ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ގައުމީ އިނާމާ ބެހޭ ކޮމިޓީން މެއި މަހުގެ 30 ވާ އާދިއްތަ ދުވަހު ހުޅުވާލާނެކަމަށްް ރައީސް އޮފީހުން ބުނެފިއެވެ.
އެ އޮފީހުން ބުނީ އިނާމު ދިނުމުގެ އުސޫލު ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރެވިގެން ދާނެ ކަމަށެވެ. ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، މި އަހަރު އަލަށް ތައާރަފު ކުރާ އިނާމެކެވެ. މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިޚްލާސްތެރިކަމާއެކު ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ.
މި އިނާމު ދެއްވާ މައިގަނޑު މަގްސަދަކީ ތެދުވެރިކަމާއި، އިޚްލާސްތެރިކަމާއެކު ދައުލަތަށް ޚިދުމަތްކޮށްފައިވާ ނުވަތަ މިހާރުވެސް ޚިދުމަތުގައި ދެމިތިބި މުވައްޒަފުންގެ ތެރެއިން، އެ އިދާރާއެއްގެ މައިގަނޑު ލަނޑުދަނޑިތައް ހާސިލުކުރުމުގައި މުހިންމު ދައުރެއް އަދާކޮށް، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްފައިވާ މުވައްޒަފުންނާއި، އެ އިދާރާއެއްގެ ކުރިއެރުމަށް ޚާއްސަ މަސައްކަތެއް ކޮށްފައިވާ މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަން ކުރުމެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ފިލައެކެވެ. ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވާނީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ޚިދުމަތްކުރި ނުވަތަ ޚިދުމަތްކުރާ މުވައްޒަފެއްގެ ނަން، އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން ފަރާތަކުން ނުވަތަ އެ މުވައްޒަފު އަމިއްލައަށް އިނާމަށް ނަން ހުށަހެޅުމުންނެވެ.
މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން މި އިނާމަށް މީހެއްގެ ނަން ހުށަހަޅާނަމަ އެ މީހަކީ އެ މުއައްސަސާއެއްގައި ނުވަތަ އެ ކުންފުންޏެއްގައި ޚިދުމަތްކުރި، ނުވަތަ ޚިދުމަތް ކުރަމުންގެންދާ މީހަކަށް ވާންވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އިނާމު ދިނުމަށް ކަނޑައެޅުމުގައި ގައުމީ އިނާމާބެހޭ ކޮމިޓީން ބަލާނެ ކަންކަމުގެ ތެރޭގައި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި، ފަރުވާތެރިކަމާއި، އިޚްލާސްތެރިކަމާއެކު ކޮށްފައިވާ މަސައްކަތްތަކާއި، އެމީހަކަށް ލިބިފައިވާ ގާބިލުކަމެއް ބޭނުންކޮށްގެން މުޅި މުއައްސަސާގެ ކުރިއެރުމަށް ކޮށްފައިވާ ފާހަގަކުރެވޭ ޚާއްސަ މަސައްކަތްތައް ހިމެނެއެވެ. އަދި އެ މުއައްސަސާއިން ހިންގާފައިވާ އެކިއެކި ކަންކަމުގައި އަމަލީގޮތުން ބައިވެރިވެ ޚިދުމަތް ކޮށްފައިވާ މިންވަރާއި، ވަޒީފާގެ ދާއިރާއިން ހާސިލުކޮށްފައިވާ ކާމިޔާބީއަށް ވެސް ބަލާނެއެވެ.
މީގެ އިތުރުން އެމީހެއްގެ މައްޗަށް މަދަނީ އަދި ޖިނާއީ ކުށެއްގެ ތުހުމަތެއް ކުރެވިފައިވާކަން ނުވަތަ ނޫންކަންވެސް ކޮމިޓީން ޔަގީން ކުރާނެއެވެ. އިނާމު ދިނުމުގައި ކޮމިޓީން ބަލާނެ އަސާސީ ޝަރުތުތަކުގެ ތެރޭގައި އިނާމަށް ހުށަހެޅިފައިވާ މީހަކީ އެމީހެއްގެ މައްޗަށް ޖިނާއީ މައްސަލައެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމާއި، އިނާމަށް ހުށަހެޅިފައިވާ މީހާގެ މައްޗަށް ޝަރުއީގޮތުން ކޮށްފައިވާ ހުކުމަކާ ގުޅިގެން ސާބިތު ދަރަންޏަކަށް ފައިސާ ދައްކަންޖެހިގެން އެ ފައިސާ ގަވާއިދުން ދައްކަމުން ގެންދާ މީހަކަށްވުން ހިމެނެއެވެ. އަދި އިނާމަށް ހުށަހެޅިފައިވާ މީހަކީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ށް ނުވަތަ ދައުލަތުގެ އެހެން އެއްވެސް އިދާރާއަކަށް ދައްކަންޖެހޭ ފައިސާއެއް އޮތްނަމަ އެ ފައިސާއެއް ގަވާއިދުން ދައްކަމުންގެންދާ މީހެއް ކަމުގައި ވާންޖެހޭނެ ކަމަށް ކޮމިޓީން ބުނެއެވެ.
އިނާމަށް ހުށަހެޅިފައިވާ މީހާގެ މައްޗަށް ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ހުށަހެޅިގެން އެ މައްސަލައެއް ބަލަމުންދާ ނުވަތަ ކޮރަޕްޝަންގެ އެއްވެސް ދައުވާއެއް އުފުލިފައިވާ މީހެއްކަމުގައި ވެގެނެއް ނުވާނެއެވެ. މީގެއިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި "ޖިނާއީ ބޮޑު ކުށެއް" ގެ ގޮތުގައި ބަޔާންކޮށްފައިވާ އެއްވެސް ކުށެއްގެ ތުހުމަތެއް ކުރެވިގެން އެމީހާގެ މައްޗަށް ތަހުގީގެއް ހިންގަމުންދާ މީހެއްކަމުގައި ނުވުމާއި، އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ ސުލޫކީ މިންގަނޑު (ކޯޑް އޮފް ކޮންޑަކްޓް) އާ ޚިލާފުވެފައިވާ މީހެއްކަމުގައި ނުވުން ހިމެނެއެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ފުރުސަތު ހުޅުވާލާނީ މެއި މަހުގެ 30 ވާ އާދިއްތަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 12 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތުގެ ތެރޭގައި އިނާމަށް ފޯމް ހުށަހެޅުއްވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ގައުމީ އިނާމާބެހޭ ކޮމިޓީން އެދެއެވެ. ދިވެހިރާއްޖޭގެ އިއްޒަތުގެ ގާނޫނުގެ ދަށުން އިއްޒަތް ދީފައިވާ މީހުންނާއި، ޝަރަފުވެރިކަމުގެ ގައުމީ އިނާމު ނުވަތަ ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދީފައިވާ މީހުންގެ ތެރެއިން، އެ މީހަކު އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މައިގަނޑު މަސައްކަތާ ގުޅިގެން އިނާމު ދީފައިވާ މީހުން މި އިނާމަށް ހުށަހެޅުމުން އިސްތިސްނާވާނެއެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.