ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުކުރެވޭ ގދ. ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހްމަދު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.
މުހައްމަދު އަހްމަދުގެ މައްޗަށް ރައްދުވާ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިން ވެސް އަމުރުކޮށްފައިވެއެވެ. އެހެން ނަމަވެސް ގައްދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައެވެ.
ގައްދޫ ކައުންސިލްގެ ރައީސް ބަންދުން ދޫކޮށްލުމަށް މެއިމަހުގެ ތިންވަނަ ދުވަހު އެރަށު ކޯޓުން ކުރި އަމުރު ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. މި މައްސަލައިގައި ހައިކޯޓުން އާދީއްތަ ދުވަހު ވަނީ ދަށު ކޯޓުގެ ނިންމުން ބާތިލުކޮށްފައެވެ.
ހައިކޯޓުގެ ނިންމުމާއެކު މުހައްމަދު އަހުމަދު އަލުން ބަންދު ކުރެވޭނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
އިދިކޮޅު ޕީޕީއެމްގެ ޓިކެޓްގައި ގައްދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވައި އެ ގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ ވެސް ޖިންސީ ގޯނާގެ ގިނަ ތުހުމަތު ތަކެއް އޭނާގެ މައްޗަށް ކުރެވިފައި ވަނިކޮށެވެ.
ގައްދޫ މެޖިސްޓްރޭޓް ކޯޓުން މުހައްމަދު އަހްމަދު ދޫކޮށްލުމަށް ނިންމި ނިންމުމާއި ބެހޭގޮތުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ, މި ބާވަތުގެ މައްސަލަތަކުގައި ދައުވާ ލިބޭ މީހަކު އިންތިހާބެއްގައި ވާދަކޮށް ކާމިޔާބުވުމަކީ އޭނާގެ ފަރާތުން މުޖުތަމައުގެ ކުޑަކުދިންނަށް އޮތް ނުރައްކާ ނެތިދާ ސަބަބެއްކަމަށް ދައުލަތުން ނުދެކޭ ކަމަށެވެ. އަދި އެ ނިންމުމާއި، އެ ނިންމުން ބިނާކުރިކަމަށް ބުނާ ސަބަބުތައް ދައުލަތަށް ބަލައި ނުގަނެވޭ ކަމަށް ވެސް ވިދާޅުވިއެވެ.
މުހައްމަދު އަހުމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ތަކަށް ބަލާއިރު, 2015 ވަނަ އަހަރު އޭނާގެ މައްޗަށް ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ ކޮށްފައިވެއެވެ. އޭރު ވެސް އޭނާ ހުންނެވީ އެރަށު ކައުންސިލް ރައީސްގެ މަގާމުގައެވެ.
މީގެ އިތުރުން, ހުސްވި އަހަރު ފަހުކޮޅު, މީހަކު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާއާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް މުހައްމަދު އަހުމަދުގެ މައްޗަށް ވަނީ ކުރެވިފައެވެ.