ބުދަ ދުވަހު ރާއްޖެއިން ދެ ހާހެއްހާ މީހުން ކޮވިޑް-19އާ ދެކޮޅަށް ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބުދަ ދުވަހު ވެކްސިން ޖެހީ 2،644 މީހުންނެވެ. އެއީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި 717 މީހުންނާއި ދެވަނަ ޑޯޒު ޖެހި 1924 މީހުންނެވެ. ފުރަތަމަ ޑޯޒު ޖެހި މީހުންގެ ތެރެއިން 294 މީހުން ވެކްސިން ޖެހީ މާލެ ސަރަހައްދުންނެވެ. އަދި 423 މީހުން ވެކްސިން ޖެހީ އަތޮޅުތެރެއިންނެވެ. ވެކްސިންގެ ދެވަނަ ޑޯޒު ޖެހި މީހުންގެ ތެރެއިން 526 މީހުން ވެކްސިން ޖެހީ މާލެ ސަރަހައްދުންނެވެ. އަދި 1398 މީހުން ވެކްސިން ޖެހީ އަތޮޅުތެރެއިންނެވެ.
މިއާއެކު މުޅި ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު 307،921ށް އަރާފައިވާއިރު، އޭގެ ތެރެއިން 161،454 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައެވެ.
ރާއްޖޭގައި ކޮވިޝީލްޑްގެ އިތުރުން ފައިޒަރ އަދި ސިނޮފަރމް ވެކްސިނަށް ހުއްދަ ދީފައިވާއިރު ދާދި ފަހުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)ން ވަނީ ރަޝިއާގެ ސްޕަޓްނިކް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ވެސް ދީފައެވެ. އޭގެ ތެރެއިން މިވަގުތު ރާއްޖޭގައި ޖަހަމުން އަންނަނީ ފައިޒާ ސިނޮފާމް އަދި ކޮވިޝީލްޑްއެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު އެންމެނަށް ނުޖެހެނިސް އެ ވެކްސިން ހުސްވެފައިވާއިރު އެ ވެކްސިން ދެން ލިބޭނެ ދުވަހެއް ނޭނގޭ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ބަދަލުގައި އެސްޓްރަޒެނެކާ ވެކްސިން ޖެހޭނެ ކަމަށް ބުނެފައިވާއިރު އެ ވެކްސިން ގެނައުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ. އެކަމަކު އަންނަ މަހުގެ ފުރަތަމ ހަފްތާގައި ވެސް ވެކްސިން ނުލިބޭނެ ކަމަށް ހެލްތު މިނިސްޓަރ ނަސީމް ވިދާޅުވެފައިވެއެވެ.
ފެބްރުއަރީ އެކަކުން ފެށިގެން ކޮވިޝީލޑް ވެކްސިން ޖަގާފައިވާއިރު، އޭގެ ދެވަނަ ޑޯޒަށް އެލިޖިބަލް ވަނީ ވެކްސިން ޖަހާތާ 8 ހަފްތާއާއި 16 ހަފްތާއާ ދެމެދުގައެވެ.
ރަޝިއާގެ ސްޕަޓްނިކް ވެކްސިންއަށް ވެސް ހުއްދަ ދީފައިވާއިރު އަންގާރަ ދުވަހުގެ ރޭ ރައީސް ވިދާޅުވީ ރަޝިޔާގެ ސްޕަޓްނިކް ވެކްސިންގެ 2 ލައްކަ ޑޯޒް ގެނައުމަށް މަސައްކަތް ކުރަައްވަމުން ގެންދަވާކަމަށާއި އެ ވެކްސިނަށް ކުރިޔަށް އޮތް ދެ ދުވަހުގެ ތެރޭގައި އޯޑަރު ދެއްވާނެކަމަށެވެ. ވެކްސިންތައް ހުސްވަމުންދާއިރު، ވެކްސިން ހޯދުމުގެ މަސައްކަތް ހުއްޓަވާނުލައްވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އެގޮތުން ކޮވިޑްގެ ވެކްސިން ގެނައުމަށް ގިނަ ގޮންޖެހުންތަކެއް ހުރި މި ދަނޑިވަޅުގައި ވެސް ވެކްސިން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން ސިންގަޕޫރްގެ އެސްޓްރަޒެނަކާގެ 7 ލައްކަ ޑޯޒް ގެނައުމަށް އެގްރިމެންޓް ކުރިކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އިމްޕޯޓްކުރުމުގައި މިވަގުތު ހުރި ދަތިތަކުގެ ސަބަބުން އަދިވެސް އެ ވެކްސިން ލިބިފައިނުވާކަން ރައީސް ފާހަގަކުރާއްވާފައިވެއެވެ.