ވެކްސިން ގެނައުމަށް ކުރާ މަސައްކަތް ހުއްޓާނުލާ ކަމަށާއި، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ރަޝިއާގެ ސްޕަޓްނިކް ވެކްސިންގެ ދެ ލައްކަ ޑޯޒްއަށް އޯޑަރުދޭން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ހާމަކުރައްވައިފިއެވެ.
އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ކޮވިޑްގެ ވެކްސިން ގެނައުމަށް ގިނަ ގޮންޖެހުންތަކެއް ހުރި މި ދަނޑިވަޅުގައި ވެސް ވެކްސިން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. މި ބައްޔަށް އޮތް ހަމައެކަނި ފަރުވާއަކީ ވެކްސިން ކަން ފާހަގަކުރައްވައި ރައީސްވަނީ، މިކަން ކަށަވަރުކުރުމަށް ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ސިންގަޕޫރްގެ އެސްޓްރަޒެނަކާގެ 7 ލައްކަ ޑޯޒް ގެނައުމަށް އެގްރިމެންޓް ކުރިކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އިމްޕޯޓްކުރުމުގައި މިވަގުތު ހުރި ދަތިތަކުގެ ސަބަބުން އަދިވެސް އެ ވެކްސިން ލިބިފައިނުވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ރަޝިޔާގެ ސްޕަޓްނިކް ވެކްސިންގެ 2 ލައްކަ ޑޯޒް ގެނައުމަށް މަސައްކަތް ކުރަައްވަމުން ގެންދަވާކަމަށާއި އެ ވެކްސިނަށް ކުރިޔަށް އޮތް ދެ ދުވަހުގެ ތެރޭގައި އޯޑަރު ދެއްވާނެކަމަށެވެ. ޤައުމުތަކުން ވެކްސިން ދިނުމުގައި ހުރަސްތަކެއް ހުރިކަން ފާހަގަކުރައްވައި ރައީސް ވަނީ ޤައުމުތަކާ އޮތް ގުޅުމުގެ ތެރެއިން އަދިވެސް މި މަސައްކަތް މެދު ކެނޑުމެއްނެތި ކުރަމުންދާކަމަށެވެ.
ސިންގަޕޯރގެ އެސްޓްރަޒެނިކާއެކު ވެވުނު އެއްބަސްވުމުގެ ދަށުން 7 ލައްކަ ޑޯޒް ލިބުމުގައި އިމްޕޯޓް ކުރުމުގައި ހުރި ދަތިތަކާއެކު ވެކްސިން ގެނައުމުގައި ދަތިތަކެއް އެބަހުރި: އިތުރަށް މަސައްކަތް ކުރަމުން މިދަނީ ރަޝިއާގެ ސްޕަޓްނިކް ވީގެ ވެކްސިންގެ 2 ލައްކަ ޑޯޒް ގެނައުމުގެ މަސައްކަތް.ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވަނީ ސްޕަޓްނިކްގެ އެއްބަސްވުމުގެ އިތުރު ތަފުސީލު ހިއްސާކުރައްވާފައެވެ. އެގޮތުން ރަޝިޔާގެ ވެކްސިން ގެނައުމަށް ކުރާ މަސައްކަތުގެ ދަށުން މިކަމަށް ބޭނުންވާ އެގްރިމެންޓް މިހާރު ލިބިފައިވާކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ. އަދި އެގްރިމެންޓް ބަންޑާރަ ނާއިބުގެ އޮފީހުން ދިރާސާކުރައްވައި ދެއްވި ރިކޮމެންޑޭޝަން ފޮރިން މިނިސްޓްރީ މެދުވެރިކޮށް ރަޝިޔާ ކުންފުންޏަށް ފޮނުވާފައިވާކަމަށް ވެސް މިނިސްޓަރ ނަސީމު ތަފުސީލުކޮށްދެއްވިއެވެ.
ރަޝިއާގެ ސްޕަޓްނިކް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ މެއި މަހުގެ 12 ވަނަ ދުވަހުއެވެ. މި ވެކްސިން ޖެހުމުގެ ހުއްދަ ދެވޭނީ އުމުރުން 18 އަހަރުން މަތީ މީހުންނަށް ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ. މިއީ ރާއްޖޭގައި ކޮވިޑް 19 ހާލަތުގައި ބޭނުން ކުރުމަށް ހުއްދަ ދީފައިވާ ހަތަރު ވަނަ ވެކްސިނެވެ.
ރާއްޖޭގައި މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ، މިކަމުގައި ފުރިހަމަ ކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު ބަލަންޖެހޭ ޓެކްނިކަލް ކަންކަން ރަނގަޅަށް ދިރާސާކުރުމަށް ފަހުގައި ކަމަށް އެފްޑީއޭއިން ބުނެއެވެ. އެފްޑީއޭއިން ބުނީ މި ނިންމުން އެ އޮތޯރިޓީން ނިންމީ ނޭޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފާއާއި މަޝްވަރާއާ އެކުގައި ކަމުގައެވެ.
ސްޕަޓްނިކް ވެކްސިން އުފައްދަނީ ރަޝިއާގެ ކުންފުންޏެއް ކަމަށްވާ 'ދި ގަމާލޭޔާ ނޭޝަނަލް ސެންޓަރ އޮފް އެޕިޑެމަލޮޖީ އެންޑް މައިކްރޮބައޮލޮޖީ' އިންނެވެ. މި ވެކްސިން މިހާރުވެސް އިމެޖެންސީގައި ބޭނުން ކުރުމުގެ ޚާއްސަ ހުއްދައިގެ ދަށުން، 66 ގައުމެއްގައި ބޭނުން ކުރަމުންދެއެވެ.
މި ވެކްސިން ބަހައްޓަން ޖެހެނީ 18-ގެ ފިނި ހޫނު މިނެއްގައެވެ. އެހެންކަމުން މި ވެކްސިންގެ ހުއްދަ ދީފައިވަނީ، ވެކްސިން އެތެރެކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި، ވެކްސިން އެތެރެ ކުރުމަށްފަހު އަދި ގެންގުޅުމުގެ ހުރިހާ މަރުހަލާއެއްގެ 'ކޯލްޑް ޗެއިން' ބެލެހެއްޓުމަށް ޝަރުތު ކޮށްގެން ކަމަށް އެފްޑީއޭއިން ބުނެއެވެ.
އެފްޑީއޭއިން ބުނީ ކޮންމެ ވެކްސިނަކީ ވެސް އެ ވެކްސިނެއް ބޭނުންކުރުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ 'ރިއެކްޝަނެއް' އައުމުގެ ފުރުސަތު އޮންނަ އެއްޗެއް ކަމަށެވެ. ވުމާއެކު، އެހެން ފަހަރުތަކެކޭ ވެސް އެއްގޮތަށް، ވެކްސިން ދިނުމަށްފަހު ކުރިމަތިވެދާނެ ކަންކަން އެފްޑީއޭއާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) ގުޅިގެން ބަލަމުން ގެންދިއުމަށް ނިންމާފައިވާ ކަމަށް އެފްޑީއޭއިން ބުނެއެވެ.