ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން އައި އިތުރު ދެ މީހުން ނިޔާވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ ނިޔާވެފައިވަނީ ޅ. ހިންނަވަރު ހެލްތު ސެންޓަރުގައި ފަރުވާ ދެމުން އައި އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާ ނިޔާވީ ހޯމަ ދުވަހުގެ 11:05 ހާއިރު ކަމަށެވެ. އަދި މިއީ މި ބަލީގައި ނިޔާވި 137 ވަނަ މީހާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ނިޔާވި ދެވަނަ މީހެއްގެ ގޮތުގައި އެޗްޕީއޭއިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި އުމުރުން 78 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ ނިޔާވީ ހޯމަ ދުވަހުގެ 02:50 ހާއިރުއެވެ. އަދި މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 136 ވަނަ މީހާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިހާތަނަށް ކޮވިޑްގައި ރާއްޖެއިން 137 މީހުން ނިޔާވެފައިވާ އިރު، ފަހަކަށް އައިސް މި ބަލީގައި ނިޔާވެގެން ދުވާލެއްގެ މައްޗަށް ރިޕޯޓް ކުރެވޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ހޯމަ ދުވަހަކީ ބަލީގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވެގެން ރިޕޯޓު ކޮށްފައިވާ ދުވަހެވެ. ހޯމަ ދުވަހު އެކަނިވެސް 8 މީހުން ވަނީ ނިޔާވެފައެވެ.
މިދިޔަ އަހަރުގެ ތެރޭގައި ކޮވިޑްގެ 52 މަރު ރިޕޯޓް ކުރި އިރު، މި މަހުގެ ތެރޭގައި އެކަނި ވެސް 63 މީހަކު ވަނީ ނިޔާވެފައެވެ.