ނުރައްކާތެރި ކެމިކަލްތަކެއް ބަރުކޮށްގެން ލަންކާ ކައިރިން ދަތުރުކުރަމުންދިޔަ އާގުބޯޓެއްގައި ރޯވި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވެ އަނދަމުންދާކަމަށް ލަންކާ ސަރުކާރުން ބުނެފިއެވެ.
ސްރީ ލަންކާ ކައިރިން އާގުބޯޓުގައި ރޯވެ އަނދަމުންދާތާ މިހާރު މި ވަނީ ހަފުތާއެއް ވެފައެވެ. މި އާގު ބޯޓުގައި ތިބި 25 ފަޅުވެރިން ލަންކާގެ ކަނޑުގެ ސިފައިން ވަނީ ސަލާމަތްކޮށްފައެވެ. އޭގެ ތެރޭގައި އިންޑިޔާއާއި ޗައިނާއާއި ފިލިޕީންސާއި ރަޝިޔާގެ ފަޅުވެރިން ހިމެނެއެވެ. ބޯޓުގައި ތިބި އިންޑިޔާގެ 2 ފަޅުވެރިން ސަލާމަތްކުރުމުގައި ލިބުނު ބޮޑެތި ޒަޚަމުތަކުގެ ސަބަބުން އެ މީހުންނަށް ފަރުވާދިނުމަށް ކޮލޮންބޯ ނެޝަނަލް ހޮސްޕިޓަލަށްވަނީ ގެންގޮސްފައެވެ. މި ބޯޓު އޮތީ ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯއާ 9.5 ނޯޓިކަލް މޭލު ބޭރުގައެވެ.
އިންޑިޔާގެ ގުޖުރާތުން ސްރީ ލަންކާގެ ކޮލޮންބޯ ބަނދަރަށް ދަތުރުކުރި "އެކްސް-ޕްރެސް ޕާރލް"ގެ ނަން ދީފައިވާ އާގުބޯޓުގައި ހުރީ ސިނާޢީ މަސައްކަތްތަކަށް ބޭނުންކުރާ ކެމިކަލާއި ވިހަ މާއްދާތަކެކެވެ. އެ ބޯޓުގައި އެންމެ ފުރަތަމަ ރޯވީ މެއި މަހުގެ 20 ވަނަ ދުވަހުއެވެ. ނަމަވެސް ސްރީ ލަންކާގެ ކަނޑުގެ ސިފައިންނާއި ޕޯޓްސް އޮތޯރިޓީއާއި މެރިން އެންވައިރަމަންޓު ޕުރޮޓެކްޝަން އޮތޯރިޓީން ވަނީ އަލިފާންގަނޑު ނިއްވާލައިފައެވެ. ނަމަވެސް އަނެއްކާ މެއި މަހުގެ 25 ވަނަ ދުވަހު ކުރިއަށްވުރެ ބޮޑަށް ބޯޓުގައި ރޯވެ އަލިފާންގަނޑު ނިއްވާލުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ.
ސިންގަޕޫރުގައި ދަފުތަރުކޮށްފައިވާ އާގުބޯޓުގައި ހުރި ބައެއް ކޮންޓޭނަރުތައް ވަނީ ކަނޑަށް ވެއްޓިފައެވެ. މި އާގުބޯޓުގައި 25 ޓަނުގެ ނައިޓްރިކް އެސިޑްގެ އިތުރުން 300 ޓަނަށްވުރެ ގިނަ އެކި ބާވަތުގެ ތެޔޮ ހުރިކަމަށް ލަންކާ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ކޮންޓޭނަރުތަކުގައި ހުރި ނުރައްކާތެރި ސާމާނު ސްރީ ލަންކާގެ ގޮނޑުދޮށްތަކަށް ލެއްގި ނަމަވެސް އެ ތަކެތި ނުނެގުމަށް މެރިން އެންވައިރަމަންޓު ޕުރޮޓެކްޝަން އޮތޯރިޓީންވަނީ ނަޞޭޙަތްތެރިވެފައެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ މަސްވެރިން، ރޯވެފައިވާ ބޯޓާ ކައިރިނުވުމަށް ވެސް ސްރީ ލަންކާގެ ކަނޑުގެ ސިފައިންވަނީ އަންގާފައެވެ. މި ހާދިސާގެ ސަބަބުން ލަންކާގެ ކަނޑަށް ތެޔޮ ލީކުވުމުގެ ފުރުސަތު އޮތް އިރު، ކަނޑަށް ވެއްޓިފައިވާ ކޮންޓެއިނަރުތަކުން ނުރައްކާތެރި ކެމިކަލް ލަންކާގެ ކަނޑުގެ ސަރަހައްދަށް ލީކުވެ ކަނޑުގެ ދިރުމަށް ނުރައްކާވުމުގެ ފުރުސަތު ބޮޑުކަމަށް ލަންކާގެ ސަރުކާރުން ބުނެއެވެ. އިންޑިޔާގެ އެހީތެރިކަމާއެކު ސްރީ ލަންކާގެ ކަނޑުގެ ސިފައިން އަދިވެސް ދަނީ ބޯޓުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށް މަސައްކަތްކުރަމުންނެވެ. މި ޙާދިސާގެ ސަބަބުން ރާއްޖެ ހިމެނޭހެން މި ސަރަހައްދުގެ އެހެން ޤައުމުތަކަށް އޮތީ ކިހާ ނުރައްކަލެއްކަމެއް އަދި ސާފުވެފައެއް ނުވެއެވެ.
ނުރައްކާތެރި ކެމިކަލްތަކެއް ބަރުކޮށްގެން ލަންކާ ކައިރިން ދަތުރުކުރަމުންދިޔަ، އާގުބޯޓެއް އަނދަމުންދާއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުވެސް ސްރީލަންކާ ކައިރިން ދަތުރުކުރަނިކޮށް ތެޔޮ ޓޭންކަރެއްގައި އަލިފާން ރޯވެ ކަނޑުގެ ސަރަހައްދަށް ތެޔޮވެސް ވަނީ ލީކުވެފައެވެ. އެހެންނަމަވެސް، ސަރަހައްދީ ބާރުތައް ގުޅިގެން ކުރި މަސައްކަތުން މި އަލިފާންގަނޑު ކޮންޓްރޯލްކޮށް ދިމާވި ނުރައްކާތައް ވަނީ ނައްތާލާފައެވެ.