ކޮވިޑް-19 ޖެހިގެން ހޯމަ ދުވަހު ރާއްޖެއިން 9 ވަނަ މީހަކު ނިޔާވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 41 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ ނިޔާވީ އިރު އޮއްސި 6:48 ހާއިރު ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
މިއާއެކު މި ބަލީގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު 138ށް އަރާފައިވާއިރު މިހާތަނަށް ރާއްޖޭގައި މި ބަލި ޖެހިގެން އެންމެ ގިނަ ބަޔަކު ނިޔާވި ދުވަހަކީ ހޯމަ ދުވަހެވެ. އޭގެ ކުރިން މިދިޔަ އަންގާރަ ދުވަހު 7 މީހަކު މި ބަލީގައި ނިޔާވެފައިވެއެވެ.
ރާއްޖޭގައި މި ބަލީގައި ނިޔާވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު ކޮންމެ ދުވަހަކު ވެސް މަދުވެގެން ތިން މީހަކު ނިޔާވެގެން ރިޕޯޓު ނުކުރާ ދުވަހެއް މިހާރު ނުދެއެވެ. ކޮންމެ ދުވަހެއްގެ މަރުތައް ވެސް ރިޕޯޓުކުރަނީ ވަރަށް ކައިރިކައިރިގައެވެ. އެގޮތުން ގިނަ ފަހަރު ދެމީހެއްގެ މަރުގެ ވަގުތުގެ ދެމެދުގައި ގަޑި އިރެއް ވެސް ހަމަނުވެއެވެ. ގިނަ މީހުން މަރުވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީ އިންނެވެ. އެ ފެސިލިޓީ ވެސް ފުރިފައިވާއިރު އެތަނުގައި އެކަށީގެންވާ ހިދުމަތްދެވޭ ވަރަށް ސިއްހީ ހިދުމަތްތެރިން ނެތް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ ތެރޭގައި ކޮވިޑްގެ 52 މަރު ރިޕޯޓް ކުރި އިރު، މި މަހުގެ ތެރޭގައި އެކަނި ވެސް 60ށް ވުރެ ގިނަ މީހުން ވަނީ ނިޔާވެފައެވެ.