ކޮވިޑް-19 ޖެހިގެން އާދިއްތަ ދުވަހު އިތުރު ތިން މީހަކު ނިޔާވެ މިއަދު ނިޔާވި މީހުންގެ ޖުމްލަ ހަޔަކަށް އަރައިފިއެވެ.
އެޗްޕީއޭއިން ބުނީ ނިޔާވީ އުމުރުން 68 އަހަރުގެ ދިވެހި އަންހެނަކާއި، 79 އަހަރުފެ ދިވެހި އަންހެނެއްގެ އިތުރުން 78 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ ތިން މީހުންނަކީ ވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ތިން މީހުންނެވެ. ތިން މީހުން ވެސް ނިޔާވެފައި ވަނީ ވަރަށް ގާތްގާތުގައެވެ. 79 އަހަރުގެ މީހާ ނިޔާވީ އިރު އޮއްސި 6:40 ހާއިރު ކަމަށެވެ. އަދި 68 އަހަރުގެ މީހާ ނިޔާވީ އޭގެ ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުން 7:53 ހާއިރުއެވެ. އަދި 78 އަހަރުގެ މީހާ ނިޔާވީ 8:12 ހާއިރު ކަމަށް އެޗްޕީއއިން މައުލޫމާތު ދީފައިވެއެވެ.
މިއާއެކު އާދިއްތަ ދުވަހު ނިޔާވި މީހުންގެ އަދަދު ވަނީ ހަޔަކަށް އަރާފައެވެ. މި މަހު އެކަނިވެސް ނިޔާވި މީހުންގެ އަދަދު 50ން މައްޗަށް އަރާފައިވާއިރު، ނިޔާވި މީހުންގެ ޖުމްލަ އަކީ 129އެވެ.
ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވަނީ ނިޔާވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ކޮވިޑްގެ ވެކްސިން ނުޖަހާ ތިބި ފަރާތްތައް ކަމަށާއި، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން ދިޔަ މީހުން ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށެވެ.