ކ. މާލެ
|
27 މެއި 2021 | ބުރާސްފަތި 03:23
ޔުއެފާ ޔޫރޮޕާ ލީގުގެ ތައްޓާއެކު ވިޔަރެއާލުގެ ކުޅުންތެރިން އުފާފާޅުކުރަނިކޮށް
ޔުއެފާ ޔޫރޮޕާ ލީގުގެ ތައްޓާއެކު ވިޔަރެއާލުގެ ކުޅުންތެރިން އުފާފާޅުކުރަނިކޮށް
ގެޓީ އިމޭޖަސް
ޔުއެފާ ޔޫރޮޕާ ލީގު
ޔުނައިޓެޑް ބަލިކޮށް ޗެމްޕިއަންކަން ވިޔަރެއާލަށް
ޔޫރަޕުގެ ބޮޑު މުބާރާތްތަކުގައި ހަތަރު ތަށި އެމެރީ ވަނީ ހޯދާފައި
ވިޔަރެއާލް މޮޅުވީ ޕެނަލްޓީ ޖަހައިގެން 11-10 ގެ ނަތީޖާއަކުން
މިއީ ވިޔަރެއާލުން ޔޫރޮޕާ ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރު

ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ޔުއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ވިޔަރެއާލުން ހޯދައިފިއެވެ.

ޕޮލެންޑުގެ ގަޑާންސްކްގައި ބުދަ ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުން ވިޔަރެއާލް މޮޅުވީ ޕެނަލްޓީ ޖަހައިގެން 11-10 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ވިޔަރެއާލުން ހޯދިއިރު، މި ފަހަރުގެ ފައިނަލަކީ ވިޔަރެއާލުން ޔޫރަޕުގެ ބޮޑު މުބާރާތެއްގެ ފައިނަލުގައި ކުޅުނު ފުރަތަމަ ފައިނަލެވެ.

މި ކާމިޔާބީއާއެކު ވިޔަރެއާލުގެ ކޯޗު އުނާއި އެމެރީ ވެފައިވަނީ ޔޫރަޕުގެ ބޮޑު މުބާރާތްތަކުގައި ހަތަރު ތަށި ކާމިޔާބުކުރި ހަތަރުވަނަ ކޯޗަށެވެ. މީގެ ކުރިން އެކަން ހާސިލުކޮށްފައި ވަނީ ޖޯސޭ މޮރީނިއޯ އާއި، ބޮބް ޕެއިސްލީ އަދި ޖިއޮވާނީ ޓްރައްޕަޓޯނީއެވެ. ވިޔަރެއާލާއެކު އެމެރީ ޔޫރޮޕާ ލީގު ކާމިޔާބުކުރިއިރު، މީގެ ކުރިން ސެވިއްޔާ ގޮވައިގެން އެމެރީ ވަނީ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައެވެ. މީގެ އިތުރުން އެމެރީއަކީ ތަފާތު ތިން ޓީމެއް ގޮވައިގެން ޔޫރޮޕާ ލީގުގެ ފައިނަލުން ފުރުސަތު ހޯދި ފުރަތަމަ ކޯޗުވެސްމެއެވެ.

ބުދަ ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ވިޔަރެއާލުންނެވެ. މެޗުގެ 29 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖެރާޑް މޮރޭނޯއެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި އެޑިންސަން ކަވާނީ ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފަައި އޮތުމުން އިތުރު ވަގުތުގެ ދެ ހާފު ކުޅުނު ނަމަވެސް، އެ ދެ ހާފުގައިވެސް ލަނޑެއް ފެނިފައެއް ނުވެއެވެ. އެއާއެކު ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ދިގުލައިިގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓުގައި ވިޔަރެއާލުގެ ގޯލްކީޕަރު ލައިގެން އެ ޓީމުހެ ހުރިހާ ކުޅުންތެރިން ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އެކަމަކު ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ ފޮނުވާލި ޕެނަލްޓީ ވިޔަރެއާލުގެ ގޯލްކީޕަރު ޖެރޯނިމޯ ރޫޔީ ވަނީ މަތަކޮށްފަައެވެ.

މި ފަހަރުގެ ފައިނަލުން ޔުނައިޓެޑް ބަލިވިއިރު، މި ފައިނަލަކީ ޔުނައިޓެޑް ގޮވައިގެން އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ނުކުތް ފުރަތަމަ ފައިނަލެވެ. 2018 ވަނަ އަހަރު ޔުނައިޓެޑުގެ ކޯޗުގެ މަގާމާ ސޯލްޝެއާ ހަވާލުވިއިރު، އޭނާއަށް އަދި މިހާތަނަށް ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.

- ކޮމެންޓް