ބަންގާޅު ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުގެ އަސަރާއެކު އަނެއްކާވެސް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިޔަށް އޮތް 4 ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެތީ މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އެ އިދާރާއިން ބުނީ ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. މެޓް އޮފީހުން ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް އާއްމު ގޮތެއްގައި ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭކަމަށެވެ. އަދި ވިލާގަނޑުގައި 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް ވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. މީގެއިތުރުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށް ވެސް މެޓް އޮފީހުން ބުނެއެެވެ.
ރާއްޖެއާ ދުރުން ބަންގާޅު ކަނޑުގައި ކޮޅިގަނޑެއް އުފެދިފައިވާކަމަށާއި މި ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރުގެ ތޭރޭގައި ތޫފާނަކަށް ބަދަލުވުން އެކަށިގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތުދެއެވެ. އެ އިދާރާއިން ބުނީ ލަފާކުރެވޭ ގޮތުގައި މި ކޮޅިގަނޑު ޖެހެމުންދަނީ އުތުރު ހުޅަނގު އުތުރަށް ރާއްޖޭއާ ދުރަށެވެ. ވައިގަދަވެ ކަނޑުތައް ގަދަވާނެތީ އާއްމުކޮށް ހުރިހާ ފަރާތްތަކުން ވެސް ހާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މުސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.
ކޮޅިގަނޑެއްގެ އަސަރާއެކު މޫސުން އަނެއްކާވެސް ގޯސްވާނެކަމަށް ލަފާކޮށްފައިވާއިރު، އަރަބިކަނޑުގައި އުފެދުނު ޓައުޓޭގެ އަސަރު ވެސް ރާއްޖެއަށް ވަނީ ކޮށްފައެވެ. އެގޮތުން އެ ވިއްސާރާގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ބޯކޮށް ވާރޭވެހި ވިއްސާރަކޮށް، ގިނަ ރަށްރަށަކަށް އުދަ އަރާފައިވާއިރު 500ށްވުރެ ގިނަ ގެއަށް ވަނީ ލޮނު ވެސް ވަދެފައެވެ.