ސަރުކާރަށް 53 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަރަށް އިޚްލާސްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަލްއަމީރު މުހައްމަދު ނޫރައްދީން ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މާފަންނު ތާނގީދޮށުގޭ އަލްއަމީރު މުހައްމަދު ނޫރައްދީން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއްވުމަށްފަހު އަންގާރަ ދުވަހުގެ ހެނދުނު ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 89 އަހަރެވެ. މުހައްމަދު ނޫރައްދީނަކީ ރާއްޖޭގެ ރަސްކަން ކުރެއްވި އައްސުލްތާން ހަސަން ނޫރައްދީނުގެ ދަރިކަލެކެވެ.
އަލްއަމީރު މުހައްމަދު ނޫރައްދީން ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ އާއިލާއަށް ރައީސް ޞާލިހު ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. އަދި މި ޚަބަަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށާއި، މުހައްމަދު ނޫރައްދީނަކީ، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް ދިގު މުއްދަތެއްގައި، ތެދުވެރިކަމާއި ވަފާތެރިކަމާއެކު ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ އަލްއަމީރު މުހައްމަދު ނޫރައްދީން އަވާހާރުވުމާ ގުޅިގެން މަޖިލީހުގެ ރައީސްއާއި ނައިބު ރައީސް އަދި ހުރިހާ މެންބަރުންގެ ނަމުގައި އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ.
އަލްއަމީރު މުހައްމަދު ނޫރައްދީން މެދުނުކެނޑި 53 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރުގެ ޚިދުމަތުގައި ހޭދަކުރެއްވިއިރު، އެމަނިކުފާނުވަނީ ސަރުކާރުގެ ވަރަށް އިސްމަގާމުތަކެއް ފުރުއްވާފައެވެ. ސަރުކާރުގެ ޚިދުމަތް ފެށްޓެވީ 25 ޖުލައި 1954 ގައެވެ. ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި، ވުޒާރަތުލް އަޥްޤާފުގެ ސެކްރެޓަރީ ކަމާއި، މަޙްކަމަތުލް ޚާރިޖިއްޔާގެ ސެކްރެޓަރީ ކަމާއި، މީޓިއޮޮރޮލޮޖިކަލް އޮފީހުގެ ވެރިޔާކަމާއި، މުނިސިޕަލްޓީގެ ރައީސްގެ ނައިބު ކަމާއި، މުނިސިޕަލް ކައުންސިލަށް ދާޚިލިއްޔާއިން ޢައްޔަންކުރި މެންބަރުކަން ހިމެނެއެވެ. އަދި ވަޒީރުލް އަޢުޡަމް އޮފީހުގެ ޚާއްސަ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓުގެ ޚާއްސަ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކީލު ކަމުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ވަކީލު ކަމުގެ މަގާމާއި، ނައިބު ކަމުގެ މަގާމު ވެސް ފުރުއްވައިފައިވެއެވެ. އޭގެފަހުން މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނައިބު ކަމުގެ މަގާމާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު ކަމުގެ މަގާމާއި، ޑެޕިއުޓީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ރިލިޖަސް އެފެއާޒް ކަމުގެ މަގާމުވެސް އެމަނިކުފާނު ފުރުއްވިއެވެ. މީގެއިތުރުން، ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި އިއްޒަތްތެރިއެއްގެ މަގާމުގައި ވެސް ހުންނެވިއެވެ.
އަލްމަރްޙޫމް މުހައްމަދު ނޫރައްދީނަކީ، ރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅުގެ މެންބަރުކަމާއި، ދ. އަތޮޅުގެ މެންބަރުކަމާއި، ގއ. އަތޮޅުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަމުންދިޔަ އެކި ބަދަލުތައް، އެމަނިކުފާނު ވަނީ ވަރަށް ގާތުން ދެކެވަޑައިގެން، ވަރަށްގިނަ ތަޖުރިބާތަކެއް ހާސިލު ކުރައްވާފައެވެ. އެމަނިކުފާނަކީ، އެވަގުތަކު ދައުލަތް ހިންގަވަން ހުންނެވި ކޮންމެ ވެރިއެއްގެ އަރިހުގައި ޚިދުމަތް ކުރެއްވި ލާމަސީލު ބޭފުޅެކެވެ.
އަލްއަމީރު މުޙައްމަދު ނޫރައްދީނަށް ނިޝާން އިއްޒުއްދީނުގެ ޝަރަފުގެ އިއްޒަތް ދައުލަތުން އަރުވައިފައިވަނީ 26 ޖުލައި 2011 ގައެވެ. އަދި ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާވެސް އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.