ކ. މާލެ
|
23 މެއި 2021 | އާދީއްތަ 08:00
ގާޒާގެ އިމާރާތްތައް ސުންނާފަތި ވެފައި، އަލުން އާރާސްތުކުރުމަށް އެތައް އަހަރެއް ނަގާނެ
ގާޒާގެ އިމާރާތްތައް ސުންނާފަތި ވެފައި، އަލުން އާރާސްތުކުރުމަށް އެތައް އަހަރެއް ނަގާނެ
އަލްޖަޒީރާ
ގާޒާގެ ހާލަތު
ގާޒަގެ ހާލަތު: ބޮމުގެ ހަމަލާތަކާއި ބިރުވެރިކަމުގެ ތެރޭގައި އަލްވަދާއުގެ މެސެޖްތައް
 
ބޮމުގެ ވާރޭ ވެހުނުހެން ހީވެގެން ދިޔަ
 
މިއީ އާއިލާ ފެންނާނެ ފަހު ވަގުތުކަމުގައި ހީކުރެވުނު
 
ރަހުމަތްތެރިން ގާތު ހެޔޮ ދުއާ ކޮށްދިނުމަށް އެދުނު

ހަމަލާ ބަދަލުކުރުން ހުއްޓާލުމާއެކު ގާޒާގެ ރައްޔިތުންގެ ދުލުން އެ ބިރުވެރި ވަގުތު ސިފަކޮށްދޭން ވަނީ ފަށާފައެވެ. ދުނިޔޭގައި ހުންނާނެ ކަމުގެ ޔަގީންކަމެއް ނެތުމުން އާއިލާ މީހުންނަށް ކިޔާފައިވާ އަލްވަދާއެވެ. ހެޔޮ ދުއާ ކޮށްދިނުމަށް އެދުނު ވާހަކައެވެ.

އުމުރުން 17 އަހަރުގެ އިބްރާހީމް އަލްތަލާ އުޅެމުންދިޔައީ ރެފުޖީ ކޭމްޕެއްގައެވެ. އިބްރާޙީމްވެސް އެއީ އޭނާގެ އެއްމެ ފަހު ވަގުތުކޮޅުކަމަށް ނިންމާ އާއިލާ މީހުންނަށް އަލްވަދާއު ކިޔާފައިވެއެވެ.

އެހަނދާންތައް އާ ކުރަމުން އިބްރާހީމް ބުނީ އިސްރާއީލުން ބޮން އަޅަން ފެށުމުން އެއީ އޭނަގެ ފަހު ވަގުތުކޮޅު ކަަމަށް ހީކުރެވުނެވެ. އިސްރާއީލުގެ 40ށްވުރެ ގިނަ ހަމަލާ އިބްރާހީމް އުޅެމުންދިޔަ ސަރަހައްދަށްވެސް އަމާޒުވިއެވެ. އެ މަންޒަރު ސިފަކޮށްދޭންވެސް ދަތި ކަމަށް އިބްރާހިމް ބުންޏެވެ.

"ބޮން އަޅަންފެށި ވަގުތު 13 އަހަރުގެ އަހަރެންގެ އަންހެން ކޮއްކޮ ގައިގައި ބާރަށް ބައްދާލެވުނު. އަހަރެންގެ ނާރުތައް ފަޅައިގެންދިޔަ ކަހަލަ. ކޮއްކޮއަށް ފެންތައްޓެއް ގެނެސްދީ ހިތްވަރުދޭން މަސައްކަތްކުރިން" އިބްރާހީމް ބުންޏެވެ.

ޝަހީދުވަންޏާ ވާނީ އެއްމެން އެކީގައެވެ.

ހަމަލާބަދަލުކުރުން ހުއްޓާލިއިރު 250ށްވުރެ ގިނަ މީހުން ޝަހިދުވިއެވެ. ހަމަލާދޭން ފެށުމާއެކު އިބްރާހީމާއި އޭނާގެ މަންމައާއި ބައްޕައާއި، އެއްބަނޑުއެއްބަފާ ހަތް ބެއިން އެއްކޮށް އެއް ކޮޓަރިއަކަށް ވަނެވެ. އުންމީދަކީ، ހަމަލާގައި ޝަހީދުވެގެން ދަންޏާދާނީ އެއްމެން އެއްކޮށެވެ.

ބޮމުގެ އަޑުގަދަވާން ފެށި. އެމްބިއުލާންސްގެ އަޑު ގަދަވާން ފެށި. އެކަކު އަނެކަކަށް ބަލާލެވުނީ މިއީ އެއްމެ ފަހުގެ ބައްދަލުވުން ފަދައިން. އެއްމެން އެއްކޮށް ބައްދާލެވުނު" އިބްރާހީމް ބުންޏެވެ.

"ސޯޝަލް މީޑިއާއިން މި މަންޒަރުތައް ފެނި ފޭސްބުކް ސްޓޭޓަސް ފެނުމުން ރަހުމަތްތެރިއަކު ގުޅި ހާލުބަލަން. އަހަރެން ބުނިން އަހަރެން އޭނަދެކެ ވަރަށް ލޯބިވާ ވާހަަކަ" މި ޒުވާނާ ކިޔައިދިނެވެ.

"ގާޒާގެ ރައްޔިތުންނަށް ގާޒާގައި ހަމަޖެހިގެން އުޅެވޭނެ މަގުފަހިވާން ޖެހޭ. އަަހަރެންގެ ރަހުމަތްތެރިން ގާތު އެދުނިން މި ވާހަކަތައް ވީހާވެސް ގިނަ މީހުންނަށް ފޯރުކޮށްދޭން."

ދެފަހަރުވެސް ސަލާމަތްވީ ކިރިޔާއެވެ.

25 އަހަރުގެ ރީމް ހަނީ، އާއިލާއާއެކު ދިރިއުޅެމުން އައީ ޝުޖައްޔާ ނެއިބަރހުޑް ގައެވެ.

ހަމަލާދޭން ފެށިތާ ހަތަރު ގަޑިއިރު ވެގެންދިޔައިރު ހަމަލާތައް އިތުރުވިއެވެ. ހުރިހާ ދިމާއަކުންވެސް ބޮމުގެ އަޑު އިވެއެވެ.

"އަހަރެންގެ ބޭބެ ރޮމުން ކާރަށް އެރުމަށް ގޮވަންފެށުމުން އަތުގައި ޖެހުނު ބައެއް ސާމާނުތަކާއި، ބައެއް ލިޔެކިޔުންތައް ހިފައިގެން ކާރަށް އެރީ" ރީމް އަލްޖަޒީރާއަށް ކިޔައިދިނެވެ.

2014 ވަނަ އަހަރުވެސް އިސްރާއީލުން ދިން ހަމަލާގެ ތަޖުރިބާ ރީމް ކުރިއެވެ. އޭރުވެސް ފެނުނީ މިފަދަ މަންޒަރެވެ. މީހުން ފުރާނަ ސަލާމަތް ކުރުމަށް ދުވަނީއެވެ. ދަރިން ކިހިއްޔަށް ޖަހައިގެން ރޮމުން ހުސްފަޔާ ސަލާމަތްކަން ހޯދުމަށް ދުވާ މަންޒަރު ފެނުމުން އޭރުގެ ހަނދާންތައް ރީމްއަށް އާވިއެވެ.

2014ގެ ހަމަލާތަކުގައި ސަލާމަތްވި ނަމަވެސް މިފަހަރު ސަލާމަތްވާނެ ކަމުގެ އުންމީދެއް ނެތް. 50ށްވުރެ ގިނަ ހަމަލާ އެއްފަހަރާ ފޮނުވާލި އަހަރެމެން ކާރުގައި ތިއްބާ. މަންޒިލަށް ދެވުމުގެ ކުރިން ހަމަލާއެއްގެ ދަށުވެދާނެ ކަމުގެ ބިރުން ބޭބެ ގައިގަ ބައްދައިގެން ރޮމުން ދިޔައީ" ރީމް ކިޔައދިނެވެ.

"ރަހުމަތްތެރިންނަށް އެންމެ ފަހުގެ ވަދާއި މެސެޖް ފޮނުވިން، ޝަހީދުވެއްޖެނަމަ ހޮޔޮ ދުއާ ކޮށްދިނުމަށް އެދުނިން "

11 ދުވަހުގެ ހަމަލާ ބަަދަލުކުރުމުގައި ޝަހީދުވެ ދިޔަ މީހުންގެ ތަފާސްހިސާބު

އަމާޒުކުރީ ހުރިހާ އެއްމެންނަށެވެ.

އުމުރުން 27 އަހަރުގެ މާހާ އޭނާގެ ދެ އަންހެން ދަރިންނާއެކު އުޅެމުން ދިޔައީ، އަލް-ޒައިތޫން ނެއިބަރހުޑް ގައެވެ. މާހާގެ ފިރިމީހާއަކީ ފޮޓޯ ޖާރނަލިސްޓެެކެވެ. ހަމަލާ ބަދަލުކުރަން ފެށުމާއެކު އާއިލާ ދޫކޮށް ދާން ޖެހުނެވެ.

"އާއިލާ ރައްކާތެރި ކުރުމުގެ ފުރިހަމަ ޒިންމާ އެޅިފައި އޮތީ އަހަރެންގެ ބޮލުގައި. ފިރިމީހާގެ ފޮޓޯތަކުން ހަގީގަތް ފެންނަން ފެށުމުން ބިރު ގަނޭ. ކުޑަކުދިން، އަންހެނުން، ޑޮކްޓަރުން، އާންމު ރައްޔިތުން، ހުރިހާ އެއްމެންނަށް އަމާޒުކޮށް ހަމަލާ ދެމުން ދިޔައީ" މާހާ ބުންޏެވެ.

ކޮންމެ ރެއަކު ހޭލާ ހުންނަނީ ދެ ކުދިން ސަލާމަތުން ތިބޭތޯ ބަލާށެވެ. އިރު އެރުމުން ބައިގަޑިއިރު ނިދައިގެން މުޅި ދުވަސް ވޭތު ކުރަނީއެވެ. މިއީ ގާާޒާ ގިނަ މައިންގެ ހާލަތެވެ. ފިރިމީހާ އާ ފޯނުން ވާހަކަދައްކާ ކޮންމެ ފަހަރަކު ގެއަށް އެނބުރި އާދެވޭނެ ވަގުތަކާ ބެހޭ ގޮތުން ސުވާލު ކުރުމުން ފިރިމީހާގެ ހަމަހިމޭން ކަމުން މާހާއަށް ޖަވާބު ލިބެއެވެ.

"ސަލާމަތްވީ ﷲގެ ކުޅަދުންވަންތަކަމުން"

މާހާ މިހާރު ދިރިއުޅެމުން އަންނަނީ، ބޮޑުބޭބެ ހިފާފައި ހުންނަ ފްލެޓްގައި ބޮޑުބޭބެއާއެކުގައެވެ. މާހާ އުޅޭމުންދިޔަ އެޕާރޓްމެންޓްވެސް ބޮމުގެ ހަމަލާއެއްގައި ބިމާ ހަމަވީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
10%
0%
90%
0%
0%
0%
ކޮމެންޓް