ކޮވިޑް-19 ޖެހިގެން ރާއްޖެއިން ހޯމަ ދުވަހު އިތުރު ތިން މީހަކު ނިޔާވެ، ޖުމްލަ އަދަދު 13ށް އަރައިފިއެވެ.
އެޗްޕީއޭއިން ބުނީ މިރޭ 10:20ހާއިރު އައްޑޫ ކޮވިޑް-19 މެނޭޖްމަންޓް ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް 83 އަހަރުގެ ދިވެހި ފިރިހެނެއް ނިޔާވެފައިވާ ކަމަށެވެ. އެއީ 140 ވަނަ މަރެވެ. މީގެ އިތުރަށް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް އުމުރުން 80 އަހަރުގެ ދިވެހި އަންހެނެއް ހޯމަ ދުވަހުގެ 11:27ގައި ނިޔާވެފައިވާއިރު، 11:30ގައި 58 އަހަރުގެ ދިވެހި ފިރިހެނެއް ވެސް ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީން ނިޔާވެފައެވެ. މި ތިން މަރާއި އެކު ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ 142ށް އަރާފައެވެ.
ރާއްޖޭގައި ކޮންމެ ދުވަހަކު ވެސް މަދުވެގެން ތިން މީހަކު ނިޔާވެގެން ރިޕޯޓު ނުކުރާ ދުވަހެއް މިހާރު ނުދެއެވެ. ކޮންމެ ދުވަހެއްގެ މަރުތައް ވެސް ރިޕޯޓުކުރަނީ ވަރަށް ކައިރިކައިރީގައެވެ. އެގޮތުން ގިނަ ފަހަރު ދެމީހެއްގެ މަރުގެ ވަގުތުގެ ދެމެދުގައި ގަޑި އިރެއް ވެސް ހަމަނުވެއެވެ. ގިނަ މީހުން މަރުވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީންނެވެ. އެ ފެސިލިޓީ ވެސް ފުރިފައިވާއިރު އެތަނުގައި އެކަށީގެންވާ ޚިދުމަތްދެވޭ ވަރަށް ސިއްހީ ޚިދުމަތްތެރިން ނެތް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ ތެރޭގައި ކޮވިޑްގެ 52 މަރު ރިޕޯޓް ކުރި އިރު، މި މަހުގެ ތެރޭގައި އެކަނި ވެސް 60ށް ވުރެ ގިނަ މީހުން ވަނީ ނިޔާވެފައެވެ.