމްތަކެއް އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ. ރައީސް ނަޝީދުގެ ހަށިކޮޅަށް 10 ރޭޒާފުއް ވަދެ ބައެއް ގުނަވަންތައް ފޫއަޅުވާލާފައިވެއެވެ. އެތަކެތި ނެގުމަށް 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ކުރިއެވެ. ލިބިވަޑައިގެން ޒަޚަމްތަކަށް އޭޑީކޭގައި ފަރުވާ ހޯއްދެވުމަށްފަހު ޖަރުމަނުވިލާތަށް ރައީސް ނަޝީދު ފުރާވަޑައިގެންނެވީ މެއި މަހުގެ 13 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް