ރާއްޖެއިން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ނިޔާވެފައިވަނީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިކަން ރާއްޖެއެމްވީއަށް ކަށަވަރުވެފައިވާއިރު، މިކަމުގެ ތަފުސީލު އެޗްޕީއޭއިން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 150 ވަނަ މީހާއެވެ. މި މީހާއަށް ފަރުވާދެމުން ދިޔައީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ. ބުރާސްފަތި ދުވަހު އެންމެ ފުރަތަމަ މަރެއްގެ ގޮތުން ރިޕޯޓްކޮށްފައިވަނީ، 56 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާއަށްވެސް ފަރުވާދެމުން ދިޔައީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ.
ރާއްޖޭގައި ފެންނަ ކޮވިޑުގެ ކޭސްތަކުގެ އަދަދު އިތުރުވެފައިވާއިރު ވައިރަސް ޖެހިގެން ނިޔާވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ހޯމަ ދުވަހު ޖުމްލަ 13 މީހަކު ވަނީ ނިޔާވެފައެވެ. މިއީ ވައިރަސް ޖެހިގެން އެއްދުވަހާ އެންމެ ގިނަ އަދަދެއްގެ މީހުން ނިޔާވި ދުވަހެވެ.
މި ބަލީގައި އާންމުގޮތެއްގައި ނިޔާވަނީ އައިސީޔޫގައި ފަރުވާދޭމީހުންނެވެ. އެ މީހުންގެ ހާލަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އިސްމާއިލް ވަނީ ކުރިއާ ޚިލާފަށް ކޮވިޑަށް ޕޮޒިޓިވްވާ ޒުވާނުންގެ ހާލަތު މިހާރު ވަރަށް ބޮޑަށް ސީރިއަސްވަމުން ދާކަމަށް ވިދާޅުވެފައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި މިހާރު ފަރުވާދެމުން އަންނަ 65 ޕަސެންޓް މީހުންނަކީ އުމުރުން 40 އަހަރުން ދަށުގެ މީހުންނެވެ. ކުރިން މި ބަލީގައި ބޮޑުވަރު ވަނީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ވިޔަސް ކޮވިޑްގެ އައު ރާޅާއެކު ހާލަތު މިހާރު ވަނީ ބަދަލުވެފައެވެ. ކޮވިޑް ޖެހޭ ކުޑަކުދިންގެ އަދަދު ވެސް ވަނީ އިތުރެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އުމުރުން 18 އަހަރުން ދަށުގެ 211 ކުއްޖަކަށް މި ބަލިޖެހިގެން އަންނަނީ ފަރުވާ ހޯދަމުންނެވެ. އައިސީޔޫގައި ފަރުވާ ހޯދާ ގިނަ މީހުންނަކީ ވެކްސިންވެސް ޖަހާފައިނުވާ މީހުންނެވެ.
ޑރ. މުހައްމަދު އިސްމާއިލް ވަނީ އައިސޫއަށް ލުމާއި ބަލީގެ އަލާމަތްތައް ފެނުމާއި ދޭތެރޭ އައު ޕެޓާނެއް ފެނިފައިވާކަމަށް ވިދާޅުވެފައެވެ. ކުރިއާއި ޚިލާފަށް މިހާރު އައިސީޔޫގައި އޮވެ އަލާމާތްތައް ފެންނަތާ 10 ދުވަހުގެ ތެރޭގައި ބަލިމީހާގެ ހާލު ސީރިއަސްވެއެވެ. އަމިއްލައަށް ނޭވާ ނުލެވި ވެންޓިލޭޓަރަށް ލާންޖެހޭ މީހުން އިތުރުވެފައިވާއިރު، ބަލިޖެހޭ މީހުންގެ ހަށިގަނޑުގެ ގިނަ ގުނަވަންތަކެއްގައި މައްސަލަ ޖެހެއެވެ. މެޝިނުން ނޭވާލެއްވިޔަސް އޮކްސިޖަން ދާންޖެހޭ ހިސާބަށް ގުނަވަންތަކަށް ފޯރުނުކޮށްދެވުމަކީ މިހާރު މި ބަލީގައި ނިޔާވާ މީހުންގެ އަދަދު އިތުރުވާ ސަބަބެކެވެ. ފަހަކަށް އައިސް ކިޑްނީގެ މައްސަލަ ޖެހި ޑައިލިސިސް ހަދަން ޖެހުމުން މީހާ ބަލިކަށިވެ ދުނިޔެ އަޅާދާމީހުން ގިނަކަމަށް ވެސް ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.