އައްޑޫ ސިޓީން އިތުރު 17 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެ އެރަށުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 223ށް އަރައިފިއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން 17 ކޭސްއެއް އަލަށް ރިޕޯޓުކޮށްފައިވާއިރު އެއީ ހިތަދޫން 10 ކޭސްއާއި، ފޭދޫއިން ދެ ކޭސް އަދި ހުޅުދޫއިން ފަސް ކޭސްއެވެ. އެ ރަށުން ޖުމްލަ 223 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 47 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި ފަރުވާދެމުން އަންނަނީ 176 މީހަކަށެވެ. ހޯމަ ދުވަހުގެ ރޭ އެ ރަށުން ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދިޔަ 83 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ.
ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ ފޭދޫއިން 10 މީހުންނާއި، މަރަދޫ ފޭދޫއިން އެކަކު، މަރަދޫއިން ހަ މީހުން، ހިތަދޫއިން 102 މީހުން ސައުތުޕާމް ރިސޯޓުން ފެނުނު ދެ ކޭސްގެ އިތުރަށް މީދޫއިން ހަތް މީހުން ހުޅުދޫއިން 47 މީހުން އަދި ގަމުން އެކަކެވެ. ބަލި ޖެހިފައިވާ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދު 576ށް އަރައެވެ.
އައްޑޫ ސިޓީގައި ކޮވިޑް-19 ފެތުރެމުންދާތީ ރައްކާތެރިވުމުގެ ގޮތުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ކައުންސިލުން ވަކިގޮތެއް އަންގަންދެން، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއާއި، އެއިދާރާގެ ދަށުން ހިނގަމުންދާ އަވަށު އޮފީސްތަކުން ދެމުންގެންދާ އެންމެހާ ޚިދުމަތްތައް އޮންލައިންކޮށް ދޭން މިހާރު ވަނީ ނިންމާފައެވެ.
އައްޑޫ ސިޓީ ދެވަނަ ފަހަރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ 1 މެއި ވީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. މުޅި އައްޑޫ ސިޓީ މިހާރު މޮނިޓަރިންގެ ހާލަތަށް ގެންދިޔަ އިރު، މިދިޔަ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހު ވެސް އައްޑޫ ސިޓީ މޮނީޓަރިން ހާލަތަށް ގެންދިޔައެވެ. އެ ފަހަރުގެ މޮނިޓަރިންގެ ހާލަތު އުވާލީ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ.