ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެ މި ބަލީގައި ނިޔާވި މީހުންގެ ޖުމްލަ 126ށް އަރައިފިއެވެ.
އެޗްޕީއޭއިން ބުނީ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް-17ގައި ފަރުވާދެމުން ދިޔަ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ ނިޔާވީ އާދިއްތަ ދުވަހުގެ ހަވީރު 5:40ހާއިރު ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ. މިއީ މި ބަލީގައި އާދިއްތަ ދުވަހު ނިޔާވި ތިންވަނަ މީހާއެވެ.
ކޮވިޑް-19 ކޭސްތައް އިންތިހާއަށް އިތުރުވެފައިވާއިރު، ފަރުވާދޭނެ ސިއްހީ ހިދުމަތްތެރިން ވެސް މަދުވެ ބެޑް ކެޕޭސިޓީ ވެސް އަންނަނީ ފުލްވަމުންނެވެ. އޭގެ ސަބަބުން ރާއްޖެ މި ބަލީގެ ބޮޑު އަނދަވަޅަކަށް ވެއްޓިދާނެކަމުގެ ބިރު މިހާރު ވަނީ ހީވެފައެވެ. އެކަމަށްޓަކާ ފިޔަވަޅުތަކެއް ވެސް އަޅާފައިވާއިރު، ކާފިއު ވެސް ވަނީ އިއުލާންކޮށްފައެވެ.