ކ. މާލެ
|
26 މެއި 2021 | ބުދަ 15:21
އައްޑޫ ސިޓީ، މި ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމްކުރުމަށް އިންޑިއާ ސަރުކާރުން ނިންމިކަން އިއުލާންކުރުމާއެކު ވަރަށް ބޮޑަށް ހިޔާލުތަފާތުވެފައިވޭ
އައްޑޫ ސިޓީ، މި ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމްކުރުމަށް އިންޑިއާ ސަރުކާރުން ނިންމިކަން އިއުލާންކުރުމާއެކު ވަރަށް ބޮޑަށް ހިޔާލުތަފާތުވެފައިވޭ
ރާއްޖެއެމްވީ
އައްޑޫ ސިޓީގައި ކޮންސިއުލޭޓެއް ގާއިމުކުރުން
އައްޑޫއަށް ކުރިއެރުމެއް ލިބެން ހަމަ ނޭދެނީތަ؟
 
އައްޑޫ ނުވަތަ ދެކުނުގެ އަތޮޅުގެ މީހަކަށް ފަސޭހައެއް ވެދާނެތީ އެކަމާ ނުރުހެނީކަމަށް ވެދާނެ
 
ސާކް ސަމިޓާއެކު އައްޑޫއަށް ގެނެވުނު އުމްރާނީ ތަރައްގީއަކީ އިނގިރޭސިން ފޭބިފަހުން އެ އަތޮޅަށް ގެނެވުނު ފުރަތަމަ ބޮޑު ތަރައްގީ
 
2008 ވަނަ އަހަރު ރައީސް ނަޝީދު އައްޑޫގެ ތަރައްގީއަށް ފެއްޓެވި މަސައްކަތްތަކަކީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް

ރާއްޖޭގެ އެންމެ ދެކުނުން އޮންނަ އައްޑޫ އަތޮޅަކީ އިނގިރޭސިން އެތަނުން ފޭބިއިރު، ރާއްޖޭގެ އެންމެ ތަރައްގީވެފައިވާ ސަރަހައްދެވެ. އިނގިރޭސިން އައްޑޫއިން ފޭބީ ކުރިއަށް އޮތް ގަރުނުގައި ވެސް އެ ސްޕީޑްގައި ކުރިއަށް ގޮސްފިނަމަ އިނގިރޭސީންގެ ބާރުގެ ދަށުގައި އޮތް އެހެން ތަންތަން ވެސް ކުރިއަރައިގެން ދިޔަފަދައިން ކުރިއަރާނެ ވަސީލަތްތަކާއި ތަމްރީންވެފައި ތިބި މީހުން އައްޑޫއަށް ދޫކޮށްފައެވެ. ދިވެހިން މިއަދު މިދެކޭ ފަތުރުވެރިކަމުގެ ހަގީގީ ކާމިޔާބަކީ މިދެންނެވި އިނގިރޭސިންގެ ޚިދުމަތަށް ތަމްރީންކޮށްފައި ތިބި ވެއިޓަރުންނާއި ރޫމް ބޯއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ނިކުމެ ދިން ފުރިހަމަ މެހުމާންދާރީގެ ޚިދުމަތެވެ. މިއީ ގިނަގިނައިން ބަޔަކު ނުދެއްކިކަމުގައިވިޔަސް، އެންމެ ދަންނަ ވާހަކަތަކެވެ.

އޭގެ ފަހުގައި ރާއްޖޭގައި އުފެދުނު ސަރުކާރުތަކުން އައްޑޫއަށް އަޅާލުން ކުޑަކޮށް، ލިބިފައިވާ މުއްސަނދިކަން ވެސް ނެތިކޮށްލާ، އައްޑޫ ބާކީކޮށްލީއެވެ. 2008 އާ ހަމަޔަށް އެކަން އޮތީ އެހެންނެވެ. 2008 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެން އައްޑޫގެ ތަރައްގީއަށް ފެއްޓެވި މަސައްކަތްތަކަކީ ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ. ސާކް ސަމިޓް ބާއްވައި، އައްޑޫއަކީ ޗާޓުގައި ފާހަގަކޮށްލެވޭ ތަނަކަށް ހެދިއެވެ. ސާކް ސަމިޓާއެކު އައްޑުއަށް ގެނެވުނު އުމްރާނީ ތަރައްގީއަކީ އިނގިރޭސިން ފޭބިފަހުން އެ އަތޮޅަށް ގެނެވުނު ފުރަތަމަ ބޮޑު ތަރައްގީއެވެ. ނަމަވެސް ބައެއް ފަރާތްތަކަށް އެކަން ކަމުނުދިޔައީއެވެ. އެއް ބަޔަކަށް ލާމަރުކަޒީ ތަރައްގީ ކަމުނުދިޔައީއެވެ. އަނެއް ބަޔަކަށް އެމީހުން ނޫން އެހެން ބަޔަކު، ބަޔަކަށް ކަމެއް ކޮށްދޭތަން ބަލަން ނުތިބެވޭހާ ހަސަދަވެރިވީއެވެ. މިހާރުވެސް ވެގެން މި އުޅެނީ އެކަހަލަ ގޮތެކެވެ.

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް އިންޑިއާ ސަރުކާރުން ނިންމިކަން އިއުލާންކުރުމާއެކު ބަޔަކަށް ހީވީ ފަޔަށް ހިނި އަރައިގަތްހެންނެވެ. ދެންމެ ދެންމެ އައްޑޫ ހިފަން އިންޑިއާ ސިފައިން އަރައިފިހެން ވެސް ބައެއް މީހުން ސޯޝަލް މީޑިއާގައި ލިޔެފައި ހުރި އިބާރާތްތައް ކިޔާލުމުން ދޭހަވިއެވެ. ބައެއްގެ އަތްދަށުގައި ތިބުމުގެ ހަގީގީ ތަޖުރިބާ ކުރެވިފައިތިބި އައްޑޫގެ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން އުޅުނަސް، އެކަމެއް ނުވާނެއެވެ. ފާޑުކިޔާ ފަރާތްތަކަށް އުނދަގޫވީ އައްޑޫ ނުވަތަ ދެކުނުގެ އަތޮޅުތަކުން އިންޑިއާއަށް ބޭސްފަރުވާއަށް ދާން ބޭނުންވާ މީހުން މާލެ ނައިސް، އައްޑޫގައި ތިބެގެން ވިސާ ޖެހޭނެތީކަމަށް ވެދާނެއެވެ.

އައްޑޫގައި ގާއިމުކުރެވޭ ގޭދޮށު މަސް ޕްލާންޓްތަކުން އުފައްދާ މަހުގެ ބާވަތްތައް އިންޑިއާއަށް ބޭރުކުރަން ބޭނުންވާ ހުއްދަތައް ހޯދުމަށް މާލެ ނައިސް އެކަން ކުރެވިދާނެތީ، އެކަމާ ހިތްހަމަނުޖެހެނީކަމަށް ވެސް ވެދާނެއެވެ. އައްޑޫއާއި ދެކުނުގެ އަތޮޅުތަކުގައި މަސައްކަތްކުރާ އިންޑިއާގެ ޓީޗަރުންނާއި ނަރުހުންނަށް އެމީހުންގެ އާއިލާ ކައިރިއަށް ތަންކޮޅެއް ފަސޭހައިން ދެވިދާނެތީ، ހިތްހަމަނުޖެހެނީކަމަށް ވެދާނެއެވެ. ހަމަ ހަގީގަތުގައި ވެސް އައްޑޫ ނުވަތަ ދެކުނުގެ އަތޮޅުގެ މީހަކަށް ފަސޭހައެއް ވެދާނެތީ އެކަމާ ނުރުހެވެނީކަމަށް ވެސް ވެދާނެއެވެ.

އައްޑޫ ސިޓީގެ ހުޅުމީދޫ

ދެން އޮތް ގޮތަކީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޫން މީހަކު އައްޑޫއަށް ކަމެއް ކޮށްދިނޭ ބުނުމުން ހަސަދަވެރިވަނީއެވެ. އިންޑިއާއިން ރައީސް ޔާމީންގެ ވެރިކަމުގައި އައްޑޫގައި ކޮންސިއުލޭޓެއް އަޅަން އެދުނު ނަމަ އެކަން ކޮށްދޭނެއެވެ. އެކަމުގެ ކްރެޑިޓް ވެސް ނަގާނެއެވެ. އިންޑިއާއޭ ކިޔާ އިދިކޮޅު ފަރާތްތަކުން މިހާރު ނުކިއްސަރުކޮށް ވާހަކަ ދައްކާ ކޮންމެ ކަމެއްގެ ހަގީގަތް ބަލާއިރު، އެކަމެއް ފެށިފައި އޮންނަނީ ރައީސް ޔާމީންގެ ވެރިކަމުގައެވެ. މިހާރު މައްސަލައަކީ އެހެން ބައެއްގެ ވެރިކަމުގައި އެކަން ކުރަން އުޅޭތީއެވެ. ހަގީގަތަކީ ރައީސް ނަޝީދު ގެނެސްދިން ވަރުގެ ތަރައްގީއެއް ގެނެސްނުދެވުނަސް، އައްޑޫއަށް ޔާމީން ވެސް ކޮންމެވެސް ވަރެއްގެ ކަމެއް ކޮށްދިނެވެ. އަދި ޔާމީން ގެނެސްދިން ތަރައްގީއާ ނުބައްދަލު ތަރައްގީ އައްޑޫއަށް ގެނެސްދޭން މިސަރުކާރުން މަސައްކަތްކުރާތީ އެކަމާ ހަމަ ހަސަދަވެރިވަނީއެވެ.

މައްސަލައަކީ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރާތީއެއް ނޫނެވެ. މައްސަލައަކަށް ވެގެން އެއުޅެނީ އައްޑޫއަށް ކުރިއެރުމެއް ލިބޭތީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
20%
0%
0%
0%
80%
ކޮމެންޓް