ގައުމީ ޓީމަށާއި ޓީސީ ސްޕޯޓްސް ކްލަބަށް ބައިނަލް އަގްވާމީ ތައްޓެއް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކުރި ޓީސީގެ މިޑްފިލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) ކުޅުން ހުއްޓާލުމާ މެދު ވިސްނަމުންދާ ކަމަށް އެޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.
މާޒިޔާއާއި ޓީސީ ބައްދަލުކުރާ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ ބޮންޑާއަކީ އޭނާގެ ފުޓުބޯޅައިގެ ކެރިއަރުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެއް ކަމަށެވެ. އެގޮތުން އޭނާއަކީ ފުޓުބޯޅައިގައި އަބަދުވެސް އެންމެ ގާތް އެއް ކުޅުންތެރިޔާ ކަމަށް ނިޒާމްބެ ބުންޏެވެ.
އައްޑޫ ސިޓީ ހިތަދޫއަށް އުފަން އުމުރުން 34 އަހަރުގެ ބޮންޑާ ފުރަތަމަ ޑިވިޝަންގެ ކުޅުން ފެށީ އައިއެފްސީންނެވެ. އޭގެ ފަހުން ބޮންޑާ ވަނީ ނިއުރޭޑިއަންޓާއި ވެލެންސިއާ އަދި ވީބީ އަށް ވެސް ކުޅެފައެވެ.
ވީބީ ސްޕޯޓްސް ކްލަބު ދިވެހި ފުޓްބޯޅަ ޑޮމިނޭޓް ކުރި ދުވަސްވަރު އެޓީމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔަކީ ބޮންޑާއެވެ. އަދި ފަހުން ނިއުގައި ހޭދަ ކުރި ދުވަސްވަރު ވެސް އޭނާ ވަނީ އެކުލަބަށް ބޮޑެތި ކާމިޔާބީ ތަކެއް ހޯދައިދީފައެވެ.
ބޮންޑާއަކީ ފުޓުބޯޅައިގައި ހޯދޭނެ ހުރިހާ ކާމިޔާބީއެއް ހޯދައި އެހެން ކުޅުންތެރިންނަށް ނަމޫނާ ދައްކާފައިވާ ކުޅުންތެރިއެއްކަން ފާހަގަ ކުރަމުން ނިޒާމްބެ ބުނީ ބޮންޑާ ފުޓުބޯޅަ ކުޅުން ހުއްޓާލި ނަމަވެސް ކޮންމެވެސް ހައިސިއްޔަތަކުން ފުޓުބޯޅައިން ފެނުމަކީ އޭނާގެ އެދުމެއް ކަމަށެވެ. އަދި އޭނާގެ ތަޖުރިބާއަކީ ދިވެހި ފުޓުބޯޅައަށް ވަރަށް މުހިންމު އެއްޗެއް ކަމަށްވެސް ނިޒާމްބެ ބުންޏެވެ.
ނިޒާމްބެ ބުނީ ބޮންޑާ އަށް މިދިޔަ އަހަރު ދިމާވި އަނިޔާގެ މައްސަލަތަކާއި ގުޅިގެން އޭނާ މިހާރު ވެސް ކުޅެމުންދަނީ އަނިޔާއާ އެކުގައި ކަމަށާއި މިކަމާއެކު ބޮންޑާ ކުޅުން ހުއްޓާލަނީ އާއިލާ އަށާއި އޭނާގެ އަމިއްލަ ވިޔަފާރި އަށް ވަގުތު ދިނުމުގެ ގޮތުން ކަމަށެވެ.
ގައުމީ ޓީމާއެކު 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ބޮންޑާ ވަނީ ޓީސީ ސްޕޯޓްސް ކްލަބާއެކު ބަންގްލަދޭޝްގައި ކުރިއަށްދިޔަ ޝެއިހް ކަމާލް އިންޓަނޭޝަނަލް ކަޕްވެސް ކާމިޔާބުކޮށްފައެވެ.